މައިންބަފައިންނަކީ ދަރިންނަށްޓަކައި އެތައް ވޭނަކާ ބުރަ ބޮޑު ޒިންމާއެއް އުފުލާ ބައެކެވެ. މައިންބަފައިން ހިތުގައި ނުޖައްސާ މަރުދުވަހާ ހަމައަށް ރަނގަޅު ގޮތުގައި ބެލުމަށް އިސްލާމްދީން ނުހަނު ބާރު އަޅައެވެ.
ބަލިހާލުގައިވާ މަންނަ ގޮވައިގެން ތަވާފް ކުރަމުންދިޔަ ހިތްވަރު ގަދަ ޒުވާނެއްގެ ވީޑިއޯ މިވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
އުސްބަކިސްތާނުގެ މި ފިރިހެން މީހާ ގެފުޅު ކައިރީ ތަވާފް ކުރަމުންދަނީ އޭނާގެ އުމުރުން ދުވަސްވީ މަންމަ ބުރަކަށިމަތީ ބާއްވައިގެންނެވެ.
ހޯމަ ދުވަހު ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ މިވީޑިއޯ މިހާރުވެސް ވަނީ އަށްޑިހަ ހަހާހަށްވުރެ ގިނަ މީހުން ބަލާފައެވެ. ގިނަ ބަޔަކު ދަނީ މި ފިރިހެންމީހާއަށް ތައުރީފު ކުރަމުންނެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނި ގޮތުގައި މަންޒަރު ސިފަވަނީ އެ މަންމަ އެ ޒުވާނާ ކުޑައިރު އުރައިގެންދާ ފަދަ ގޮތަކަށެވެ. އަދި މިފަދަ ނަސީބެއް ލިބޭނީ މަދު މީހަކަށް ކަމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ހަނދާން ކުރުމަށް ގިނަ ބަޔަކު ބުނެދީފައިވެއެވެ.