ލިޔުނީ:މަރްޔަމް އަދީލާ
ކުޅިވަރާއި އަދި ނޫސްވެރިކަމުގެ ދާއިރާއިން އެންމެންނާވެސް ރައްޓެހި އާއިދާ އަބްދުލް ހަކީމަކީ ޒުވާން އުމުރުގައި ދިރިއުޅުމުގެ ގިނަ ކަންކަމެއް ހާސިލްކޮށްފައިވާ ނަމޫނާ ޒުވާނެކެވެ. މީހުންނާއި ގުޅޭ އަދި ރައްޔިތުންގެ އަޑު އުފުލުމަށްޓަކައި އާއިދާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ހާއްސަކޮށް އަންހެނުން ބާރުވެރިކޮށް، އެމީހުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަކީ އާއިދާގެ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ.
އެންމެ ކުޑައިރުއްސުރެވެސް ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވި ގދ. މަޑަވެލި/ހަނީކޯމްއަށް އުފަން އާއިދާ އަކީ ރަށުގެ ރައްޔިތުންނާއި ގާތްގުޅުމެއް އޮންނަ ކަނބަލެކެވެ. ރަށަށް ދިމާވެފައިވާ ދަތިތައް ހޯދާ، އެއަޑުތައް ސަރުކާރާއީ ހަމަޔަށް ފޯރުކޮށްދެއްވުމަށް އާއިދާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓުގެ ދަތިތަކާއި، މަޑަވެލި ފުޓުބޯޅަ ދަނޑުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރާ ހަމަ އަށް އެއަޑު އިއްވުމަށް ރަށު ޒުވާނުންނާއެކު އިސްކޮށް އުޅުއްވިއެވެ. ރަށުގައި ބާއްވާ ކުޅިވަރު މުބާރާތް ތަކުގައި ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ޚާއްސަކޮށް ވޮލީ މުބާރާތްތަކުގައި ޒުވާނުންނާ އެކު ހަރަކާތްތެރިވިއެވެ. 2024 ރައްޔިތުން މަޖލީހުގެ މަޑަވެލި ދާއިރާގެ ޕީޕީއެމް/ ޕީއެންސީ ޓިކެޓް ހޯދުމަށް އާއިދާ ކުރިމަތިލެއްވީ ވެސް މިފަދަ މަޤްސަދުގަ އެވެ. ރަށުން ބޭރުގައި އުޅުއްވި ނަމަވެސް އެ ދާއިރާއަށް އާއިދާގެ ހިތުގައި އޮންނަނީ ހާއްސަ ލޯތްބެކެވެ. އެހެންކަމުން ހިދުމަތުގައި ދެމިހުރެ ދާއިރާއަށް އިތުރު ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން އާއިދާވަނީ ދެއްވާފަ އެވެ.

“އެތައް ގޮތަކުން އަޅުގަނޑު ބަލިކަށި ކޮށްލުމަށް، އެތައް ދިމަދިމާލުން ދިމާވި ހުރަސްތަކާ ކުރިމަތިލައި، އެހުރަސްތައް ގިރާކޮށް ޕްރައިމަރީ އާ ހަމައަށް ނަން ގެންދެވުމަކީ މިދާއިރާގައި ލިބުނު ކުރި އެރުމެއް ކަމަށް އަޅުގަނޑު ދެކެން”
އާއިދާ ވިދާޅުވިގޮތުގައި އެކަމަނާ ޤަބޫލުކުރައްވާ ހަމައަކީ މަޖިލީހަށް ވަންނަން ޖެހޭނީ ތައުލީމީ، ދީނަށް ލޯބިކުރާ، ތެދުވެރި، ފަސްބައި ސާފު ފަރާތްތައް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އާއިދާއަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފަ އެވެ.


