މީގެ ތިން އަހަރުކުރިން ފޭސް ދޭއް (ހިޔާ ސަރަހައްދު) ގައި މީހުން އާބާދުވިއިރު އެ ސަރަހައްދުގައި ލިބެންހުރި ވަސީލަތްތައް ވަރަށް މަދެވެ. ފިހާރައިން ފެށިގެން ޕާކް އަދި ހިތްފަސޭހަ ގޮނޑުދޮށެއް ލިބުމަށްވެސް ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދިގު އިންތިޒާރެއް ކުރަންޖެހުނެވެ.
އެޗްޑީސީއިން ވަނީ ހިޔާ ސަރަހައްދުގެ ގޮޑުދޮށުގައި އިށީންދެވޭނެ ގޮތް ހަދައި އާއިލާއާ އެކުގައި ބާބިކިއު ހަދާ މަޖާކޮށްލެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފަ އެވެ. އެކި ސަރަހައްދުތަކުގައި ޑަސްބިންތައް ބަހައްޓައި ނަލަކޮށްލަދިން އަތިރިމައްޗާއި ގޮނޑުދޮށް މިހާރު ކުނިގޮނޑެކޭ ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އާއިލާއާ އެކު މަޖާކޮށްލުމަށްފަހު އެނބުރި ގެދޮރަށް ދާއިރު، އިށީންދެގެން ތިބޭ ތަން ސާފުކުރުން ދިވެހިންނަށް ވަނީ ބުރައަކަށެވެ. މުޅި ހިސާބަށް ކޮތަޅާއި ގެންގުޅޭ ޑިސްޕޮސިބަލް ތަށި، ސަމުސާ އަދި ބައެއް މީހުން ކާއެއްޗެހިވެސް އަޅާފައި ހުރެއެވެ. މީގެ ސަބަބުން އެ ސަރަހައްދަށް ދާ މީހުންނަށް މެހީގެ އުނދަގޫ އިންތިހާއަށް ފޯރައެވެ.
ހިޔާ ސަރަހައްދުގެ ގޮނޑުދޮށުގެ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ހިއްސާކުރި މީހަކު ވަނީ މިއީ ތިލަފުށިތޯ އަހާ ސުވާލުކޮށްފަ އެވެ. ފޮޓޯގައި ފެންނަގޮތުން އެތަނުގައި ބަހައްޓާފައި ހުރި ޑަސްބިން ފުރި ގާތުގައި ވެސް ކުނިތައް ފުންޏަކަށް ހުއްޓެވެ. އެކި ހިސާބުތަކަށް ބޮއެފައ ހުރި ޕްލާސްޓިކް ފުޅިތައް ހުރީ އުކާލާފަ އެވެ. ރޭ ކުރި ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުގެ އަތިރިމަތި ފެންނަނީ ކުނިގޮނޑެއް ހެންނެވެ.
މީގެއިތުރުންވެސް އެ ސަރަހައްދުގައި އެޗްޑީސީއިން ބަހައްޓާފައި ހުރި ބެންޗްތަކާއި އަށިތައް ފެންނަނީ ވީރާނާވެގެން ގޮސްފައި ހުރި ތަނެވެ. އަތިރިމަތީގެ އެކި ހިސާބުތަކުގައި ގޭގެއިން އުކާލަން ނެރެފައި ހުންނަ ބާ ސޯފާ އެއްޗެހި ބަހައްޓާފައި ހުންނަތަން ފެނެއެވެ. ބާބިކިއު ހަދާފައި ހުރި ގްރިލްތަކުގައި ރޭ ފިހެފަ ހުރި މަސްތައް ހަރުލާ ކުނިވާން ދޫކޮށްލާފައި ހުއްޓެވެ.
ކުރިއަށް އޮތީ ރަމަޟާން މަހަށްވާއިރު މިއީ އެހެން މަސްމަހާއި ހިލާފަށް ގޭބިސީތަކުން ގިނައިން ކުނި އުފައްދާ މަހެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި ހާއްސަކޮށް މާހެފުމާއި ރޯދަ ވީއްލުން ފަދަ ކަންކަން މި ސަރަހައްދުގައި ބާއްވާއިރު ތަން ސާފުތާހިރުކޮށް ބެހެއްޓުމަށް ކޮންމެ ފަރުދަކުވެސް އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކަން ކުރަންޖެހެއެވެ.