ދައުލަތުގެ މީޑިއާ ސިޔާސީކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރޮމޯޝަން ޖައްސާ، އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދީޭތީ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕީޕީއެމުން މިއަދު ވަނީ ޕީއެސްއެމްގެ ސީއީއޯ ބައްދަލުކުރުމަށް އެތަނަށް ގޮސްފައެވެ. އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ޕީއެސްއެމްގެ ސީއީއޯއާއި ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން ވަގުތުނުދެއްވާ، ވަލު ދޮރާށިން ސީއީއޯ އަލީ ޚާލިދުވަނީ ފިއްލަވައިގެން ބޭރަށް ވަޑައިގެންފައި ކަމަށް އެޕާޓީން ހާމަކުރެއެވެ.
ޕީޕީއެމުން ބުނީ އެޕާޓީން މިއަދު ޕީއެސްއެމްއަށް ދިޔައީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާތީ ކަމަށެވެ.
އަދި ޕީއެސްއެމް ހިންގާގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންނަށް ބިރުދައްކާ މުވައްޒަފުން ނިކަމެތި ކުރަމުންދާތީއާއި، ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އެމްޑީޕީ ބޭނުންވާގޮތަށް ޕީއެސްއެމް ހިންގަމުންދާތީ، މިކަންކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށްވެސް އެޕާޓީން ބުނެއެވެ.



