ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުން އައި ނަމަވެސް އިޤުތިޞާދު ދަށަށް ދިއުމަށް މެދުވެރިވެދާނެފަދަ ގޮންޖެހުން ހުރިކަން ފާހަގަކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިއެމްއެފްއިން މިކަން ހާމަކޮށްފައިވަނީ އައިއެމްއެފްގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ސަރުކާރާއެކު ހަދަންޖެހޭ އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމައި މިއަދު އެ އިދާރާގެ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިޤުތިޞާދު ދަށްވުމަށް މެދުވެރިވެދާނެ ހިރާސްތައް އިޤުތިޞާދު އަންދާޒާކުރާ މިންވަރަށްވުރެ ރަނގަޅުވުމަށް މެދުވެރިވެދާނެ ސަބަބުތަކަށްވުރެ ގިނަ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮވިޑުގެ ވަބާއިން ރާއްޖޭގެ އިޤުތިޞާދު ހަލުއިކަމާއެކު އަރައިގަތީ އަވަހަށް ވެކްސިން ދިނުމާއި ސަރުކާރުން ލިބުނު އެހީތެރިކަމާއި ފަތުރުވެރިކަން އަވަހަށް ކޮޅަށްޖެހުމުގެ ސަބަބުންކަމަށްވީ ނަމަވެސް ބޭރުން ކުރިމަތިވާ ހިރާސްތަކާއި މާލީ ގޮތުން ރާއްޖެއަށް ހުރި ނުރައްކާތައް ވަރަށް ބޮޑަށް އެބަހުރިކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ބައެއް ބާޒާރުތަކުގެ އިޤުތިޞާދުތައް މަޑުޖެހުމާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ބައިނަލްއަޤުވާމީ މާލީ ބާޒާރުގެ ދަތިކަމަކީ ރާއްޖޭގެ އިޤުތިޞާދީ ކުރިމަގަށް ބަލާއިރު އެންމެ ބޮޑު ނުރައްކާތަކެއްކަމަށް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެފަދަ ބޮޑެތި ހިރާސްތަކަށް ރިއާޔަތްކޮށް އެދެވިގެންވާ އިސްލާހުތަކެއް ތަންފީޒުކޮށް ރާއްޖޭގެ އިޤުތިޞާދުގެ ވިލުންތެރިކަން އިތުރުކުރަން ދިވެހި ސަރުކާރަށް އެ އިދާރާގެ ބޯޑުން ލަފާދީފައިވާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ހައްލު އައިއެމްއެފްއިން ހިސާކޮށްފައިވާއިރު، މަރުކަޒީ ބޭންކު އެމްއެމްއޭއިން ވެސް ވަނި އިޤްތިޞާދަށް ނުރައްކާ އޮތްކަން ހާމަކޯށް ދައުކަތުގެ ޚަރަދުތައް ކުޑަކުރަންވެސް މީގެ ކުރިން ވެސް ލަފާދީފައެވެ.
މީގެ އިތުރުން އަންނަ އަހަރަށް ލަފާކޮށް މިހާރު ފާސްކޮށްފައިވާ ބަޖެޓާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައިވެސް ފާހަގަކުރި ގޮތުގައި ފަތުރުވެރިކަމުގެ މައި ބާޒާރުތަކުގެ އިޤުތިޞާދު ގޯސްވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ބައިނަލްއަޤުވާމީ މާލީ ބާޒާރުގެ ފިއްތުންތަކާހުރެ ބަޖެޓު ފޫބެއްދުމަށް ބޭރުން ނަގަން ނިންމާފައިވާ ދަރަނި ނުލިބި އެތެރޭގެ ބާޒާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް އެ ލަފާގައި ފާހަގަކުރިއެވެ.