- Advertisement -ad image

ސަރުކާރު ކުންފުނިތަކުގެ އެމްޑީއިން ބާރުގެ ބޭނުން ނަހަމަގޮތުގައި އިންތިހާއަށް ބޭނުން ކުރައްވާ: މޭޔަރު މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ކުންފުނިތަކުގެ އެމްޑީއިން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 86 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތްތަކާއި، އެނޫންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯގެ ފަރާތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެންނެވެ.

މޭޔަރު ވިދާޅުވީ މި ޢަމަލަކީ ސްޓެލްކޯ ފަދަ ރައްޔިތުންނަށް ޢާއްމު ޚިދުމަތެއް ދެމުންދާ ކުންފުންޏަކުން ކޮށްގެންވާނެ ކަމެއްނޫންކަމަށާއި، މިކަން ކޮށްފައިވަނީ ކައުންސިލުން ކަރަންޓްބިލް ނުދައްކައިގެން ނޫންކަމަށާއި، ކުންފުނީގެ އެމްޑީއަށް އަޑުއިވުނު ޔޯލަ ވާހަކަތަކަށް ބިނާކޮށްކަމަށެވެ. އެހެން ނަމަވެސް ނުދައްކާހުރި ބައެއް ބިލްތައް ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މިއާއިއެކު މޭޔަރު ވިދާޅުވީ އާންމު ޚިދުމަތްތަކަކީ މިފަދައިން ކުންފުނިތަކުގެ ވެރިން ބޭނުންވީމަ ބޭނުންގޮތެއް ހެދިގެންވާނެ ކަންކަމެއްނޫންކަމަށެވެ. އަދި ކުންފުނި ތަކުގެ ވެރިންނަށް މިފަދަ ބާރެއްލިބިފައި އޮތްނަމަވެސް މިގޮތަށް ޢަމަލު ނުކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދެމުންދާ އެއްވެސް ހުއްދައެއް ހުއްޓުވާފައި ނުވާނެ ކަމަށާއި، އެއީ ކައުންސިލުން ކުރާނެކަމެއް ނޫންކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސްޓެލްކޯ އަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްނަމަ މިފަދައިން ޢަމަލުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ކަރަންޓުގެ ޚިދުމަތަކީ ލާމަރުކަޒީ ޤާނޫނުގައިބުނާ ޢާއްމު ޚިދުމަތެއް ކަމަށާއި، މިއީ މިހެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިއިރު ސްޓެލްކޯއިންވެސް ޢަމަލުކުރީ ބެއްލެއްވުމެއްވެސް ނެތި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކަށް ބުރޫއަރާ ގޮތަށް ކަމުގައި މޭޔަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާކުތަކާއި، އާންމު ރައްޔިތުންނަށް ޚިދުމަތްދޭ އޮފީސްތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލިކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެމްކޯގެ ފަރާތުންވެސް މިފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލުން މާލޭގެ މަގުތަކާއި ހުސްބިންތަކުން ނަގާކުނި ގެންގޮސް އަޅަމުންދާ ވެމްކޯގެ ސައިޓުން ކުނި ބަލައިގަތުންވެސް ހަމަ އެދުވަހު ހުއްޓުވިކަމަށް މޭޔަރު ވިދާޅުވިއެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ ވެމްކޯގެ ސައިޓަށް ކުނި އަޅަނީވެސް ފައިސާ ދެއްކުމަށްފަހުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