35 އަހަރުގެ ހައްވަ ތައުފީގް (ހައްވައްކޮ) އަކީ ހަމައެކަނި ހުނަރުވެރި ޕައިލެޓެއް ނޫނެވެ. މަންމައެއްގެވެސް ރޯލް އަދާކުރަމުން އަމިއްލަ ދިރިއުޅުމާއި ކޮކްޕިޓްގައި މަލްޓި ޓާސްކް ކުރަމުންދާ ހައްވައަކީ ވައިގެ އުދުހުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އެތައް ޒުވާނުންނަށް ހުރި ނަމޫނާއެކެވެ. 2014 ގައި ވައިގެ ދަތުރުފަތުރުގެ ކެރިއަރ ފެށުމަށްފަހު، އޭނާވަނީ ފިރިހެނުން ގިނަ މި ދާއިރާގައި އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައި، ހުނަރުވެރި ޕައިލެޓެއްގެ ގޮތުގައި ފިޔަޖަހާފައެވެ. ނަމަވެސް އޭނާގެ ދަތުރަކީ ހަމައެކަނި އުސްމިނާ ބެހޭ ދަތުރެއް ނޫނެވެ – އެއީ ވައިގެ ދަތުރުފަތުރުގެ ގޮންޖެހުންތަކާ ގުޅިފައިވާ ދުނިޔެއާއި މަންމައެއްގެ އޯގާތެރި ދައުރާއި އެކުގައި ބެލެންސްކުރުމުގެ ވެސް ދަތުރެކެވެ. ޕައިލެޓެއްގެ އިތުރުން ގިނަ ބައެއްގެ މެދުގައި ހައްވަ މަގްބޫލްވެގެން ގޮސްފައިވަނީ ޓީވީއެމްގެ އެ ހަނދާނުގައި ޝޯގައި ގެނެސްދިން “ދިރުވި ނިޝާން” ލަވައިންނެވެ.


ހައްވަ އާއި އެކު ކޮކްޕިޓުން ގެނެސްދޭ މި އިންޓަވިއުގައި މިފަހަރު ހައްވަ މި ކިޔައިދެނީ އޭވިއޭޝަން ދާއިރާއަށް ކުރި ދަތުރެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރުމަށް ހައްވައަށް ހިތްވަރު ލިބުނު ގޮތަކީ ކޮބާތޯ؟
ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރަން ބޭނުންވި މައިގަނޑު ސަބަބަކީ އަހަރެން އަބަދުވެސް އެކި ތަންތަނަށް ދަތުރުކުރަން ބޭނުންވުން. އަދި މީގެ އިތުރުން، ވިލާތަކުގެ މަތިން އުދުހެމުން މަތިންދާބޯޓެއް ކޮންޓްރޯލްކުރުމުގެ ޚިޔާލު އޭރުވެސް ކުރެވުން. ކޮންމެއަކަސް، އެމެރިކާގައި ޕައިލެޓްކަމުގެ ތަމްރީނު ހަދައި، ރާއްޖެ އައިސް 2014 ގައި ޓީއެމްއޭގައި ސީޕްލޭން ޕައިލެޓެއްގެ ގޮތުގައި ގުޅުނިން. އަދި އެތާނގައި 3 އަހަރު މަސައްކަތްކުރުމަށްފަހު، ވިލާ އެއަރގައި އޭޓީއާރު ޕައިލެޓެއްގެ ގޮތުގައި ގުޅުނިން. އެތާނގައި 7 އަހަރު މަސައްކަތްކުރުމަށްފަހު، މިހާރުމަންޓާގައި އޭޓީއާރު ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދާތާ އަހަރެއް މިވަނީ.
މަންޓާ އެއަރގެ އަންހެން ޕައިލެޓެއްގެ ހައިސިއްޔަތުން، މިހާތަނަށް ހައްވަގެ ކެރިއަރގައި އެންމެ ހިތްހަމަޖެހުން ލިބުނު ކަންތައްތަކަކީ ކޮބާ؟
ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން އަހަރެންނާ ގުޅައި، މި ދާއިރާއާ ބެހޭގޮތުން ސުވާލުކުރޭ. ޚާއްޞަކޮށް ފިރިހެނުން ގިނަ ދާއިރާއެއްގައި އަންހެނެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ތަޖުރިބާއާއި އަޅުގަނޑުގެ ނަޒަރުން އެކަން ފެންނަ ގޮތާ ބެހޭގޮތުން އަހާ އޮޅުންފިލުވާ. ހައްވަ ބުނާނީ މިހާތަނަށް ހައްވަގެ ދަތުރު ކުރިއަށް ދިޔައީ ވަރަށް ރީތިކޮށޭ. ސީނިއަރުންނާއި އަހަރެންނާއެކު އުދުހުނު ކްރޫ އަބަދުވެސް ވަނީ އެންމެ މަތީ ދަރަޖައިގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދީ، މިއަދު އަޅުގަނޑު މި ހުރި މަޤާމަށް ވާސިލްވުމަށް މަގުދައްކައިދިން. އަދި މިކަމަށް އަބަދުވެސް ޝުކުރުވެރިވާނަން.


ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އަންހެނެއްގެ ހައިސިއްޔަތުން ހައްވައަށް ކުރިމަތިވި ގޮންޖެހުންތަކަކީ ކޮބާ، އަދި އެ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރި ގޮތް ކިޔައިދީބަލަ؟
އަޅުގަނޑު މި ދާއިރާއަށް އަލަށް ގުޅުނުއިރު ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރަނީ ގިނައިން ފިރިހެނުން. އެހެންކަމުން ޓީއެމްއޭގައި ފްލައިކުރަން ފެށިއިރު، އަންހެން ކްރޫއަށް ރޭގަނޑު މަޑުކުރަން އެކަށީގެންވާ ތަންތަން ހަމަޖެއްސުމަކީ (ފްލައިޓް އޮޕަރޭޝަންސް ޑިޕާޓްމަންޓަށް) ކުޑަކޮށް ގޮންޖެހުމަކަށްވި. އެކަމަކު، މިއަދު ފެންނަނީ އައު ގަވާއިދުތަކާއި އެއަރލައިންތަކުގެ ސިޔާސަތުތަކާއެކު މި ދާއިރާއިން މި ގޮންޖެހުންތައް ހައްލުކޮށްފައިވާ ތަން. އަދި މި ދާއިރާއަށް އިތުރު އަންހެން ކްރޫ ގުޅެމުންދާތަން ފެނުމާއި، މަދު އަހަރުތަކެއްގެ ތެރޭގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތަން ފެނުމަކީ ވަރަށް އުފާވާ ކަމެއް!
މަސައްކަތުގައާއި ގޭގައި ހައްވަގެ އާންމު ދުވަހެއް ހޭދަވަނީ ކިހިނެއް؟ ކޮކްޕިޓުން ބޭރުގައި ހުންނައިރު ޕައިލެޓެއްގެ ދައުރުން މަންމައެއްގެ ދައުރަށް ބަދަލުވަނީ ކިހިނެއް؟
ތިކަން ޑިޕެންޑް ވަނީ އަޅުގަނޑަށް ހަވާލުކުރެވިފައިވާ ޑިއުޓީގެ މައްޗަށް. އާންމުކޮށް ޑިއުޓީ ނޯޓިފިކޭޝަން ދެތިން ދުވަސް ނޫނީ ޑިއުޓީގެ ކުރީ ދުވަހު ލިބޭ. ޑިއުޓީއަށް ރިޕޯޓުކުރަންޖެހޭ ގަޑިއާއި، ފްލައިޓުތަކުގެ އަދަދާއި، މަންޒިލްތަކާއި، އެ ވަކި ޑިއުޓީ މުއްދަތުގައި އަޅުގަނޑުމެންނާއެކު އުދުހޭނެ ކްރޫން ވެސް އޭރުން އެނގޭ. މަންޓާގައި އާންމުކޮށް 9-11 ގަޑިއިރުގެ ޑިއުޓީއެއް ކުރަންޖެހޭ. އެހެންވީމާ، ހެނދުނު ޑިއުޓީ ފަށައިފިނަމަ، އާންމުކޮށް ނިމޭނީ ހަވީރު ނުވަތަ އިރާކޮޅު. އިރާކޮޅު ޑިއުޓީ ފަށައިފިނަމަ ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު. ހަފްތާއެއްގެ ތެރޭގައި ދެ ދުވަހުގެ އޮފް ލިބޭނެ.
މަސައްކަތްކުރާ މަންމައެއްގެ ގޮތުގައި ފުރަތަމަ ފެށިއިރު ހައްވައަށް އެއީ ވަރަށް ގޮންޖެހުންތަކެއް ހުރި ކަމަކަށްވި. އެކަމަކު ހައްވަގެ އާއިލާއާއި ލޯބިވާ މީހުންގެ އެހީތެރިކަމާއެކު މިދަނީ ކުރިއަށް. ޑިއުޓީއަށް ދާއިރު، ދަރިފުޅު ހުންނަނީ ދަރިފުޅުގެ ބައްޕަ ނޫނީ ހައްވަގެ މަންމަ އަދި ދައްތަ ގާތުގައި. ދަރިފުޅަށް މިހާރު 2 އަހަރު. އޭނާއަކީ ވަރަށް އިންޑިޕެންޓެންޑް ކުއްޖެއް، އަލްޙަމްދުލިއްލާހް. އެހެންވީމާ މަސައްކަތްކުރާ މަންމައެއްގެ ގޮތުން އެއީ ކުރިއަށްދެވުނު އެއް ސަބަބު. އެއީ އަޅުގަނޑުގެ ޑިއުޓީގައި ހުންނައިރުވެސް އޭނާ ރަނގަޅަށް ހުންނާނެކަން އެނގޭތީ.

