ލިޔުނީ: އާމިނަތު ޒުހުދާ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަކީ ދުނިޔޭގެ އެންމެ ފުރިހަމައަށް ރޭވިފައިވާ އެއް ޝަހަރެވެ. ގުދުރަތީ ރީތިކަމާއި، ޒަމާނީ ވަސީލަތްތަކާއި، އިސްލާމީ އަގީދާގެ އަސަރުން ފުރިފައިވާ މި ޝަހަރުގައި، ހަމަޖެހުމާއި، ތަދުބީރުވެރިކަމުގެ މާހައުލެއް ޤާއިމުކުރެވިފައިވެއެވެ. މި ލިޔުމުގައި، އިސްލާމްއާބާދުގެ އަސްލު، އުފެދިގެން އައިގޮތާއި، އިސްލާމް އާބާދުގެ ގުދުރަތީ މާހައުލުގެ ފުރިހަމަކަމާއި ލިބެންހުރި ވަސީލަތްތަކާއި އަދި ފަރުމާކުރެވިފައިވާގޮތާއިމެދު ބަލާލެވޭނެއެވެ.
އިސްލާމްއާބާދަކީ ކޮބައިތޯ؟
ބަލާ ފޫހިނުވާފަދަ ގުދުރަތީ ގޮތުން ރީތި، މާގްލާ ފަރުބަދައިގެ ވާދީގައިވާ، ޕޮޓޯހާރް ހައިލޭންޑްސްގެ އުތުރުބިތުގައި ގާއިމް ވެފައިވާ މި ހިތްގައިމު ޝަހަރަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދެވެ. މިއީ ހަމައެކަނި ސަރުކާރުގެ މައި މަރުކަޒެއް ނޫނެވެ. އެއީ ތަފާތު ސަގާފަތްތަކާއި، ތަޢުލީމީ މަރުކަޒުތަކާއި، ވިޔަފާރީގެ މަރުކަޒުތައް އެއްކޮށްލާތަރައްގީ ކުރެވިފައިވާ މުޖުތަމަޢެކެވެ. “އިސްލާމްއާބާދު” މި ނަމުގެ މާނައަކީ “އިސްލާމް ދީނުގެ ޝަހަރު” ނުވަތަ “އިސްލާމް ދީނުގެ ރަށް” އެވެ. މި ނަން ރަމްޒުކޮށްދެނީ ޕާކިސްތާނުގެ ދީނީ އަސާސްތަކާއި ޤައުމީ އެއްބައިވަންތަކަމަށް ދޭ އަހައްމިއްޔަތެވެ.
ޕާކިސްތާނުގެ އެހެނިހެން ބޮޑެތި ޝަހަރުތައްކަމުގައިވާ ކަރާޗީއާއި ލާހޯރާއި އަޅާބަލާއިރު އިސްލާމްއާބާދު ތަފާތުވާ ވަރަށް ގިނަކަންތައް އެބަހުއްޓެވެ. އެ ގޮތުން އިސްލާމްއާބާދުގެ ފުޅާ ބޮޑެތި މަގުތާއި، އެ މަގުތަކުގެ ސާފުތާހިރުކަމާއި، ވަށައިގެންވާ ފެހިކަންގަދަ މާހަލާއި، ރޭވުންތެރިކަމާއެކު ތަރުތީބުކުރެވިފައިވާ މަރުކަޒުތައް ފާހަގަކޮށްލަންޖެހެއެވެ. މި ޝަހަރަކީ ވަކި ޚާއްސަ މަޤްސަދުތަކަށްޓަކައި