ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މި ދުވަހަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދުވަހެކެވެ.
މަސްވެރިންކަން ކުރިއަރުވާ މަސްވެރިންނަށް ހުރި ދަތިތައް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ވަރަށް ގާތުން އަޑުއަހަމުންނެވެ. އޭގެ އެއް ހެއްކަކީ އިއްޔެ ރައީސްގެ އެއް ރިޔާސީ ވައުދުކަމަށްވާ “މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ” ވައުދު ފުއްދުމެވެ.
މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކޮށް، އެދާއިރާއިން މީހުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމަކަށް ވަނީ ވެފައެވެ. އެގޮތުން މިހާރުވަނީ މިދާއިރާއިން މަތީތައުލީމް އުގެނުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ. މިކަމުގެ އެންމެ ފާހަގަކޮށްލެވޭ މިސާލަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި 1 ސެޕްޓެންބަރު 2024ގައި “މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް” އުފެއްދުމެވެ.
މި ކޮލެޖުން ބެޗްލަރ އޮފް މެރިން ސައިންސްގެ އިތުރުން “މަސް ޕްރޮސެސް” ކުރަން ދަސްކޮށްދޭ ތަމްރީންތައް ވަނީ ފަށާފައެވެ. މީގެ އިތުރުން، މިހާރު ޒުވާނުންގެ ތެރޭގައި މަޤުބޫލްކަން ހޯދާފައިވާ، އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް ނަން ހިނގާ “ސްޕޯޓްސް ފިޝިންގ” ގެ ދާއިރާއިންވެސް މަތީތަޢުލީމް ޙާސިލް ކުރުމުގެ ފުރުސަތު އެ ކޮލެޖުންވަނީ ފަހިކޮށްދީފައެވެ. މިއީ ދިވެހި މަސްވެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހަމައެހެންމެ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން “ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް”ގެ ދަށުން ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަތީ ތަޢުލީމުގެ ކޯސްތަކަށް ފުރުޞަތު މިހާރުވަނީ ހުޅުވާލައިފައެވެ. މިގޮތުން 4 ދާއިރާއަކުން ކިޔެވުމަށް ޖުމްލަ 6 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ޚާއްޞަކޮށް، ފިޝަރީޒް ޕޮލިސީ ދާއިރާއިން މާސްޓާސް ޑިގްރީ ޙާސިލުކުރުމުގެ ފުރުސަތު 1 ފަރާތަކަށް ހުޅުވާލައިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި 2000 އަށްވުރެން ގިނަމީހުން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާއިރު، އެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އަދި 350 އަށް ވުރެން ގިނަ މަސް ދޯނި ރަޖިސްޓްރިވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުތަކުން ދައްކައިދެނީ މަސްވެރިކަމުގެ ދާއިރާގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުންދާކަމެވެ. ނަމަވެސް، މި ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ މުހިންމު ކަމެކެވެ.
އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިން ދިވެހިވަންތަ މި މަސައްކަތް އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލް ކޮށްދިނުމަށް، މި ދާއިރާއިން ޒުވާނުން އުގެނި ދަސްވެނިވެ، މަސައްކަތްތަކަށް ނިކުންނަން މިހާރު މި ވަނީ ޖެހިފައެވެ. މިކަމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ. މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.
މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މިއީ ހަމައެކަނި އަމިއްލަ ކުރިއެރުމަށް ނޫނެވެ. މުޅި ޤައުމުގެ އިޤްތިޞާދަށް ވެސް މީގެ ފައިދާ ކުރާނެއެވެ. ތަޢުލީމީ ގޮތުން ޤާބިލު މަސްވެރިންނަކީ އައު ޓެކްނޮލޮޖީއާއި އާ ގޮތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ބައެކެވެ. މީގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، އާމްދަނީ އިތުރުވެގެންދާނެއެވެ.
މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޒުވާނުން މި ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެކެވެ. މިއީ އަމިއްލަ ކުރިއެރުމަށާއި، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި މި މުހިންމު މަސައްކަތް ދިވެހިންގެ އަތުގައި ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. ނޫންނަމަ، މި މުހިންމު މަސައްކަތްވެސް އަހަރެމެންގެ ކިބައިން، ބީވެގޮސް، ބިދޭސީންގެ މަސައްކަތަކަށް ވެދާނެއެވެ. އެހެންކަމުން، މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ މިއަދުގެ ޒުވާނުންގެ ޒިންމާއެކެވެ.