- Advertisement -ad image

އަލިފާނުގެ ހާދިސާގައި މަގުމަތިވި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


ނީލަން ފިހާރައިގާ ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މަގުމަތިވި ސިޓީކައުންސިލްގެ ބިދޭސީ މަސައްކަތްތެރިންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒު މިރޭ ވިދާޅުވީ 200 އެއްހާ މުވައްޒަފުން ބައިތިއްބާނެ ވަގުތީވެސް އަދި ދާއިމީ ތަނެއްވެސް މާލެއިން ނުލިބުނު ކަމަށެވެ.
އެހެންކަމުން މިހާރު ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ތަނެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން ހަމަޖެއްސީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކުރިން ކޮވިޑް ފެސިލިޓީއެއް ގޮތަށް ބޭނުންކުރި ތަނެކެވެ.
އަދި މި މުވައްޒަފުން މާލެ ގެނެސް ގެންގޮސް ހެދުމަށް އެމްޓީސީސީގެ ޑަބަލް ޑެކް ދެ ބަސް ހަމަޖައްސާފައިވާއިރު މިއީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ މިއަދުގެ އަލިފާނުގެ ހާދިސާގައި ބައެއް މުވައްޒަފުންގެ ފައިސާ އާއި ޕާސްޕޯޓްފަދަ މުހިންމު ލިޔެކިޔުންވެސް އަނދާފައިވާތީ އެކަން ކަންވެސް ހަމަޖެއްސޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މަސައްކަތް ކުރަނީ ކުރިއަށް އެއްމަސް ދުވަހުގެ ތެރޭގައި މާލޭގައި އެ މުވައްޒަފުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ކަމަށާއި މިކަމުގެ އަމަލީ މަސައްކަތްތައް މާދަމާއިން ފެށިގެން ކުރާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ސިޓީކައުންސިލްގެ ބިދޭސީ މަސައްކަތްތެރިން ތިބޭ އެކޮމޮޑޭޝަން ބްލޮކް އެނދުމުން އެ މުވައްޒަފުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލްގައެވެ. އެވަގުތުން ފެށިގެން އާއްމުން ވަނީ އެ މީހުން ބޭނުންކުރާނެ ތަކެއްޗާ ކެއުން އިމާދުއްދީން ސްކޫލަށް ގެންގޮސްދީފައެވެ.

މޭޔަރު ވިދާޅުވީ މިފަދަ ހައްސާސް ވަގުތެއްގައި އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އެހީތެރިވެދިން ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