ރައްޔިތުން މަޖލީހުގެ މަޑަވެލި ދާއިރާގެ ޕީޕީއެމް/ ޕީއެންސީ ޓިކެޓް ހޯދުމަށް ކެމްޕޭންކުރަމުންދާ ހަމަ އެކަނި އަންހެން ކެނޑިޑޭޓް އާއިދާ ވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި 12 އަހަރު ހިދުމަތް ކޮށްދެއްވާފަ އެވެ. މީގެއިތުރުން ނޫސްވެރިއެއްގެ ގޮތުގައި އެކަމަނާ ވަނީ 13 އަހަރު ހިދުމަތް ކޮށްދެއްވާފަ އެވެ. އާއިދާ މަސައްކަތް ކުރެއްވި ބައެއް ނޫސްތަކާއި އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި:
ދިޔަރެސް ނޫހުގެ ޖާނަލިސްޓެއް
ޗެނަލް13ގެ ވީޑިއޯ ޖާނަލިސްޓެއް
ވަން އޮންލައިންގެ ސީނިއާ ޖާނަލިސްޓެއް
ސަންޓިވީގެ އެސިސްޓެންޓް އެޑިޓަރެއް
މެންދުރު އޮންލައިންގެ ސީނިއަރ އެޑިޓަރެއްގެ މަޤާމް ފާހަގަކޮށްލެވެ އެވެ.
ކުޅިވަރުގެ ރޮނގުންވެސް އާއިދާއަކީ ފާހަގަކޮށްލެވޭ މޫނެކެވެ. އާއިދާއަކީ ރާއްޖޭގައި މިހާރު ހުރި މިވަގުތު ރާއްޖޭގައި ހުރި އަންހެން ހަމައެކަނި (ވޮލީގެ) ބައިނަލްއަގުވާމީ ވީ.އައި.އެސް އަދި އީ-ސްކޯރާ އެވެ. އާއިދާ އަންނަނީ އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓްސް ގެ ނަމުގައި ވޮލީ އަދި ހޭންޑްބޯލް ކުލަބެއްވެސް ހިންގަމުންނެވެ. ކުޅިވަރުގައި އާއިދާ ކޮށްދެއްވާފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި:


ފުޓުބޯޅަ އެސޯސިއޭޝަންގެ “ވުމަންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރ” ގެ މަގާމު އަދާކޮށްފައިވޭ.
ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއެއް.
ކުރީގެ ވޮލީ ކުޅުންތެރިއެއް.
ހޭންޑްބޯލް ކުޅުންތެރިއެއް.
އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓްސްގެ ރައީސާ އަދި މުއައްސިސް
ވޮލީ ރެފްރީސް ކޮމިޝަންގެ ކުރީގެ މެމްބަރެއް.
ލަންކާގައި އެންމެ ފަހުން ބޭއްވި ސަރަހައްދީ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ “ކާވާ މެންސް ވޮލީބޯޅަ ޓޯނަމަންޓް”ގެ ކޮންޓްރޯލް ކޮމިޓީގެ މެމްބަރު ކަން ވެސް ކޮށްފައެވެ. މިއީ ރާއްޖޭގެ ކަނބަލަކު މިފަދަ ބޮޑު މުބާރާތެއްގެ ކޮންޓްރޯލް ކޮމިޓީގައި ހިމެނުނު ފުރަތަމަ ފަހަރުވެސްމެއެވެ.
މީގެއިތުރުން ޖޫނިއަރ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ވެސް މަސައްކަތްކޮށްފައިވެއެވެ.
މިހާރު ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް އަށް ކިޔަވަމުން އަންނަ އާއިދާ ވަނީ ތައުލީމީ ރޮނގުންވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން އާއިދާވަނީ ކުޅިވަރުގެ ދާއިރާއިން ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފަ އެވެ. އަދި ނުސްވެރިކަމުގެ ދާއިރާއިން މިހާރުވެސް އާއިދާ ދަނީ މާސްޓާރސް ކިޔަވަމުންނެވެ. މީގެއިތުރުން:


ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ނޫސްވެރިކަމުގެ ރޮނގުން ޑިޕްލޮމާ
ލަންކާގެ ލަންޑަން ބިޒްނަސް ސްކޫލުން އިނގިރޭސި ލޭންގްއޭޖުން ޑިޕްލޮމާ
“ޓަފީސާ” ނެޝަނަލް ސެޓިފައިޑް ލީޑަރޝިޕް ކޯސް އިން ސްޕޯޓްސް ފޯރ އޯލް
ގައުމީ ވޮލީބޯޅަ ރެފްރީ ކޯސް
ބައިނަލްއަގުވާމީ ވީ.އައި.އެސް އަދި އީ-ސްކޯރާ ކޯސް ފުރިހަމަ ކޮށްފައިވެއެވެ.
އާއިދާއަކީ ކޮންމެ ޒުވާނެއްގެވެސް އުއްމީދުތަކާއި ގުޅިފައިވާ އަދި އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަނބަލެކެވެ. މަޖީލަހަށް ކުރިމަތިލެއްވުމަށް އާއިދާ ނިންމެވީވެސް މި މަޤްސަދުގަ އެވެ. އަދި ދާއިރާގެ ތަރައްޤީއަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މަޑަވެލި ދާއިރާގެ ނަން ގުގުމާލާނެ ކަމުގެ ޔަގީންކަން އާއިދާ ވަނީ ދެއްވާފަ އެވެ.
“މިދާއިރާ އަށް ނިކުންނަން ތިބި ހުރިހާ ކަނބަލުންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ ކުރިމަތިވާ ހުރަސްތަކަށް ބެލުމެއް ނެތި ކުރިޔަށް ދިޔުން”