ބިނާކުރެވިފައިވާ ތަނެކެވެ. އެހެންކަމުން ތަނުގެ އިންފްރާސްޓްރަކްޗަރާއި، ލޭއައުޓްޕާކިސްތާނުގެ އެހެން ހުރިހާ ޝަހަރުތަކާ ވަރަށް ތަފާތެވެ. ޒަމާނަށް ފެތޭ ގޮތަށް އަދި ތަފާތު ބައިތަކަށް ބަހާލައިގެން ފަރުމާކުރެވިފައިވާ މި ޝަހަރުގައި ސަރުކާރުގެ އިދާރާތަކާއި، ޑިޕްލޮމެޓިކް ސެކްޓަރާއި، ރެސިޑެންޝަލް ސެކްޓަރާއި، ވިޔަފާރީގެ ސެކްޓަރާއި، ތަޢުލީމީ މަރުކަޒުތައް ހިމެނެއެވެ ( އައްބާސީ އަދި ޚާން، 2012)
އިސްލާމްއާބާދު އުފެދިގެން އައިގޮތް
ޕާކިސްތާނު އުފެދުމަށްފަހު، އެ ޤައުމުގެ ވެރިރަށަކީ ކަރާޗީއެވެ. ނަމަވެސް، ކަރާޗީ އޮތްސަރަޙައްދުގެ ސަބަބުން (އެއީ ބަނދަރު ޝަހަރަކަށްވެފައި އަދި ދެކުނުގައި އޮންނާތީ)، ސަރުކާރުގެ ކަންކަން ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެގެންދިޔައެވެ. މިގޮތުން، ޤައުމުގެ ސެންޓަރަލް ނުވަތަ މެދުތެރެއާ ކައިރި، ގުދުރަތީ ގޮތުން ރީތި، އަދި ހިމޭން މާހައުލެއްގައި އައު ވެރިރަށެއް ޤާއިމުކުރުމުގެ ޚިޔާލު އުފެދުނެވެ ( އަހުމަދު،1993).
1959 ވަނަ އަހަރު، ޕާކިސްތާނުގެ އޭރުގެ ރައީސް މުޙައްމަދު އައްޔޫބް ޚާން، އައު ވެރިރަށެއް ބިނާކުރުމުގެ ނިންމެވުމެއް ނިންމެވިއެވެ. މި މަޤްސަދުގައި 1960 ވަނަ އަހަރު ކެޕިޓަލް ޑިވެލޮޕްމެންޓް އޮތޯރިޓީ (CDA) ޤާއިމުކުރެވުނެވެ. އަދި ވެރިރަށް ބިނާކުރުމަށްޓަކައި އެންމެ އެކަށޭނެ ސަރަޙައްދެއް ހޮވުމަށް ދިރާސާތަކެއް ކުރެވުނެވެ. އަދި ކުރެވުނުނު ދިރާސާތަކުގެ އަލީގައި ވެރިރަށަކަށް އެންމެ އެކަށޭނެ ސަރަޙައްދަކީ މާގްލާ ފަރުބަދައިގެ ވާދީގައި، ރާވަލްޕިންޑީއާ ކައިރި ހިސާބުކަމަށް ކަނޑައެޅުނެވެ. މި ސަރަޙައްދު ހޮވުމުގައި ތަނުގެ ގުދުރަތީ ރީތިކަމާއި، މެދުތެރެއަށް ވާހެން އޮތް އޮތުމާއި އަދި ހަމަޖެހޭ މާހައުލެއް ޤާއިމުކުރުމަށް އެކަށޭނެ ތަނެއްކަމުގައި ބެލެވުން ހިމެނުނެވެ(ޚާން،2016).
