ސްކޫލަށް ދާ ކުދިންނަށް ނިއުޓްރިޝަނަލް އަދި ބެލެންސްޑް އިންޓަވަލް ކެއުންތައް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ކުދިންގެ ކުރިއެރުމާއި ތަރައްގީއާއި ތައުލީމީ ނަތީޖާއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރާއްޖޭގެ ސްކޫލްތަކުގައި އިންޓަވަލްއަށް އާންމުކޮށް ދެނީ ދިހަ މިނިޓާއި ފަނަރަ މިނިޓާއި ދެމެދުގެ ވަގުތެކެވެ. އެހެންކަމުން ކުއްޖާ ސްކޫލަށް ގެންދިއުން ތައްޔާރުކުރާ އިންޓަވަލްއަކީ މި ވަގުތުގައި ހަމަޖެހިގެން ކާލެވޭނެ، ބަނޑުފުރޭ، އެހެންނަމަވެސް އެ ކެެއުމުން ވަރިބަލިވެ ލޮޑުކަން އިހްސާސް ނުވާފަދަ ކެއުމަކަށް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ތިރީގައި މިވަނީ މިއީ ދިވެހީ އާދަކާދަތަކާއި ގުޅޭގޮތަށް ސިއްހަތަށް ފައިދާހުރި އަދި ތައްޔާރުކުރަން ފަސޭހަ އިންޓަވަލް މީލް ޚިޔާލުތަކެކެވެ.
މޭވާ އާއި ނަޓް މިކްސް
މި މީލް ތައްޔާރުކުރާނީ އެކި ކަހަލަ ނަޓސްް އެއްކޮށްގެންނެވެ. އެގޮތުން ހިކި މޭބިސްކަރުދު، ވޯލް ނަޓްސް، އަލްމަންޑް، ކެޝޫ ނަޓްސް، ހިކި އާފަލު، ހިކި އެޕްރިކޯޓް ހިމެނިދާނެއެވެ،
ފައިދާތައް: ހަކަތަ، ވިޓަމިން، އަދި ސިއްހަތަށް ފައިދާހުރި ސަރުބީގެ ރަނގަޅު މަސްދަރެއް ލިބިދެއެވެ.
މިނީ ސެންޑްވިޗް
މިނީ ސޭންޑްވިޗް ތައްޔާރު ކުރާއިރު ކުކުޅު، ޓޫނާ، ބިސް، ޗީޒް، ލެޓިއުސް، އަދި ޓޮމާޓޯ ކޮޅެއް ހިމެނިދާނެއެވެ.
ފައިދާތައް: ކާބޯހައިޑްރޭޓްސް، ޕްރޮޓީން، އަދި ތަރުކާރީ ހިމެނޭ ބެލެންސްޑް ކެއުން.
މޭވާ އާއި އެކު ޔޯގަޓް
އާދައިގެ ޔޯގަޓަކާއި އެކު ދޮންކެޔޮ، އާފަލު، ނުވަތަ ބެރީ ފަދަ ތާޒާ މޭވާތަކެއް ހިމަނާލާފައިވެސް އިންޓަވަލްއަށް ދެވިދާނެއެވެ.
ފައިދާ ކެލްސިއަމް، ޕްރޮޓީން، އަދި ވިޓަމިންސް ގެ ރަނގަޅު މަސްދަރެއް
ކައްކާފައި ހުންނަ ބިސް
ހަރުކޮށް ކައްކާފައި ހުންނަ ބިސް، އިޚްތިޔާރީ ގޮތެއްގައި ލޮނު އަދި އަސޭމިރުސް ކޮޅެއް ޖަހައިގެން ސީޒަން ކޮށްލެވިދާނެއެވެ.
ފައިދާ: ޕްރޮޓީން އަދި މުހިއްމު ނިއުޓްރިއެންޓްސް ގިނަ
ރޮށި ރޯލްސް
ރޮއްޓެއްގެ ތެރެއަށް ތަރުކާރީ (ގްރޭޓް ކޮށްފައިވާ ކެރެޓް، ކިއުކަމްބާ، އަދި ލެޓިއުސް) އަދި ކުކުޅު މަސް ނުވަތަ ޓޫނާ ކޮޅެއް ލުމަށްފަހު ސޯސްކޮޅަކާއި އެެއްކޮށްލުމަށްފަހު އޮޅާލާފައިވެސް ދެވިދާނެއެވެ. ރަހަ މީރުކޮށްލުމަށް ޗީޒް ކޮޅެއްވެސް ހިމެނިދާނެއެވެ.
ފައިދާތައް: ފައިބަރ، ވިޓަމިންސް، އަދި ހަކަތަގެ ރަނގަޅު މަސްދަރެއް ލިބިދޭ.
އިންޓަވަލް މީލްސް ތައްޔާރުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަން:
ބެލެންސް: ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، އަދި ފެޓްސް ގެ ބެލެންސް ކަށަވަރުކުރުން.
ޕޯޝަން ސައިޒް: ކުއްޖާގެ އުމުރާއި ހަރަކާތްތެރިކަމުގެ ފެންވަރަށް އެކަށީގެންވާ ވަރަށް ޕޯޝަން ތައްޔާރުކުރުން
ތަފާތު ބާވަތްތައް: ތަފާތު ނިއުޓްރިއެންޓްސް ކަވަރު ކުރުމަށްޓަކައި ތަފާތު ކާނާ ހިމަނުން
ހައިޑްރޭޝަން: ހަކުރު އެކުލެވޭ ބުއިންތަކުގެ ބަދަލުގައި ފެން ނުވަތަ ކިރު ބޯން ހިތްވަރު ދިނުން.
މި އިންޓަވަލް އަށް ކެއުން ތައްޔާރުކުރާއިރު، ކުދިން ގަޔާވާ ފަދަ އުކުޅުތައް ގެންގުޅެވިދާނެއެވެ. އެގޮތުން އެ ކުއްޖަކު ގަޔާވާ މަންޒަރެއް ސިފަވާގޮތަށް ނުވަތަ ގަޔަވާ ކަހަލަ ލަންޗް ބޮކްސްއެއް ހޯދިދާނެއެވެ.