ކާމިޔާބީ މީހުންނާއި ބައްދަލުކުރަނީ ހަޔާތުގެ އެކި ހިސާބުތަކުގަ އެވެ. ބައެއް މީހުންނަށް މިފަދަ ކާމިޔާބީއަކީ އެތައް އަހަރަކު ދުށް ހުވަފެނެކެވެ. އަދި އެކަމަށްޓަކައި އެތައް ޒަމާނެއް ވަންދެންވެސް މަސައްކަތް ކުރެއެވެ.
ފާތިމަތު އާފިޔާ ބްރިޑެން އަކީ ދިވެހިންނަށް އައު މޫނަކަށް ނުވާނެ އެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ދައުލަތަަށް ހިދުމަށް ކުރައްވާފައިވާ އާފިޔާއަކީ މިހާރު ސެޓިފައިޑް ކޯޗެއްވެސް މެއެވެ. އާފިޔާވަނީ އިންޓަރނޭޝަނަލް މުސްލިމް ވުމެންއިން ކޯޗުކަން ކުރެއްވުމަށްފަހު އަދި ޖޯން މެކްސްވެލް ޓްރެއިނަރ، ސްޕީކަރ އަދި ކޯޗަކަށް ވެސް ވެ ވަޑައިގެންފަ އެވެ. މީގެއިތުރުން އާފިޔާއަކީ މިހާރު އިންޓަރނޭޝަނަލް ކޯޗިން ފެޑަރޭޝަންގެ ސެޓިފައިޑް ކޯޗެއްވެސް މެއެވެ.
މި ހުރިހާ މަސައްކަތެއްގެ ތެރެއިންވެސް އާފިޔާގެ ހިތުގައި ހާސިލްކުރުމަށް ބޭނުންވާ އެއް ލަނޑުދަނޑިއެއް ވެއެެވެ. އެއީ އަމިއްލަ ފޮތެއް ލިޔެ ޕަބްލިޝްކުރުމެވެ. މިއަދު އާފިޔާ ވަނީ މި ހުވަފެނުގައި ކުލަޖައްސާފަ އެވެ.
“100 Success Habits 21st Century Leaders”
ގެ ނަމުގައި މެލޭޝިޔާގައި އާފިޔާ ޕަބްލިޝްކުރި މިފޮތަކީ އޭނާގެ ފުރަތަމަ ފޮތެވެ. މެލޭޝިޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ސްޕީކާރސް (މެޕްސް) ގައި މެންބަރެއްގެ ގޮތުގައި އާފިޔާ އުޅުއްވަމުން ގެންދަވާއިރު މިފޮތް ލިޔުމުގެ ފުރުސަތު ލިބުނީ މި ޖަމިއްޔާއިން ކަމަށް އާފިޔާ ވަނީ ވިދާޅުވެފަ އެވެ. މެޕްސްއިން ހުޅުވާލި ފޮތް ލިޔުމުގެ ބޫޓް ކޭމްޕްގައި އާފިޔާވެސް ވަނީ ބައިވެރިވެފަ އެވެ.އަދި ބޫޓް ކޭމްޕްގައި ދިން މައުލޫމާތުތަކުގެ އެހީގައި އާފިޔާވަނީ 6 މަސްދުވަސް ތެރޭގައި އޭނާގެ ފޮތް ލިޔެ ނިންމާ ޕަބްލިޝްވެސް ކޮށްފަ އެވެ.


އާފިޔާ ވިދާޅުވިގޮތުގައި އޭނާ އަބަދުވެސް މައުލޫމާތު ހިމެނޭ ފޮތްތައް ކިޔުމަށް ޝައުޤުވެރިކަން ހުރެއެވެ. އަދި އަމިއްލަ ފޮތެއް ލިޔެ ޕަބްލިޝްކުރުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެކެވެ.
މި ފޮތް ލިޔުމުގެ މައިގަނޑު އެއް މަޤްސަދަކީ ދިރިއުޅުމުގައި ރަނގަޅު އާދަތައް ހަރުލެއްވުމަށް އެހީތެރިވުންކަމަށް އާފިޔާވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ފޮތުގައި ވާނީ 21 ވަނަ ޤަރުނުގެ ލީޑަރުންގެ ހުރި މިފަދަ 100 އާދައެއް ކަމަށްވެސް އާފިޔާވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ މިފަދަ އާދަތައް ތަކުރާރުކޮށް ކުރާނަމަ އާދަތައް ހަރުލުމުގެ ފުރުސަތުވެސް ބޮޑުކަމަށް އާފިޔާވަނީ ވިދާޅުވެފަ އެވެ.


އާފިޔާވަނީ ފޮތް ލިޔުމުގެ ތެރެއިން ލިބުނު ތަޖުރިބާގެ އަލީގައި ވާރޗުއަލްކޮށް ފޮތް ލިޔުމުގެ ވޯރކްޝޮޕްއެއްވެސް ބާއްވާފަ އެވެ. 6 މަސް ދުވަހުގެ މި ވޯރްކްޝޮޕްގައި ވަނީ ޖުމްލަ 14 މީހުން ބައިވެރިވެފަ އެވެ. އަދި މި އަހަރު ފަހު ކޮޅުގައި ހުރިހާ ބައިވެރިން އެކުގައި 16 ފޮތް ނެރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އާފިޔާވަނީ ވިދާޅުވެފަ އެވެ.
މި ފޮތް އަދި ލިބެން ހުރީ މެލޭޝިޔާއިންނެވެ. އެހެންނަމަވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގެ ބާޒާރަށްވެސް މި ފޮތް ނެރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އާފިޔާވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ދިވެހި ބަހުން މި ފޮތް ނެރުމަށްވެސް މަސައްކަތް ކުރައްވާކަމަށް އާފިޔާވަނީ ވިދާޅުވެފަ އެވެ.
އާފިޔާވަނީ މި ފޮތް ލިޔުމަށް އެންމެ ބޮޑަށް އެހީވި ފަރާތްތަކަށް ޝުކުރުވެސް ދަންނަވާފަ އެވެ.