އިސްލާމްއާބާދު ފަރުމާކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ގްރީކްގެ މަޝްހޫރު އާކިޓެކްޓް ކޮންސްޓެންޓިނޯސް ޑޮކްސިއާޑިސްއާއެވެ. ޑޮކްސިއާޑިސްއަކީ “އެކިސްޓިކްސް” ނުވަތަ ހެބިޓޭޝަން ސައިންސްގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އިސްލާމްއާބާދުގެ މާސްޓަރ ޕްލޭން ތައްޔާރުކުރިއިރު، ތިމާވެއްޓަށް އަހައްމިއްޔަތުކަން ދީފައިވަނީ ވަރަށް ބޮޑަށެވެ. މާސްޓަރ ޕްލޭންގައި “ގްރިޑް” ސިސްޓަމެއް ބޭނުންކޮށްފައިވެއެވެ. މި ސިސްޓަމުގައި ޝަހަރު ބޮޑެތި ސެކްޓަރުތަކަކަށް ބަހާލައި، ކޮންމެ ސެކްޓަރަކީ އޭގެ ޒާތުގައި ފުރިހަމަ، ތަފާތު ވަސީލަތްތައް ހިމެނޭ ބަޔަކަށް ވާނެހެން ފަރުމާކުރެވުނެވެ. އިސްލާމްއާބާދު ބިނާކުރުމުގެ މަސައްކަތް ފެށުނީ 1961 ވަނަ އަހަރުގެ ތެރޭގައެވެ. އަދި 1966 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ވެރިރަށުގެ ގޮތުގައި އިސްލާމްއާބާދު ހިންގަން ފެށިއެވެ.
އިސްލާމްއާބާދުގެ ގުދުރަތީ މާހައުލުގެ ފުރިހަމަކަން
އިސްލާމްއާބާދަކީ ގުދުރަތީ ރީތިކަމުން މުއްސަނދި ޝަހަރެކެވެ. މި ހިތްގައިމު ޝަހަރުގެ ވަށައިގެންވާ މާގައްލާ ފަރުބަދައަކީ އަކީ ހިމާލަޔާގެ ރޮނގުގެ އެއްބައެވެ. މި ފަރުބަދައިގެ ސަބަބުން ޝަހަރަށް ޚާއްސަ ރީތިކަމެއް ލިބިފައިވެއެވެ. މާގްލާ ފަރުބަދައިގެ ސަބަބުން އަބަދުވެސް އާ ރޯފިނިވައި ލިބި، އިސްލާމްއާބާދުގެ މޫސުން ރަގަޅަށް އޮވެއެވެ. މީގެ އިތުރުން މާގްލާ އަކީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ޕާކެކެވެ. ދުލުން އަދި ގަލަމަކުން މި މާހައުލުގެ ފުރިހަމަކަން ބަޔާންކޮށްދިނުމަކީ ދަތިކަމެކެވެ. ބަލާލި ކޮންމެ ދިމާއަކުން ފެނިގެންދަނީ، އުދުހެމުންދާ ތަފާތު ކުލަކުލައިގެ އެކި ވައްތަރުގެ ދޫނިތަކާއި، ހޯރައަޅަމުންދާ ބާޒުތަކުގެ ހަރަކާތްތަކެވެ. އުދުހެމުންދާ ދޫނިތަކުގެ ހިތްގައިމު އަޑުން ހިތަށް ބަޔާންކުރަން ނޭނގޭފަދަ ހިތްހަމޖެހުމެއް ގެނެސްދެއެވެ. މި ޕާކުގައި ހިނގާލުމަށް ބޭނުންކުރާ ދިގު މަގުތަކާއި މަތިން އިސްލާމްއާބާދުގެ ރީތިކަން ބެލުމަށްތަކާ މަޑުކޮށްލާނެ ތަންތަން ވެސް ހުރެއެވެ (IUCN, 2005).
