މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ދިމާކޮށް ހުރަވީ ސްކޫލްގެ ބެލެނިވެރިން ޓީޗަރުންނަށްވަނީ ހާއްސަ ހަދިޔާއެއް ދީފައެވެ. މި ހަދިޔާއަކީ “ގަހުވަ މައިޒާން” ގެ ނަމުގައި ޓީޗަރުންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ހިތްގައިމު ތަނެކެވެ.
“ގަހުވަ މައިޒާން” އަކީ ޓީޗަރުން ހިތްހަމަޖައްސާލުމަށާއި ބްރޭކް ގަޑިތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. “ގަހުވަ މައިޒާން” ޑިޒައިން ކޮށްފައިވަނީ ކެންޓީނަކަށްވުރެ ބޮޑަށް އަމިއްލަ ގެއެއްގެ އިހުސާސް ލިބޭ ތަނެއްގެ ގޮތަށެވެ. އެގޮތުން އެ ތަނުގައި ރީތި ސޯފާ ސެޓާއި، ޒަމާނީ ގޮތަށް ތައްޔާރުކޮށްފައިވާ ބަދިގެއެއްގެ އިތުރުން ރީތި ޑައިނިންގ އޭރިއާއެއްވެސް ހުރިއިރު، ކޮފީ މެޝިނާއި، މައިކްރޮވޭވް، އެއަރ ފްރަޔަރ، ރައިސް ކުކަރު، ފްރިޖް އަދި މި ނޫނަސް ބަދިގެއަށް ބޭނުންވާ އެތައް ސާމާނެއް ވަނީ ބަހައްޓާފައެވެ.
ހުރަވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޙަލީމް ވިދާޅުވި ގޮތުގައި، މި ހިޔާލަކީ ޓީޗަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮށްދެވޭނީ ކޮން ކަމެއްތޯ ބެލުމަށް ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރި މަޝްވަރާގެ ތެރެއިން އައި ހިޔާލެކެވެ. އަދި ޓީޗަރުންގެ ދުވަހު ބޮޑު ޚަރަދެއް ކުރިޔަސް ދިގު މުއްދަތަކަށް އެކަން ފެންނަން ނުހުންނާތީ، މިފަހަރު ބޭނުންވީ ދިގު މުއްދަތަށް ފައިދާ ކުރުވަނިވި ކަމެއް ކޮށްދޭން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ބެލެނިވެރިންނާއި ޚާއްޞަކޮށް ސްކޫލްގެ އެސްއެމްޓީގެ ދައުރު ވަރަށް ބޮޑުކަން ހަލީމް ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ތަކެތި ހޯދުމަށް ހުރިހާ ބެލެނިވެރިންގެ އެއްބާރުލުން ލިބުނު ކަމަށާއި، ތަން ޑިޒައިން ކޮށްފައިވަނީ ސްކޫލްގެ ހުނަރުވެރި ބެލެނިވެރިން ކަމަށް ޕްރިންސިޕަލް ޙަލީމް ވިދާޅުވިއެވެ.
އަދި މި މަސައްކަތުގެ ތެރެއިން ފެނިގެން ދިޔައީ ޓީޗަރުންނާއި ބެލެނިވެރިންގެ ހަރުދަނާ ގުޅުން ކަމަށާއި، މީގެ ސަބަބުން ބެލެނިވެރިން، ޓީޗަރުން އަދި ދަރިވަރުންގެ ގުޅުން ބަދަހިވެ، އޮތް ލޯބި އިތުރުވެގެން ދިޔަކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
“މި އަގުހުރި މަސައްކަތަށް އަޅުގަނޑާއި މެނޭޖްމަންޓުގެ ނަމުގައި ބެލެނިވެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަދި އެދެނީ މި ވަރުގަދަ ގުޅުން ދާއިމަށް އޮތުން” ޕްރިންސިޕަލް ޙަލީމް ވިދާޅުވިއެވެ.