ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު އޮތް ގޮތުން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ، ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.