މި ހިތްގަމު ޝަހަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، ޝަހަރުގެ އެތެރޭގައި ހަދާފައިވާ ބޮޑެތި ބަގީޗާތަކާއި ޕާކުތަކެވެ. ފެހިކަންގަދަ ތަފާތު ބާވަތުގެ ރުއްގަހުން ފުރިފައިވާ ފާތިމާ ޖިނާހް ޕާކް، ލޭކް ވިއު ޕާކފަދަ ތަންތަނަކީ ޝަހަރުގެ ގުދުރަތީ މާހައުލުގެ ރީތިކަން އިތުރުކޮށްދޭ ތަންތަނެވެ. އަދި މާގްލާގެ މަތީގައިވާ ދަމަން-އޭ-ކޯއިން އިސްލާމް އާބާދު ގެ މުޅި ޝަހަރު އެއްކޮށް ފެނިގެންދެއެވެ. ރާވަލް ލޭކް (Rawal Lake) އަކީ އިސްލާމްއާބާދުގެ ދެކުނު ސަރަޙައްދުގައި ޝަހަރުގެ ރައްޔިތުންނަށް ފެން ފޯރުކޮށްދޭ މުހިންމު މަޞްދަރެއްގެ އިތުރުން، މީހުން ހިތްހަމަޖައްސާލުމަށްޓަކާ ތަފާތު ހަރަކާތްތަކަށްވެސް ބޭނުންކުރާ ތަނެކެވެ.
އިސްލާމްއާބާދު ފަރުމާކުރެވިފައިވަނީ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެންކަމުން ޝަހަރުގެ ގިނަ ސަރަޙައްދުތަކަކީ ފެހިކަންގަދަ ރުއްގަހާއި މާމެލާމެލީގެ މާހައުލެކެވެ. މީގެ ސަބަބުން ޝަހަރުގެ ޖައްވު ސާފުވެ، ތިމާވެށީގެ ހަމަޖެހުން ދެމިގެންދެއެވެ. ޝަހަރުގެ މަގުތަކުގެ ދެފަރާތުގައިވެސް ގިނަ އަދަދެއްގެ ރުއްގަސް ހައްދާފައި ހުރުމަކީ ޝަހަރުގެ ރީތިކަން އިތުރުކޮށްދޭ އެއް ކަމެކެވެ.
އިސްލާމްއާބާދުން ލިބެންހުރި ވަސީލަތްތައް
އިސްލާމްއާބާދަކީ ވެރިރަށެއްގެ ހައިސިއްޔަތުން، އެތައް ބައިވަރު ވަސީލަތްތަކެއް ލިބެންހުރި ޝަހަރެކެވެ. މިއީ ޤައުމުގެ އެންމެ ބޮޑެތި ތަޢުލީމީ، ޞިއްޙީ، އިދާރީ، އަދި ވިޔަފާރީގެ މަރުކަޒުތައް ހިމެނޭ ތަނެކެވެ.
ސަރުކާރުގެ އަދި އިދާރީ ވަސީލަތްތައް: ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިސްކުރާގެ ، ރިޔާސީ ގަނޑުވަރު، ސުޕްރީމް ކޯޓް، އަދި އެހެނިހެން މިނިސްޓްރީތަކާއި ސަރުކާރުގެ އޮފީސްތައް ހުންނަނީ އިސްލާމްއާބާދުގައެވެ. މީގެ އިތުރުން، އެތައް ބައިވަރު ޤައުމުތަކުގެ އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތައް ވެސް ހުންނަނީ މި ޝަހަރުގައެވެ.
ތަޢުލީމީ ވަސީލަތްތައް: އިސްލާމްއާބާދުގައި ޕާކިސްތާނުގެ އެންމެ މަޝްހޫރު އަދި މޮޅު ޔުނިވަރސިޓީތަކާއި ކޮލެޖްތައް ހުރެއެވެ. މި ތަންތަނުގެ ތެރޭގައި ޤާއިދު-އީ-އަޒަމް ޔުނިވަރސިޓީ، ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ(NUST)، ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދު، އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ހިމެނެއެވެ (HEC, n.d.). މި ތަންތަނުން ޤައުމީ އަދި ބައިނަލްއަޤްވާމީ ދަރިވަރުންނަށް މަތީ ފެންވަރުގެ
ތަޢުލީމީ ޚިދުމަތްތައް ފޯރުކޮށްދެއެވެ.
