ރިޔާސީ އިންތިހާބަށް 14 ދުވަހަށްވެފައިވަނިކޮށް މާލެ އަތޮޅު ދިއްފުށީ ބިން ހިއްކުމުގެ ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.
ދިއްފުށިން ވާހަކަ ދެއްކި އިބްރާހިމް ސޮލާހު ބުނީ ދިއްފުށީގެ ބިން ހިއްކަން ޕްލޭނިން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ނުހަނު ގެއްލުންވާ ގޮތަށް ކަމަށެވެ.
އެގޮތުން ދިއްފުށީގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވަނީ މިހާރު ހަދާފައިވާ ބީޗު ސަރަހައްދުން ފަރާ ޖެހެންދެން ކަމަށާއި ރައްޔިތުން ބޭނުންވަނީ ބޮޑު ތުނޑި އާއި ދިމާލުން ބިން ހިއްކަން ކަމަށް ވެސް އިބްރާހިމް ސޮލާހު ބުންޏެވެ.
“ މިހާރު ބިން ހިއްކަން މި އުޅޭ ގޮތުން ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް. އެއީ ހިއްކާ ބިމުން 5000 އަކަފޫޓުގެ ގޯތިތައް ވިއްކަން އުޅޭ ކަމުގެ ހަބަރުތަކެއް މި ލިބެނީ. އެހެން ވެއްޖެނަމަ އަނެއްކާވެސް މުޅި ރަށަށް އަތް ގަދަ ކުރާނީ އެއްކަލަ ބިންތައް ގަނެގެން ބޮޑެތި ވިޔަފާރިވެރިން” ދިއްފުށިން ވާހަކަ ދެއްކި އާއްމު މީހަކު ބުންޏެވެ.
މިހާރު ހައުސިން މިނިސްޓްރީން ޕްލޭންކޮށްފައިވަނީ ހިއްކާ ބިމުން 1400 އަކަ ފޫޓުގެ ގޯތި އާއްމުންނަށް ދޫކުރުމަށެވެ.

ސަރުކާރުން މިގޮތަށް ބިންތަކެއް ވިއްކާފިނަމަ ގެސްޓު ހައުސްގެ ވިޔަފާރި ކުރާ އާއްމު ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ދިއްފުށީގައި މިވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.
މިކަމާގުޅިގެން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ ކައުންސިލުން ދިއްފުށީގެ ބިން ހިއްކުމާއި ގުޅޭ ގޮތުން ރައްޔިތުންނާއި ބައްދަލު ކުރި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި 65 އިންސައްތަ ރައްޔިތުން ބޭނުންވީ ބިން ހިއްކަން ނަމަވެސް އަނެއް 35 އިންސައްތަ ރައްޔިތުން ބޭނުންވީ އޭރުވެސް މިކަން މިގޮތަށް ނުކުރުމަށް ކަމަށް ސުނިލް ވިދާޅުވިއެވެ.
“ ރައްޔިތުންނާއެކު ދެވަނަ ބައްދަލުވުން ބޭއްވީ އީއައިއޭ ހަދަން އާއި ޓީމާއެކު. އެކަމަކު ކުރީގެ ކުރެހުމާއި ކޮންމެވެސްވަރެއްގެ ތަފާތެެއް އީއައިއޭ ހަދާ ޓީމުގެ މީޓިންގައި ދެއްކި ކުރެހުމުގައި ހުރި. އެހެން އެ ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ރައްޔިތަކު ބޭނުމެއް ނުވި މިގޮތަށް ބިން ހިއްކާކަށް. އަޅުގަނޑުމެން ކައުންސިލުން ވާނީ ޕްލޭނިން މިނިސްޓްރީއަށް ސިޓީވެސް ފޮނުވާފައި މިކަމުގައި މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އެދި “ ސުނިލް ވިދާޅުވިއެވެ.
ސުނިލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ނުރުހުމާއި އެކު މިކަންކުރަން ކައުންސިލުންވެސް ބޭނުންނުވާ ކަމަށާއި މިކަމުގައި ކުރެވެން ހުރި ހުރިހާ ޕްރެޝަރެއް ސަރުކާރަށް ކުރާނެ ކަމަށެވެ.
ކައުންސިލާއެކު މިބަދައްލުވުމުގައި ބައިވެރިވި ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޕްލޭނިން މިނިސްޓްރީން މިގޮތަށް ބިން ހިއްކަން އެއްބާރުލުން ދިނުމަށް ކައުންސިލްގެ ރައީސް އިބުރާހިމް ސުނިލް އާއި ނާއިބު ރައީސް ރަހުމާ ދަނީ އެއްބާރުލުން ދެމުންނެވެ. ނަމަވެސް ރައްޔިތުންގެ ނުރުހުމުގައި މިގޮތަށް ބިން ހިއްކުން ކުރިއަށް ގެންދިއުމަށް ދިއްފުށީގެ ޒުވާނުން ތިބީ ފުރުސަތު ދޭ ގޮތަކަށް ނޫނެނެވެ.
ދިއްފުށީގެ ބިން ހިއްކުމަކީ ރައީސުލްޖުުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. ނަމަވެސް ވެރިކަން ނިމެން 14 ދުވަށްވީއިރުވެސް އަދި ދިއްފުށީގެ ބިން ހިއްކާކަށް ނުފަށައެވެ.
އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މާދަމާގެ ވަގުތެއްގައި ޖަނަރޭޓަރަކާއި ޓޭންކަރެއްގެ އިތުރުން ހައިމާކެއް ދިއްފުއްޓަށް އެރުވުމަށް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.
މިމައްސަލާގައި ދިއްފުށީގެ ގިނަ ބަޔަކު ތިބީ ކަންބޮޑުވެ ހިތްހަމަނުޖެހިފައެވެ.



