- Advertisement -ad image

އައިޝާ މިސް: ތައުލީމީ ދާއިރާގައި 32 އަހަރު، އަދިވެސް ފަހަތަށް ބެލުމެއްނެތި ކުރިއަށް!

ad image

ގުޅުންހުރި ލިޔުންތައް

ކޮންމެ މީހަކަކީވެސް ދިރިއުޅުމުގައި ހުވަފެންތަކެއް ދެކޭނެ މީހެކެވެ. އެއީ އަމިއްލަ ދިރިއުޅުން އާރާސްތު ކުރުން، ރަނގަޅު ވަޒީފާއެއް ހޯދުން ނުވަތަ ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރުން ކަމުގައި ވީނަމަވެސް، މި ހުރިހާ ކަމެއް ގުޅިލާމެހިފައި އޮންނަނީ އެމީހަކަށް ލިބިފައި އޮންނަ ޢިލްމީ ޤާބިލްކަމެއްގެ މައްޗަށެވެ.
ގދ. ރަތަފަންދޫއަށް އުފަން އައިޝަތު އަބްދުﷲ (އައިޝާ މިސް) އަކީ ވެސް ފުރާވަރު އުމުރުގައި މިފަދަ ހުވަފެންތަކެއް ދުށް މީހެކެވެ. މޮޅަށް ކިޔަވައި އަމިއްލަ ރަށަށް ހިދުމަތް ކޮށްދިނުމަކީ އައިޝާ އަބަދުވެސް ކުރަން ބޭނުންވި ކަމެކެވެ. އެހެންނަމަވެސް މުދައްރިސަކަށް ވުމަކީ ދުރުދުރުން ވެސް އައިޝާ އުއްމީދުކުރި ކަމެއް ނޫނެވެ.

ހުރަވީ ސްކޫލްގެ ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ އައިޝާގެ ހަޔާތުގެ ފުރާވަރު އުމުރު ހޭދަކޮށްފައިވަނީ އެހެންމީހުންނަށް ތައުލީމު އުނގަންނައިދިނުމަށެވެ. އުމުރުން އެންމެ 16 އަހަރުގައި އައިޝާ ފެށި މި މަސައްކަތަށް މި އަހަރު 32 އަހަރުވާނެ އެވެ. އައިޝާގެ ގާތުން އުނގެނުނު އެތައް ދަރިވަރުންނެއް މިއަދު ރާއްޖޭގައި އެބަތިއްބެވެ. ސަރުކާރު އިސް ވަޒީފާތަކުން ފެށިގެން އަދިވެސް މި ނޫން އެތައް ޤާބިލް ޖީލެއް ވަނީ އައިޝާގެ މުދައްރިސްކަމުގެ ހިޔަލުން އުފައްދައިދީފަ އެެވެ.

” އަސްލު ފުރަތަމަ ޓީޗަރަކަށް ވާކަށް ނޫން ހުރީ. އެކަމަކު ބައްޕަ ބަލިވެފައި، ކޮއްކޮ ކިޔަވަން ރަށުން ބޭރުގައި ހުރީމަ އެކަމަށް ބޭނުންވާ ފައިސާ ނެތިގެން ވަޒީފާއަކަށް ދާން ނިންމީ. އޭރު އާއިލާގެ އެންމެ ދޮށީ މީހަކަށް ހުރީ އަޅުގަނޑު. ދެން ފުރަތަމަ ދިޔައީ ރަތަފަންދޫ މަކްތަބް ވަގުތީ ޓީޗަރެއްގެ ގޮތަށް.”

ރަތަފަންދޫ މަކްތަބްއަކީ އެރަށުގައި ސްކޫލެއް ޤާއިމްކުރުމުގެ ކުރިން ކުދިންނަށް ތައުލީމު ފޯރުކޮށްދެމުން ދިޔަ ތަނެވެ. އެތަން އޭރު ހިންގަމުން ދިޔައީ ރަށުގެ ބޮޑު ކަތީބުގެ އިރުޝާދުގެ ދަށުންނެވެ. އައިޝާގެ ފުރަތަމަ މަދަރުސާއަކީ ވެސް މިއެެވެ. ރަތަފަންދޫ މަކްތަބްގައި އައިޝާ ކިޔަވައިދޭން ފެށިއިރު އެތަނުގެ ހުރިހާ މަސައްކަތެއްވެސް ކުރަމުންދިޔައީ އައިޝާ އެކަންޏެވެ. މަކްތަބްގެ އިސްލާމް ޓީޗަރުން ފެށިގެން ހިސާބު ޓީޗަރު އަދި ތަނުގެ އިދާރީ މަސައްކަތްވެސް ކުރަމުން ދިޔައީ އައިޝާ އެކަންޏެވެ. އެތަނަށް މުދައްރިސުން އިތުރުކޮށްފައިވަނީ ވެސް އޭގެ ދެ އަހަރު ފަހުންނެވެ.