ޞިއްޙީ ވަސީލަތްތައް: އިސްލާމްއާބާދުގައި އެތައް ބައިވަރު މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހުރެއެވެ. މި ތަންތަނުގެ ތެރެއިން ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (PIMS) އަކީ ޕާކިސްތާނުގެ އެންމެ ބޮޑެތި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން އެއް ތަނެވެ. މީގެ އިތުރުން، ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލް އަދި ޕޮލީކްލިނިކް ފަދަ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް ޒަމާނީ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މި ތަންތަނުގެ ސަބަބުން އިސްލާމްއާބާދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ލިބެއެވެ.
ދަތުރުފަތުރުގެ ވަސީލަތްތައް: އިސްލާމްއާބާދުގައި ރޭވިފައިވާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރެވިފައިވެއެވެ. ޝަހަރުގެ މަގުތައް ފުޅާވެފައި، ރަނގަޅު ހާލަތެއްގައި ހުރުމުގެ ސަބަބުން ދަތުރުފަތުރު ފަސޭހަވެއެވެ. މީގެ އިތުރުން، 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު މެޓްރޯ ބަސް ސިސްޓަމަކީ ޝަހަރުގެ އެތެރޭގައި ދަތުރުކުރުމަށް ފަސޭހަ އަދި އަގުހެޔޮ ވަސީލަތެކެވެ(ޚާން އަދި ކަމަލް،2016). މި ސިސްޓަމްގެ ސަބަބުން ރާވަލްޕިންޑީއާ އިސްލާމްއާބާދު ގުޅިފައިވާތީ، ދެ ޝަހަރުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިފައިވެއެވެ. ބައިނަލްއަޤްވާމީ ދަތުރުފަތުރަށްޓަކައި ނޫރް ޚާން އިންޓަރނޭޝަނަލް އެއަރޕޯޓް (މިހާރު އިސްލާމްއާބާދު އިންޓަރނޭޝަނަލް އެއަރޕޯޓް) އޮވެއެވެ. މި އެއަރޕޯޓުން ޕާކިސްތާނާއި ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުކުރެވެއެވެ.
ވިޔަފާރީގެ ވަސީލަތްތައް: އިސްލާމްއާބާދުގައި ޒަމާނީ ވިޔަފާރި މަރުކަޒުތަކާއި މޯލްތައް ހުރެއެވެ. ސެންޓޯރަސް މޯލް، ސަފާ ގޯލްޑް މޯލް، އަދި ޖިންނާހް ސުޕަރ މާކެޓް ފަދަ ތަންތަނުން ތަފާތު ބާވަތްތައް (ބައިނަލްއަޤްވާމީ ބްރޭންޑްތަކާއި ލޯކަލް އުފެއްދުންތައް) ލިބެން ހުރެއެވެ. މީގެ އިތުރުން، ޝަހަރުގެ ކޮންމެ ސެކްޓަރެއްގައި ވެސް ކުދިކުދި ވިޔަފާރި މަރުކަޒުތަކާއި ކޮންވީނިއަންސް ސްޓޯރުތައް ހުންނާތީ ރައްޔިތުންނަށް ދިރިއުޅުމުގެ ކަންކަން ފަސޭހަވެއެވެ.
ޘަޤާފީ ވަސީލަތްތައް: އިސްލާމްއާބާދުގައި ޕާކިސްތާނުގެ ޘަޤާފަތާއި ތާރީޚް ދައްކުވައިދޭ އެތައް ތަންތަނެއް ހުރެއެވެ. އެގޮތުން ފައިސަލް މިސްކިތަކީ ދުނިޔޭގެ އެންމެ ބޮޑެތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ ޒަމާނީ އަދި އިސްލާމީ އާކިޓެކްޗަރގެ ރީތި މިސާލެއްގެ ގޮތުގައެވެ. ޕާކިސްތާން މޮނިއުމެންޓް އާއި ލޮކް ވީރްސާ މިއުޒިއަމް އަކީ ޤައުމުގެ ތާރީޚާއި ސަގާފަތް ދިރާސާކުރުމަށް އެކަށޭނެ ތަންތަނެވެ. ޝަހަރުގައި ގިނަ އަދަދެއްގެ ޕާކްތަކާއި މުނިފޫހިފިލުވުމުގެ މަރުކަޒުތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހޭ ވަގުތުތައް ހޭދަކުރުމުގެ ފުރުސަތު ލިބެއެވެ.
