ސްލައިމްއަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލް އެއްޗެކެވެ. ތަތްކަން ގަދަ ތެރަސް ފަދަ މި އެއްޗަކީ ސެންސަރީ ޕްލޭގައި ކުޑަކުދިންނަށް ހާއްސަކޮށް މާކެޓަށް ނެރިފައިވާ އެއްޗެކެވެ. ފިހާރަތަކުން ވިއްކަން ހުންނަ ސްލައިމްގެ އިތުރުން މިއީ ގޭތެރޭގައި ހުންނަ މަދު ބާވަތްތަކަކުން އަމިއްލައަށް ވެސް ހެދޭނެ އެއްޗެކެވެ.
އެހެންނަމަވެސް މިއީ ކުދިންގެ ބެލެނިވެރިންނަށް މާ ކަމުދާ އެއްޗެއް ނޫނެވެ. ސަބަބަކީ ސްލައިމް ގޭގައު ހުންނަ ފަރުނީޗަރުގައި ނުވަތަ ހެދުމުގައި ޖެހުމަށްފަހު ދެން އެ ފިލުވަން ކުރަންޖެހޭ ބުރަ މަސައްކަތެވެ. ސްލައިމް ފިލުވާނެ އުކުޅުތައް ނޭނގުމުގެ ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު އެ ޖެހިފައި ހުންނަ ތަކެތި އުކާލަން ޖެހޭ ހިސާބަށްވެސް ދެއެވެ.
ތާޒާ ސްލައިމް ލައްތަކުން ސަލާމަތްވާނެ ގޮތް
ސަމްސަލަކުން ކަހާލުން
ފެބްރިކުން ވީހާވެސް ގިނަ ސްލައިމް ނެގުމަށްޓަކައި ސަމުސާ، ތޫނު ނޫން ވަޅިއެއް ނުވަތަ ކްރެޑިޓް ކާޑުގެ އަރިމަތި ބޭނުންކުރާށެވެ. އެގޮތުން ސްލައިމް ގަނޑުގެ އަރިމަތީގައި މަޑުމަޑުން މި ބުނިތަނުން އެއްޗެއް ޖައްސާލުމަށްފަހު ރީތިކޮށް ކަހާލެވޭނެ އެވެ.
މިފަދަ ހާލަތެއްގައި ސްލައިމް ފިލުވުމަށް އުނގުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެން ހެދުމުގެ ސަބަބުން ސްލައިމް ފެބްރިކްގެ ފައިބަރުތަކުގެ ތެރެއަށް ސްލައިމްތައް ވަދެގެން ދެއެވެ.
ވިނެގާ އާއި ފެން
ސްޕްރޭ ފުޅިޔަކަށް ޑިސްޓިލްޑް ވައިޓް ވިނެގާ އާއި ފެން އެއްކޮށްލާށެވެ. ވިނެގާގައި އެސިޓިކް އެސިޑް އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ފެބްރިކުން ސްލައިމް ވަގުތުން ނައްޓާލަން އެހީވެދޭނެއެވެ. މިއީ ފޭރާމުގައި ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ވަރަށް ލުއި އެއްޗެކެވެ.
އެގޮތުން ވިނެގާ އާއި ފެން ސްލައިމް ޖެހިފައި ހުރިތަނަށް ސްޕްރޭ ކޮށްލުމަށްފަހު، ފަސް މިނިޓް ވަންދެން މަޑުކޮށްލާށެވެ. ދެން ރަނގަޅަށް އުނގުޅާލުމަށްފަހު ސަމްސަލެއް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ނުނެއްޓި ހުރި ސްލައިމްކޮޅުތައް ފިލުވާލާށެވެ.
ގިނަ ދުވަސްވެފައި ހުރި ސްލައިމް ލައްތަކުން ސަލާމަތްވާނެ ގޮތް
ސްލައިމް ހިކިއްޖެ ނަމަ ފެބްރިކްގައި ހަރުލާ ގޮތްވެއެވެ. އަދި މިފަދަ ސްލައިމް ފިލުވާލުމަކީ ފަސޭހަކަމަކަށް ނުވެއެވެ.
މި ސްލައިމްތައް ފިލުވުމަށް ހިކިފައި ހުރ ސްލައިމްތައް މަޑުކޮށްލާށެވެ. މިކަން ކުރާނީ އައިސްކިއުބްގެ އެހީގައެވެ. ނުވަތަ ބައެއް މީހުން އެ އަންނައުނު ޕްލާސްޓިކް ކޮތަޅަކަށް ލައި ފްރީޒްކޮށްލުމަށްފަހު ވެސް ސްލައިމްތައް މަޑުކުރެއެވެ.
ގިނަ ދުވަސްވެފައިވާ ސްލައިމް ލައްތައް ފިލުވާލުމަށް ސެނިޓައިޒާ އަކީވެސް ރަނގަޅު އެއްޗެކެވެ.
ސްލައިމް ގެންގުޅޭއިރު ހަނދާނުގައި ބަހައްޓަންވީ ބައެއް ކަންކަން:
ފެބްރިކްގައި ސްލައިމް ޖެހުމުން މަޑުނުކޮށް އަވަހަށް ފިލުވަންވާނެއެވެ. ސަބަބަކީ ތާޒާ ސްލައިމް އަކީ ހިކިފައި ހުންނަ ސްލައިމަށްވުރެ ވުރެ ފަސޭހައިން ނައްތާލަން ފަސޭހަ އެއްޗެކަށް ވާތީއެވެ.
ސްލައިމް ޖެހިފައި ހުންނަ ފެބްރިކް ޑްރަޔަރގައި ނުބަހައްޓާށެވެ. ހޫނު ގަދަވުމުގެ ސަބަބުން ދާއިމީގޮތެއްގައި ފެބްރިކްގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮވެއެވެ.
ފޭރާމުގައި ސްލައިމް އުނގުޅުމުން ދުރުވުމަށް ކުޅޭއިރު އޭޕްރަން ނުވަތަ ބޭނުންނުކުރާ ބޮޑު ޓީޝާޓެއް މަތިން ލައްވާލާށެވެ.