- Advertisement -ad image

ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފަށް ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީ!

ad image

ގުޅުންހުރި ލިޔުންތައް

ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފުންނަށް ލިބޭ ޗުއްޓީގެ ވާހަކަ އާދަޔާ ހިލާފު ބާރަށް ދެކެވެމުންދާ ދުވަސްވަރެކެވެ. އެހެންކަމުން ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ އާއި ގުޅޭގޮތުން ގާނޫނާއި ގަވައިދުތަކުގައި އޮތް އެއްޗެއް އެނގުން ވަރަށް މުހިންމެވެ.

ވަޒީފާ އާއި ބެހޭ ގާނޫނުގެ 43 ވަނަ މާއްދާ:
ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ – އަންހެން މުވައްޒަފަކު، ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް ވިހެއުމާއި ގުޅިގެންދޭ، 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ. ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެވެ. މިމާއްދާ މިހެން އޮތުމަކުން ވިހެއުމާއި ގުޅިގެންދޭ، ޗުއްޓީ ފުރިހަމަނުކޮށް ވަޒީފާއަށް ނިކުތުން އެމުވައްޒަފަކަށް މަނައެއް ނުކުރެއެވެ.

ސިވިލް ސާރވިސް ގަވައިދު:
181 ބަލިވެއިނުމާއި ވިހެއުމާއި ގުޅިޣެންދޭ ޗުއްޓީ-
(ހ)މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީޚުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަޔާއެކު ދޭން ވާނެއެވެ.
184 އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ
(ހ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ވަޒީފާއާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(ށ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން ދޭ، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށް ފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ފުރުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ދޭން ވާނެއެވެ.

ނަމަވެސް ގިނަމީހުންނަށް ނޭންގޭ ކަމަކީ، މުސާރަޔާއި އެކު 6 މަސްދުވަހުގެ ޗުއްޓީ އެއް ވިހައިގެން އަންހެން މުވައްޒަފަށް ދިނުން ލާޒިމު ކުރަނީ ވަޒީފާ އާއި ބެހޭ ގާނޫނުން ނޫން ކަމެވެ. އެއީ ސިވިލް ސާރވަންޓުންނަށް ސިވިލް ސާރވިސްގެ ގާނޫނާއި ގަވައިދުން ގެނެސްފައިވާ ބަދަލެކެވެ.

ނަމަވެސް އެ ނޫން މުވައްޒަފުންނަށްވެސް ވަޒީފާ އާއި ބެހޭ ގާނޫނުން ލިބިދޭ 60 ދުވަހަށްވުރެ އިތުރަށް ހަ މަސް ދުވަސް ނުވަތަ އެ ނޫން ކިތަންމެ ގިނަ ދުވަހެއްވެސް މުސާރަލިބޭގޮތަށް (ތަނެއްގެ އުސޫލާ ގަވައިދު) ބަދަލުކޮށްގެން ދިނުމުގެ ހުރަހެއް ވަޒީފާ އާއި ބެހޭ ގާނޫނަކު ނެތެވެ.
ސަބަބަކީ ވަޒީފާ އާއި ބެހޭ ގާނޫނުން ކަނޑަަޅާފައިވާ މިނިމަމް ހައްގުތަކަށްވުރެ އިތުރު މަންފާ އެތަނެއްގެ މުވައްޒަފުންނަށް ލިބޭގޮތަށް ތަނުގެ ކަންކަން ކަނޑައެޅުމަކީ އެ އޮފީހެއްގެ އިހުތިޔާރީ ކަމަކަށް ވާތީއެވެ.

ސަރުކާރު ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ދިނުމަށް ނިންމާ އެކަން ތަންފީޒުކުރަން ފެށީ 2019 ވަނަ އަހަރުގެ މާޗްމަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވީ 4 އަހަރުގެތެރޭގައި ދަރިއެއް ލިބުމާއި ގުޅިގެން 2847 އަންހެނުންނަށް އަދި 1142 ފިރިހެނަކަށް ވަނީ ޗުއްޓީ ދީފައެވެ. ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދަރިއެއް ލިބުމާއި ގުޅިގެން މުސާރައާއި ޢިނާޔަތްތައް ލިބޭނެހެން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 3898 މުވައްޒަފުންނަށް ވަނީ ޗުއްޓީ ދީފައެވެ.

ސިވިލް ސާރވަންޓުންނަށް ވިހެއުމާއެކު ހަމަސް ދުވަހުގެ ޗުއްޓީ ދޭން ފެށުމުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުންވެސް މިބަދަލު ގެނައެވެ.

ވިހެއުމާއި ގުޅިގެން މިފަދަ ދިގު ޗުއްޓީއެއް އަންހެން މީހާ އަށް ލިބުމަކީ ބޭނުންތެރިކަމެކެވެ. ދަރިފުޅަށް އަވަސް އަވަހަށް ގާތުން ދޭން ޖެހުމާއި ކާންދޭން ފަށާނީ ހަ މަސްވުމުން ކަމަށްވާތީ މައިމީހާ އާއި ދަރިފުޅަށް އެކުގައި ވަގުތުތައް ހޭދަކުރެވުމަކީ މުހިންމު ކަމަކަށް ވާތީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