ރައީސްޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހެޅުއްވި ފުރަތަމަ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. 56.6 ބިލިއަން ރުފިޔާގެ މި ބަޖެޓުގައި ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ބަޖެޓުގައި ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ އެންމެ ބޭނުންވާ ފަރާތްތަކަށް ދިނުމާއި، އާސަންދަ ނިޒާމު އިސްލާހު ކުރުމާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުމާއި، ދައުލަތުގެ ޕެންޝަން ނިޒާމު އިސްލާހުކޮށް ތަކުރާރު ނުވާނެ ގޮތް ހެދުމާއި، އެސްއޯއީތައް ރިފޯމް ކުރުން ފަދަ މުހިންމު ގިނަ ކަންކަމަކަށް އިސްކަންދީފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކާއެކު 4.9 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓް އަދި ބިޑީން ނަގަމުންދާ ޑިއުޓީ ބޮޑު ކުރުމާއި، އެއާޕޯޓް ޓެކުހާއި ފީ ރޭޓްތައް މަތި ކުރުމާއި، ގްރީން ޓެކުހުގެ ރޭޓް މަތިކުރުން ހިމެނެއެވެ.
ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ޚަރަދުތައް ނުހިމަނައި އާމްދަނީއާއި ޚަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.
ރައީސް ޑރ. މުޢިއްޒު މީގެކުރިން ވަނީ 2025 ވަނަ އަހަރަށް ބަޖެޓު ހުށަހަޅުއްވާފައިވާނީ، އެންމެ މުއްސަނދިމީހާ އަތުން ހޯދާފައި، އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމުގެ ދަށުން، އިޤްތިޞާދީ ޢަދުލުވެރިކަން ތަންފީޒުކުރެއްވުމަށް ކަމަށް ވިދާޅުވެފައެވެ. އަދި މި ބަޖެޓުން، އެންމެ ނިކަމެތި މީހާއަށް، ނުވަތަ އެންމެ އެހީ މުހިންމުވާ މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުރުގޮތަކަށް ބުނާނަމަ، ދަރަނިތަކުގެ ތެރެއިން ޤައުމު އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ރައީސް މުއިއްޒު ސަރުކާރުގެ ފުރަތަމަ ބަޖެޓްގެ ކޮންމެ ނަންބަރަކުން އޮތީ ރައްޔިތުންނަށް އުފާވެރިކަން ފެންނާށެވެ. މި ބަޖެޓަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްފައިވާ ބަޖެޓެކެވެ.
ބަޖެޓުގައި ހިމެނިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކަކީ ޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ޚާއްޞަކޮށް ސަބްސިޑީ ނިޒާމު އިޞްލާޙުކުރުމާއި، އާސަންދަ ނިޒާމު ހަރުދަނާކުރުމާއި، ދައުލަތުގެ ކުންފުނިތައް ރިފޯމްކުރުމަކީ ދިގު މުއްދަތުގައި ޤައުމަށް ފައިދާކުރާނެ ކަންކަމެވެ.
އެހެންނަމަވެސް، މި ބަޖެޓު ތަންފީޒުކުރުމުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެކަމަށް ބައެއް އިޤްތިސާދީ މާހިރުން ބުނެއެވެ. ޚާއްޞަކޮށް ޓެކްސްތައް މަތިކުރުމާއި ސަބްސިޑީތައް ކުޑަކުރުމުން ރައްޔިތުންގެ ފަރާތުން ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން މި ބަދަލުތައް ގެނައުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންނަށް އޭގެ މުހިންމުކަން ސަރުކާރުން މިހާރުވެސް ދަނީ އޮޅުންފިލުވައިދެމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ ޤައުމު ދަރަނީގެ ވަޅުގަނޑުން ނެރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މި ބަޖެޓު ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެ، ރައްޔިތުންނަށް އުފާވެރި މާދަމާއެއް ފެނިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.