އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް ނުހޯދާ ބައެއް މީހުންނަށް ލުއިތައް ދިނުމަށް އެގްރީމެންޓް ހެދި މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަން އޭސީސީން ތަހުގީގު ކުރަން ޖެހޭކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބްރެޒިލްގައި ހިނގި ކޮރަޕްޝަނުގެ މައްސަލައެއްގައި ލީނިއަންސީ އެގްރީމެންޓެއްގެ ދަށުން ކެޕެލް އޮފްޝޯ އެންޑް މެރީނުން ބްރެޒިލްގެ މާލިއްޔާއަށް 88 އެމެރިކާ ޑޮލަރު ހޯދި ހަބަރެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ރާއްޖޭގައި އެމްއެމްޕީއާރުސީ މައްސަލައިގައި ލީނިއަންސީ އެގްރީމެންޓް ހަދައިފައިވަނީ ދައުލަތަށް އެންމެ ލޯ ލާރި އެއްވެސް ލިބޭ ގޮތަށް ނޫންކަމަށް ވިދާޅުވެ މުއއިްޒުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް ނުހޯދާ ބައެއް މީހުންނަށް ލުއިތައް ދިނުމަށް އެގްރީމެންޓް ހެދި މައްސަލަ އޭސީސީން ތަހުގީގު ކުރަން ޖެހޭކަމަށްވެސް މުއއިްޒު ވިދާޅުވިއެވެ.
އޭނާ އިޝާރާތްކުރެއްވި އެއްބަސްވުމަކީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތާއެކު ހެދި އެއްބަސްވުންތަކެވެ.
އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމުގެ ދަށުން އަދީބަށް ތުހުމަތުވާ ބޮޑެތި ބައެއް ކުށްތަކާ ގުޅިގެން ކުރިން އުފުލާފައި ހުރި ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔައެވެ. އަދި އެއިން ދައުވާއެއް ފަހުން ކޯޓަށް ހުށަހަޅާފައިނުވެއެވެ. އަދި އަދީބަށް އެމްއެމްޕީއާރުސީ މައްސަލާގައި ކުރެވުނު ތުހުމަތުތަކަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއްވަނީ އިއްވާފައެވެ. އެއީ އޭނާގެ މައްޗަށް އަންނަން އޮތް އަދަބު ދައުލަތުން އެދިގެން ލުއިކުރުމުން އައި އަދަބެކެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ދައުލަތުން އެކި ކަހަލަ ޑީލް ހަދައިގެން މަސައްކަތް ކުރަނީ އެއްވެސް ފައިސާއެއް ނުހޯދައި ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލެވޭތޯކަން ފާހަގަ ކޮށްލެވެއެވެ.



