މިއަދުގެ ހުކުރު ޚުޠުބާގައި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަށްޓަކައި ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފިއެވެ.
“ރަނގަޅު ޢާއިލާއެއް ބިނާކުރުން” މި މައުޝޫގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދީނުގައި އަންގަވާފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަމަކީ ޢާއިލާގެ ތެރެއިން ނައްތާލަންޖެހޭ ކަންކަމެވެ. އަދި އިސްލާމްދީނަކީ ޢަދުލުވެރި އަދި ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދަރީން ފުރާވަރަށް އެރުމުން ހުރިހާ ކަމެއް ހުއްދަވީކަމަށް ދެކިގެން ނުވާނެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރުމަށް ދަރީންނަށް އިރުޝާދު ދޭންވާނެއެވެ.
“އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެން” ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ، ދަރީންނަކީ މާތްﷲ ދެއްވި އަގުހުރި ނިޢުމަތެއްކަމާއި، އެ ނިޢުމަތާއެކު އަންނަ މަސްއޫލިއްޔަތު އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި ދަރީންނަށް ދީނީ އަދި ދުނިޔަވީ ތަޢުލީމު ދިނުމުގައި ފަރުވާތެރިވުމަށާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.