މާތްވެގެންވާ ލައިލަތުލް ޤަދުރު ކަމަށް ގިނަ ބަޔަކު އިއްތިފާޤްވާ ރަމަޟާން މަހުގެ 27 ވިލޭރޭ، މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގައި އިޝާ ނަމާދާއި ތަރާވީޙް އަދި ޤިޔާމުއްލައިލް ކުރުމަށް 3 މިލިއަނަށްވުރެ ގިނަ މުސްލިމުން ޖަމާވެއްޖެއެވެ.
ރޭ ދެ މިސްކިތުގެ ހުރިހާ ފަންގިފިލާތަކާއި ގޯތިތެރެ އަދި ޙަރަމް ސަރަޙައްދުގެ މަގުތައް ވަނީ ފުރިފައެވެ. އަދި ރޭގައި މުސްލިމުން ވަނީ ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށާއި ބަރަކާތްތެރިކަމަަށް އެދި ދުޢާކޮށްފައެވެ. މި ރަމަޟާން މަހުގައި ޚާއްޞަ ރޫޙާނީ މާޙައުލެއް ޤާއިމްވެފައިވާއިރު، ރެއަކީ ހާސް މަހަށްވުރެ ހެޔޮވެގެންވާ، ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ.
މަސްޖިދުލް ޙަރާމްގައި، ދެ ޙަރަމްގެ ކަންތައްތައް ބެލެހެއްޓުމުގެ އާންމު އޮތޯރިޓީގެ ވެރިޔާ ޝައިޚް ޢަބްދުއްރަޙްމާން އައްސުދައިސް އިމާމުވެ ކުރެއްވި އިޝާ ނަމާދާއި ތަރާވީޙް އަދި ޤިޔާމުއްލައިލްގައި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވިއެވެ. އަދި ރޭ ވާރޭވެހުމާއެކު، މުސްލިމުންގެ ކަރުނައާއި ރަޙްމަތުގެ ވާރޭ އެކުވެގެން ދިޔައެވެ.
ދެ ޙަރަމްގެ ކަންތައްތައް ބެލެހެއްޓުމުގެ އާންމު އޮތޯރިޓީން ވަނީ މުސްލިމުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ސާފުތާހިރުކަން ބެލެހެއްޓުމާއި، އެއަރކޮންޑިޝަނިންގ، އަދި އެކި ބަސްބަހުން ޤުރުއާން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ‘ތަނަޤުލް’ އެޕް މެދުވެރިކޮށް ގޮލްފް ކާޓާއި އިލެކްޓްރިކް ކާޓުގެ ޚިދުމަތްވެސް ފޯރުކޮށްދެވުނެވެ.
މި މަތިވެރި ރޭގައި މައްކާ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތައް ވަނީ އިތުރަށް ހަރުދަނާކުރެވިފައެވެ. އަދި ސަޢޫދީ ބޮއި ސްކައުޓްސް އެސޯސިއޭޝަންގެ 400 އަށްވުރެ ގިނަ ސްކައުޓުން ޙަރަމްގެ ތެރޭގައި ހަރަކާތްތެރިވެ، ޙަރަމްގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެފައިވެއެވެ.