މީގެއިތުރުން ރަތަފަންދޫ ސްކޫލްގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި ޓީޗަރުންގެ ތެރޭގައިވެސް އައިޝާ ހިމެނެ އެވެ.

“5 އަހަރު ރަށު ސްކޫލްގައި ވަގުތީ ޓީޗަރެއްގެ ގޮތުގައި އުޅުނީ. ދެން މާލެ ބަދަލުވީ އަޅުގަނޑު ކިޔަންވަންށާއި އަދި ކުދިންނަށް ވެސް ކިޔަވައިދޭން ވެގެން.”

1994 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އައިޝާގެ ވަގުތުތައް ހުސްކޮށްފައިވަނީ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށެވެ. މާލޭގައި އޭރު ހުރި އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ އާލިޔާ ސްކޫލާއި، އަމީރު އަހުމަދު އަދި ގަލޮޅު މަދަރުސާގައި ވެސް އައިޝާ ވަނީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އެވީ ދުވަސްތަކުގައި އައިޝާވަނީ ސެކަންޑްރީ އިސްލާމް ޓީޗިންވެސް ފުރިހަމަކޮށްފަ އެވެ.

މުދައްރިސެއްގެ ގޮތުގައި އައިޝާ ހޭދަކޮށްފައިވަނީ އުފާވެރ ދުވަސްތަކެކެވެ. ދަރިވަރުންނަށް ލިބޭ ކޮންމެ ކާމިޔާބީއަކީވެސް އައިޝާއަށް ލިބޭ ކާމިޔާބީއެކެވެ. އެކުދިންގެ ކޮންމެ ވާހަކައެއްވެސް އަޑު އަހަނީ ފޫހިކަމެއް ނެތިއެވެ. އެހެންކަމުން މިއަދުވެސް އައިޝާވެފައިވަނީ ގިނަ ދަރިވަރުންތަކެއްގެ ފޭވަރިޓް މުދައްރިސަށެވެ.

އައިޝާ ދެކޭގޮތުގައި މުދައްރިސެއްގެ ވަޒީފާއަކީ ބުރަ އަދި އެކަމަށް ނުހަނު ވަގުތު ހޭދަވާކަމެކެވެ. ގިނަގުނަ ޤުރުބާނީތަކެއް ވާޏްޖެހޭ މި ބުރަ މަސައްކަތުގައި އައިޝާއަށް ދެމި ހުރެވުނީ އޭނާގެ މަންމަގެ އެހީތެރިކަމާއެކުގަ އެވެ.

“މަންމަގެ އެހީތެރިކަމާއި ނުލައި މިއަދު އަޅުގަނޑަށް މި ހިސާބަކަށް ނާދެވޭނެ. ކިޔެވުމަށް މަންމަ އަބަދުވެސް ވަރަށް ސަޕޯޓްކުރާނެ. އަޅުގަނޑު ވަޒީފާއަށް ދަމުން ކިޔެވި ދުވަސްވަރު އަޅުގަނޑުގެ ކޮއްކޮމެންނާއި އަޅުގަނޑުގެ ދަރިން ބަލަހައްޓަދިނީ މަންމަ. މަންމައަށް ހުރިހާ ޝުކުރެއްވެސް ހައްޤު. އަސްލު އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ ސެޓްފިކެޓަކީ މަންމަގެ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހާވެސް މަންމަ ރަނގަޅު.”

ވަޒީފާއަށާއި ކިޔެވުމަށް ވަގުތު ހުސްކުރަމުންވެސް މަންމަގެ އެހީތެރިކަމާއެކު އައިޝާވަނީ ހެޔޮލަފާ 4 ދަރިން ތަރުބިއްޔަތުކޮށްފަ އެވެ. ހަމައެހެންމެ އައިޝާއަކީ މިއަދު ހަތަރު ކުދިންގެ މާމައެއްވެސް މެއެވެ. އައިޝާގެ ކުދިންނަކީ ވެސް ރަނގަޅު ވަޒީފާތަކެއްގައި ތިބި ހަރުދަނާ ކުދިންތަކެކެވެ.

“އަބަދުވެސް ބޭނުންވި އަޅުގަނޑުގެ ދަރިންނަކީ ކިޔަވައިގެން ތިބި ޤާބިލްކުދިންތަކަކަށް ވާން. އެކަމަކު ކިޔެވުމަށް އެއްވެސް ކުއްޖަކަށް އަޅުގަނޑު މަޖުބޫރެއް ނުކުރަން. ٱلْحَمْدُ لِلَّٰهِ. މާތް ﷲ ހެޔޮ އިރާދަފުޅާއެކު އަޅުގަނޑުގެ ދޮށީ ދެކުދިންވެސް މިހާރު އުޅެނީ ރަނގަޅު ވަޒީފާގައި. ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް ކިޔެވި. ދެން އެކި ކުދިން ކިޔަވާނީ އެކި ވަރަށް. އެކި ކުދިންގެ ހުންނާނީ ވެސް އެކި ކަހަލަ ހުނަރު. “

