ވޮލީކުޅޭ ހިތްވާ މީހުންނަށް އައިޝަތު މާޖިދާ އޭ ބުނުމުން އާ ނަމަކަށް ނުވާނެ އެވެ. މާޖިއަކީ އުމުރުގެ އެންމެ 17 އަހަރުގައި ވޮލީކުޅެން ފެށި ކުޅުންތެރިއެކެވެ. ކައިވެންޏެއް ކޮށް ދަރިއެއް ލިބުނު ނަމަވެސް މާޖިދާގެހިތް އަދިވެސް އޮތީ ވޮލީ ކޯޓުގަ އެވެ.
މާޖިދާގެ އެންމެ ޅައިރުގެ ހަނދާންތައް ފެށެނީ ހަވީރު ރައްޓެހިންނާއި އެކު ކުޅެންދާ ހިސާބުންނެވެ. އަބަދުވެސް ކުޅިވަރުގައި އުޅުނު މާޖިދާ އޭރު ކުޅެއުޅުނީ ނެޓްބޯޅަ އެވެ. ހަމައެހެންމެ ސްކޫލްގެ އިންޓަރހައުސް މުބާރާތްތަކުގައި ވެސް މާޖިދާ ކުޅެ އުޅުނެވެ.


އުމުރުން އެންމެ 18 އަހަރުގައި އެމްއެންޑީއެފް އާއި ގުޅުނު މާޖިދާއަކީ މިހާރު ވޮލީ ކުޅުމުން ރާއްޖޭގައި އެންެމެ އުހުގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ. ޤައުމީ ވޮލީ ޓީމުގައި ކުޅުމަށްފަހު ދާދިފަހުން މާޖިދާ ވަނީ ޤައުމީ ބީޗް ވޮލީ ޓީމާއި ގުޅި ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ.
ވޮލީކުޅުމުގައި ގާތްގަނޑަކަށް 13 އަހަރު ހޭދަކޮށްފައިވާ މާޖިދާއަކީ މިހާރު ދެ އަހަރު ކުއްޖެއްގެ މަންމައެއްވެސް މެއެވެ. ކޮވިޑްގެ ބިޔަ ރާޅުގެ ކޮޅިގަނޑު ވިހައިގެން އުޅުނު މާޖިދާއަށް ވެސް ކުރިއެވެ. ރިކަވަރީއަށްފަހު އަލުން ފިޓްވެގެން ވޮލީގެ ތެރެއަށް ނުކުތުމަކީ އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖެވެ. އެހެންނަމަވެސް މިކަމާއި މާޖިދާ ކުރިމަތިލީ ފަހަތަށް ބެލުމެއް ނެތި އެވެ.


2019 ވަނަ އަހަރު އެންމެ ފުރަތަމަ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނު މާޖިދާ ޤައުމީ ޓީމުން ވަކިވެ ބީޗު ވޮލީއާއި ގުޅުނު އެއް ސަބަބަކީ ވެސް މިއެވެ. ކުރިއަށް އޮތް މުބާރާތަށް ޑައިޓާއެކު ޕްރެކްޓިސް ކުރި މާޖިދާ ސްރި ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ފުރަަތަމަ ބީޗްވޮލީބޯޅަ މުބާރާތް ނިންމާލީ އައު އުންމީދަކާ އެކުގަ އެވެ.
ގައުމީ ބީޗްވޮލީ މުބާރާތަށް އައިއިރު 86 ކިލޯ ވަރު ހުރި މާޖިދާ ވަނީ ބީޗް ކޯޗު (ވިނީޝިއުސް)އާ އެކު ހެދި ޓްރެއިނިންތަކުގެ އެހީގައި ބަރުދަން 66 ކިލޯއަށްވުރެ ވެސް ދަށްކޮށްލާފަ އެވެ. މިއީ މަންމައެއްގެ ގޮތަށް މާޖިދާ ފެށި ދަތުރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުން އަރައިގަނެވުނު ހިސާބެވެ.


ވިހެއުމަށްފަހު އެންމެ ފަސް މަހުގެ ބްރޭކަކަށް ފަހު އަލުން ވޮލީއާއި ގުޅުނު މާޖިދާ އަދިވެސް ހުރީ ވަރުގަދަކޮށެވެ. ހާއްސަކޮށް އާއިލާ އާއި ފިރިމީހާ، ޒައިދާން އަހުމަދު (ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު)ގެ އެހީތެރިކަން މާޖިދާވަނީ ފާހަގކޮށްފަ އެވެ.
މާޖިދާ ބުނިގޮތުގައި އޭނާގެ މިހާު އެންމެ ބޮޑު އުއްމީދަކީ އަދިވެސް ވޮލީއިން އާ މޫނުތަކެއް ފެނުމެވެ.
“ވަރަށް ރަނގަޅު ކުދިން ނުކުމޭ މިހާރުވެސް. ރާއްޖޭގައި ވަސީލަތްތައް ގިނަވެފައި ރަނގަޅަށް ޕްރެކްޓިސް ލިބޭނަމަ އަދި މިއަށްވުރެވެސް ރަނގަޅު ކުރެވޭނެ”
ނިމިދިޔަ ފޯ ނޭޝަން ކަޕްގައި، އަދި މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް މޮޅު ކުޅުމެއް ދެއްކި މާޖިދާ އަކީ ވިސްނުންތޫނު ކުޅުންތެރިއެކެެވެ. މި މުބާރާތުގެ ސެމީފައނަލުން މާޖިދާ ވަނީ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމް ވެސް ހޯދާފަ އެވެ.


އާ ދިރިއުޅުމަށް ހޭނެން ނެގި މަދު ވަގުތުކޮޅާއެކުވެސް މާޖިދާ މިހާރުވެސް ހުރީ ބީޗް ވޮލީއިން އިތުރު ހަރުފަތަކަށް ކުރިއަށް ދިއުމަށް ތައްޔާރަށެވެ. އެހެންނަމަވެސް ހާލަތު ދިމާކުރާގޮތަކުން އިންޑޯއަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް މާޖިދާވަނީ ބުނެފަ އެވެ.