ދިގު ފްލައިޓުތަކުގައި ނުވަތަ ބިޒީ ދުވަސްތަކުގައި މޮޓިވޭޓްވުމާއެކު، ފޯކަސްވެ ހުންނަނީ ކިހިނެއް، އަދި ހައްވަ ދެކޭގޮތުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ކާމިޔާބުވުމަށް އެންމެ މުހިންމު ހުނަރުތަކަކީ ކޮބާ؟
އަބަދުވެސް ރަނގަޅަށް ނިދުމަށް ސަމާލުކަންދެން، ދެން ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށްވެސް މަސައްކަތްކުރަން. އެހެންވީމާ، ބިޒީ ދުވަސްތަކުގައި އެހާ ވަރުބައްޔެއް ނުވޭ. އަބަދުވެސް ކަންކަމާމެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމަށް މަސައްކަތްކުރުމުން މޮޓިވޭޓްވެސް ވޭ.
ހައްވަ ގަބޫލުކުރާ ގޮތުގައި ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބުވުން ބިނާވަނީ އެމީހެއް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވެފައިވާ ކޮމިޓްމެންޓްގެ މައްޗަށް. ހަގީގަތުގައި ވިސްނުން ކޮންމެ މީހެއްގެވެސް ދުވަހުން ދުވަހުގެ ޢަމަލުތަކުގައި މުހިންމު ދައުރެއް އަދާކުރޭ. އެހެންވީމަ ސިކުނޑިއަކީ އަޅުގަނޑުމެންގެ އޮތް އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވެދާނެ، އެކަމަކު އެއީ އަޅުގަނޑުމެންނަށް އެ ޑިސިޕްލިން ކުރަން އެނގޭނަމަ.


ހައްވަގެ ކެރިއަރގައި އެންމެ ހަނދާންހުރި ނުވަތަ އެންމެ ގޮންޖެހުންތަކާއި ކުރިމަތިވި ފްލައިޓް ތަޖުރިބާއަކީ ކޮބާ، އަދި އެކަމާ ކުރިމަތިލީ ކިހިނެއް؟
ޓީއެމްއޭގައި ސީޕްލޭން އުދުހުމަކީ ވަރަށް ހަނދާން ހުންނަ ކަމެއް. އެއް ރިސޯޓުން އަނެއް ރިސޯޓަށް، ހުރިހާ މޫސުމެއްގައި އުދުހުން. ދެން އެންމެ ހަނދާންހުރި އަނެއް ފްލައިޓަކީ ވިލާ އެއަރގައި މަސައްކަތްކުރިއިރު، ހައްވަގެ އަމިއްލަ ރަށް، ގަން އެއަރޕޯޓަށް ފުރަތަމަ ފަހަރަށް ޖެއްސި ފްލައިޓް.
ހައްވަ ގަބޫލުކުރާ ގޮތުގައި ކޮންމެ ގޮންޖެހުމެއް ހައްލުކުރުމަށް، އަޅުގަނޑުމެން އެންމެ ފުރިހަމައަށް މަސައްކަތްކުރަންޖެހޭ. އެއްވެސް މީހަކު ފުރިހަމައެއް ނޫން. އެހެންވިޔަސް އަމަލީ ތަޖުރިބާއާއި ޢަޒުމާއެކު، ކޮންމެ ކަމެއްވެސް ހާސިލުކުރެވިދާނެ.
މުސްތަޤްބަލަށް ބަލާއިރު، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހައްވަގެ ކެރިއަރ ކުރިއަރައިގެންދާނެ ކަމަށް ދެކެނީ ކިހިނެއް، އަދި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބާ؟
މިވަގުތަށް، ބޭނުންވަނީ ޕައިލެޓެއްގެ ގޮތުގައި އުދުހުން ކެރިއަރެއްގެ ގޮތުގައި ކުރިއަށް ގެންދިއުން. އަދި ފަހުން މި ދާއިރާގެ އިދާރީ މަސައްކަތަށް ބަދަލުވުމަށް. އަދި އިރާދަކުރެއްވިއްޔާ އެއްދުވަހަކުން މިއަށްވުރެ ބޮޑެތި ޖެޓުތައް އުދުހުން.



