މުހައްމަދު ފަޞީހް (މޯޖީ) އަކީ މިނިސްޓްރީ އޮފް ޔޫތްއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ އަލްމަރްހޫމް އިސްމާއިލް ޒަކަރިއްޔާ އާއި އަލްފާޟިލާ ފާތިމަތަށް ލިބިފައިވާ 7 ބޭފުޅުންގެ ތެރެއިން 4 ވަނަ ބޭފުޅާއެވެ. މާފަންނަށް އުފަން އަދި މާފަންނުގައި އުޅެ ބޮޑުވި މޯޖީއަކީ މާފަންނު ދެކެނު ދާއިރާއަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކަކާއި ރައްޓެހި މޫނެކެވެ.
ރައްޔިތުން މަޖލީހުގެ މާފަންނު ދެކެނު ދާއިރާގެ ޕީޕީއެމް/ ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މޯޖީ ނިންމެވީވެސް މި ސަބަބުތަކާ ހުރެއެވެ. ދާއިރާއަށް ކުރިމަތިވާ ދަތިތަކާއި، ދާއިރާގެ ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އެންމެ ގާތުން ފެނިލެއްވި އެކަކަށް މޯޖީ ވާނެއެވެ. އެހެންކަމުން ދާއިރާއަށްޓަކައި އެކަށީގެންވާ ހިދުމަތެއް ކޮށްދިނުމުގެ އުއްމީދުގައި މޯޖީ މިއަދު ހުރީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ ރައްޔިތެއްގެ ހައިސިއްޔަތުން ރައްޔިތުންގެ އިހްސާސްތައް ބޭރުކޮށްލުމަށް ތައްޔާރަށެވެ.
މޯޖީވަނީ އެ ބޭފުޅާގެ ކެރިއަރުގައި މޯލްޑިވްސް ޑިފެންސް ފޯސް އާއި އެން.އެސް.އެސްއަށް ހިދުމަތްކުރައްވާފަ އެވެ. އޭގެއިތުރުން އަލްފައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރެއްވުމަށްފަހު އިތުރށް އެ ދާއިރާގައި މޯޖީވަނީ ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ. އަދި މިހާރު މޯޖީއަކީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސްޕެޝަލިސްޓް އޮޕަރޭޓަރެއް ވެސް މެއެވެ.
2019 އިން ފެށިގެން މިއަދާއި ހަމަޔަށްވެސް މޯޖީ ގެންދަވަނީ މާފަންނު ދެކުނު ދާއިރާގެ ގިނަ ޒުވާނުންތަކެއް ތަމްސީލްކުރާ “ބީޖީ ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކެޓްރީ”ގެ މަޤާމް އަދާކުރައްވަމުންނެވެ. މޯޖީގެ މާލިމީކަމުގެ ދަށުން ވަނީ ޤާބިލް، އަދި މުޖުތަމައުއަށް ބޭނުންހިފޭ ބަޔަކަށް ގިނަ ޒުވާނުންތަކެއް ހަދާފަ އެވެ. އަދި ޒުވާނުންނަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ހޯދައި، ކުރިއަށް ދެވޭނެ މަގު ތަނަސްކޮށްދެއްވުމަށް މޯޖީވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
“ދާއިރާގެ ރައްޔިތުންގެ ހައްގުތަކަކީ އެންމެ އިސްކަމެއް ދޭންޖެހޭ އެއް އަސާސް! އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް މިކުރިމަތިލަނީ އެކަން ދަނެހުރެ! އަޅުގަނޑު ހޮއްވަވައި ދެއްވައިފި ނަމަ ދެމިހުންނާނީ ތިޔަ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ވަފާތެރި އިޚްލާސްތެރިއެއްގެ ގޮތުގައިކަން ޔަގީން!”
މާފަންނު ދެކުނު ދާއިރާގެ ލޭ ހިނގާ އަދި ދާއިރާގެ ހާލަތު އެންމެ ގާތުން ފެނިލެއްވި އެއް ބޭފުޅާކަށް މޯޖީވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. މޯޖީއަކީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އުފުލޭނެވަރުގެ ބޭފުޅެއް ކަމަށް ގިނަ ޒުވާނުން ޤަބޫލުކުރެއެވެ. އަދިި އެންމެ އިސްކަމެއްދޭ ކަމަކީ ވެސް ޒުވާނުން ބާރުވެރިކޮށް ، އިސްރަށްވެހިންގެ ހައްގުތައް ކަށަވަރުކޮށް އަދި އަންހެނުން ބާރުވެރިކުރުވުމަށް ކަމަށް މޯޖީ ވަނީ ވިދާޅުވެފަ އެވެ.