އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ޖެހުނު އިނގިރޭސި އުމުރާވެރިއަކު މައްކާ ހޮސްޕިޓަލުގެ މެޑިކަލް ޓީމަކުން ސަލާމަތްކޮށްފި އެވެ.
އެގޮތުން އުމުރުން 70 އަހަރުގެ އިނގިރޭސި އުމުރާވެރިޔާގެ ފުރާނަ ސަލާމަތް ކުރެވުނީ މައްކާގެ އަޖުޔާދު އިމަޖެންސީ ހޮސްޕިޓަލުގެ މެޑިކަލް ޓީމު ކުރި މަސައްކަތުންނެވެ.
އާރްޑީއެސް އަކީ ފުއްޕާމޭގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް އެކަށީގެންވާ އޮކްސިޖަން ފޯރުކޮށް ނުދެވޭ ފުރާނައަށް ނުރައްކާވާ ހާލަތެކެވެ.
މައްކާ ހެލްތު ކްލަސްޓާއިން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމަށް ކުއްލި ހާލަތުގެ ހިދުމަތް އަވަހަށް ފޯރުކޮށްދެވުނީ ބަލިމީހާއާ ބެހޭ މައުލޫމާތު ލިބުމުންނެވެ.
އެގޮތުން ކްލިނިކަލް، ލެބޯޓްރީ އަދި ރޭޑިއޮލޮޖިކަލް ތަހުލީލުތަކަށް ފަހު އުމުރާވެރިޔާ އަށް ސީރިއަސް ނިއުމޯނިއާ ޖެހި އޮކްސިޖަންގެ މިންވަރު ދަށްވެފައިވާކަން އެނގުނެވެ.
އުމުރާވެރިޔާ އިންޓެންސިވް ކެއާ ޔުނިޓުގައި އެޑްމިޓް ކުރުމަށް ފަހު ވެންޓިލޭޓަރަށް ބަދަލުކުރި އެވެ.
އައިސީޔޫގައި ހަތަރު ދުވަސް ހޭދަކުރުމަށްފަހު އޭނާގެ ހާލު ރަނގަޅުވެ ހަމަޖެހުނެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ފަހުންނެވެ.
މައްކާ ހެލްތު ކްލަސްޓާއިން ވަނީ އެންމެ މަތީ ފެންވަރުގެ އެންމެ ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ހުރިހާ ވަސީލަތްތަކެއް ފުރިހަމައަށް ތައްޔާރަށް ހުރިކަން ކަށަވަރުކޮށްދީފައެވެ.
