“ އިހުތިރާމު ލިބޭނީ އިހުތިރާމު ދީގެން “ މިއީ ބުނެއުޅޭ ހަރުބަހެކެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމު ކުރުމަކީ އެއްގޮތަކަށްވެސް ނެތް އާދައެކޭ ބުނެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އިހުތިރާމު ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ރިވެތި އަހުލާގު ފެނިގެންދަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމުންނެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހުކުރު ދުވަހު ހަވީރު ޖުމުހޫރީ މައިދާނުގައި ބޭއްވި ހަފުލާއަކީ ވަރަށް ހާއްސަ ހަފުލާއެކެވެ. އެ ހަފުލާގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ރައީސް ޑރ މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު ކުރީގެ ރައީސް ސާލިހަށް އިހުތިރާމު އަދާ ކުރެއްވި ގޮތެވެ.
އެ ޖަލްސާގައި ބައިވެރިވަޑައިގަންނަވަން ރައީސް ސާލިހު ހިންގަވާފައި ވަޑައިގެންނެވިއިރު އެ ތަނުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ އިށީނދެވަޑައިގެންނެވެ. ރައީސް ސަަލިހު އެހިސާބަށް އަރާވަޑާއިގަތުމާއެކު ޣައްސާން ވަނީ ރައީސް ސާލިހަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެންފައެވެ.
އެ މަންޒަރު ފެނުމުން ގިނަ ބަޔަކަށް އެއީ ތަފާތު މަންޒަރަކަށްވެ، ޣައްސާނަށް ވަނީ ތައުރީފްކޮށްފައެވެ. މިނިސްޓަރ ޣައްސާން ތެދުވެވަޑައިގަންނަވާ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ރާއްޖެއަށް ބޭނުންވަނީ އެފަދަ އިހުތިރާމް ކަމަށާއި، ގައުމިއްޔަތު ބިނާކުރެވޭނީ އިހްތިރާމްކުރަން ދަންނަ ޖީލެއް ބިނާކުރެވިގެން ކަމަށެވެ.
ކޮމެންޓް ކުރި އެހެން މީހަކު ބުނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ވެރިން ވާނީ ވެރިންނަށް ކަމަށެވެ. އަދި ގައުމުގެ ރައީސް ވާނީ ގައުމުގެ ރައީސަށް ކަމަށާއި ޣައްސާންގެ އެ އަމަލަކީ ރިވެތި އަހުލާގުގެ ނަމޫނާއެއް ކަމަށެވެ.


ޒަމާނުއްސުރެ ސިފައިންނާއި ފުލުހުންނަށް ދިވެހިން ކުރަމުން އައި އިހުތިރާމާ ލޯބި ނަގާލީ މަގުތަކަށް ނިކުމެ އެމްޑީޕީން ކުރި ފުރައްސާރަ އާއި މަލާމާތުގެ ސަބަބުންނެވެ. ނަމަވެސް ޑިފެންސް މިނިސްޓަރ ޣައްސާންގެ ރިވެތި އަހުލާގުން މިސާލު ނަގައިގެން ކޮންމެ މީހަކުވެސް މިއަދު އެގޮތަަށް އަމަލުތައް ބަހައްޓަންޖެހެއެވެ.
ގޮތެއްފޮތެއް ނެތި މީހުންގެ އަބުރު ކަތިލާ އިހުތިރާމު ނަގާލަން ފެށުމުން ކުރީގެ ރައީސް ޔާމީނުގެ ޒައާމަތުގައި 2013 އިން 2018 އަށް އަބުރުގެ ގާނޫނެއްވެސް ފާސްކުރިއެވެ. ނަމަވެސް ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސާލިހު ހަވާލުވެވަޑައިގެން އަބުރުގެ ގާނޫނު އުވާލިއެވެ. އެހެންކަމުން ނޫސްތަކުގަ އާއި ސޯޝަލް މީޑިއާގައި ވެރިންނަށް ކުރަންވާ އިހުތިރާމު ނުކޮށް އެމީހަކު ހިތަށް އެރިހާ އެއްޗެއް ދިޔައީ ގޮވަމުންނެވެ.
ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެ ވެރިކަންވެސް މިވަނީ ބަދަލުވެފައެވެ. އެހެންކަމުން ގައުމުގެ ހާލަތު ބަދަލުވެ މިފަދަ އެތައް ކަމެއް ބަދަލުވެގެން ދިއުމަކީ ހުރިހާ ދިވެހީންގެވެސް އުއްމީދެވެ.