މުދައްރިސެއްގެ ގޮތުގައ އައިޝާވަނީ މާލޭގެ ގިނަ ސްކޫލްތަކެއްގައި ވަޒީފާ އަދާކޮށްފަ އެވެ. މީގެތެރޭގައި އިސްކަންދަރު، ހިރިޔާ، ޖަމާލުއްދީން، ޢާޒީ ސްކޫލް ހިމެނެ އެވެ. މިތަނުންވެސް ޢާޒީ ސްކޫލްގައި އުޅުނު ދުވަސްވަރު އައިޝާ ކިޔަވައިދިން ދަރިވަރުން އޯލެވެލް އަދި އޭލެވެލްގެ އިސްލާމުން 100 އިންސައްތަ ފާސްވި ދުވަހަކީ މިއަދާއި ހަމަޔަށް މި ދާއިރާގައި އެންމެ އުފާވި ދުވަސް ކަމަށް އައިޝާ ވަނީ ބުނެފަ އެވެ.

“ލާލޭ ސްކޫލްގައި ކިޔަވައިދިން މުޅި ގްރޭޑް އެއްކޮށް އޯލެވެލް އަދި އޭލެވެލްއިން ފާސްވި ދުވަހު ވަރަށް އުފާވި. ވަރަށް ތަފާތު އިހްސާސެއް ކުރެވުނު ދުވަހެއް އެއީ. ދެން އޭގެފަހުންވެސް ކިޔަވައިދީފަ ތިބޭ ދަރިވަރުން މަގުމަތިން ފެނި ވާހަކަދައްކާ ކޮންމެ ފަހަރަކު އެހާ އުފާވޭ. އެ ވަރިހަމަ ކިތަންމެ މަތީ މަޤާމެއްގައި ހުއްޓަސް، އަޅުގަނޑު ފެންނައިރަށް އެ ކުދިން އައިސް ވާހަކަދައްކާނެ. ބުނާނެ މިއީއޭ ތިމަންނަގެ މުދައްރިސަކީ. ތިމަންނަ މީހަކަށް ހަދައިދިން މީހަކީ މިއޭ. ވަރަށް އުފާވޭ އެކަހަލަ ވަގުތުތަކުގައި.”

ސެކަންޑްރީ އިސްލާމް ޓީޗިން އާއި އިސްލާމީ ޝަރިއްޔާ އެންޑް ލޯ އިން މާސްޓަސް ޑިގްރީ ހާސިލްކުރުމަށްފަހު މިހާރު އައިޝާގެ އަމާޒަކީ ޤުރުއާނުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމެވެ. އުމުރުން 16 އަހަރުގައި ކިޔެވުމަށް އައިޝާ ފެށި ދަތުރު އަދިވެސް އޮތީ ކުރިއަށެވެ. ހަމައެހެންމެ މުދައްރިސްކަމުގައިވެސް އައިޝާގެ މިސްރާބު އޮތީ އަދިވެސް ކުރިއަށެވެ.

އައިޝާވަނީ ތައުލީމީ ދާއިރާއިން ދުވަހެއް ދުވަހަކަށް ފެންނަމުންދާ އައު މޫނުތައް އިތުރުކަންވެސް ފާހަގަކޮށްފަ އެވެ. އަދި މިއީ އެތައް ޤުރުބާނީއެއް ވާންޖެހޭ މަސައްކަތެއް ކަން ހަނދާންކޮށް ތައުލީމު އުނގަންނައިދޭން ވާނީ ކުރާ ސަދަޤާތެއް ގޮތަށްކަމަށް އައިޝާވަނީ ބުނެފަ އެވެ.

“މުދައްރިސަކަށް ވުމަށްފަހު އަބަދުވެސް ސިކުނޑީގައި އޮންނާނީ ތައުލީމީ ކަންކަމާއި ގުޅޭ ކޮންމެވެސް ކަމެއް. ކުދިންގެ، ސްކޫލްގެ ނޫނީ ބެލެނިވެރިންނާއި ގުޅޭ ކަންކަން. ސްކޫލްގެ ލެސަން ޕްލޭންތައް. މިކަހަލަ އެތައްކަމެއް. މިއީ ވަރަށް ބުރަ އެކަމަކު އެހާމެ ހެޔޮ މަސައްކަތެއް. އަޅުގަނޑު މިއަދު މުދައްރިސެއްގެ ގޮތުގައި މިއުޅެނީ އުޅޭ ހިތުން. މިއީ އަޅުގަނޑުގެ ދިރިއުޅުމުގެ އެއްބައި. އަޅުގަނޑުގެ ގާތުން އުނގެނޭ ކޮންމެ ދަރިވަރަކީ ހަމަ އަޅުގަނޑުގެ ވެސް ދަރިއެއް.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