އިސްލާމްއާބާދު ފަރުމާކޮށްފައިވާގޮތް
އިސްލާމްއާބާދަކީ ދުނިޔޭގައި އެންމެ ފުރިހަމައަށް ރޭވިފައިވާ ޝަހަރުތަކުގެ ތެރޭގައި ހިމެނޭ ޝަހަރެކެވެ. އޭގެ ފަރުމާކުރުން ބިނާވެފައިވަނީ ގްރީކްގެ މަޝްހޫރު އާކިޓެކްޓް ކޮންސްޓެންޓިނޯސް ޑޮކްސިއާޑިސް ތައްޔާރުކުރެއްވި “މާސްޓަރ ޕްލޭން” ގެ މައްޗަށެވެ. މި ޕްލޭންގައި “ގްރިޑް” ސިސްޓަމެއް ބޭނުންކޮށްފައިވެއެވެ. މި ސިސްޓަމްގައި ޝަހަރު ބޮޑެތި ސެކްޓަރުތަކަކަށް ބަހާލެވިފައިވެއެވެ. މި ސެކްޓަރުތައް އަކަޔަށް ދަމާލެވިފައިވާ ގޮތަށް ހުރެ، ކޮންމެ ސެކްޓަރަކީ އޭގެ ޒާތުގައި ފުރިހަމަ އަދި ވަކިވަކި ވަސީލަތްތަކެއް ހިމެނޭ ބަޔަކަށް ވާނެހެން ފަރުމާކުރެވިފައިވެއެވެ.(Doxiadis, 1965)
ސެކްޓަރުތަކަށް ބަހާލުން: އިސްލާމްއާބާދު ވަނީ ތަފާތު ބައިތަކަށް (ސެކްޓަރުތަކަށް) ބަހާލެވިފައެވެ. މި ބައިތަކުގެ ތެރޭގައި:
އިދާރީ ސެކްޓަރު (Administrative Sector): މި ބައިގައި ސަރުކާރުގެ މުހިންމު އިދާރާތަކާއި، ޕާލިމެންޓް، ރިޔާސީ ގަނޑުވަރު، އަދި ސުޕްރީމް ކޯޓް ހިމެނެއެވެ.
ޑިޕްލޮމެޓިކް އެންކްލޭވް (Diplomatic Enclave): މިއީ ބައިނަލްއަޤްވާމީ އެމްބަސީތަކާއި ހައި-ކޮމިޝަންތައް ހުންނަ ޚާއްސަ ސަރަޙައްދެކެވެ.
ރެސިޑެންޝަލް ސެކްޓަރުތައް (Residential Sectors): މިއީ މީހުން ދިރިއުޅޭނެ ސެކްޓަރުތަކެވެ. ކޮންމެ ރެސިޑެންޝަލް ސެކްޓަރެއްގައި ވެސް އަމިއްލަ ވިޔަފާރި މަރުކަޒު (Markaz)، މިސްކިތް، ސްކޫލް، ޞިއްޙީ މަރުކަޒު އަދި ޕާކްތައް ހުރެއެވެ. މިކަމުގެ ސަބަބުން ކޮންމެ ސެކްޓަރެއްގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބެއެވެ.
ވިޔަފާރީގެ ސެކްޓަރުތައް (Commercial Sectors): ޝަހަރުގައި ބޮޑެތި ވިޔަފާރި މަރުކަޒުތަކާއި އޮފީސް އިމާރާތްތައް ހުންނަ ޚާއްސަ ސެކްޓަރުތައް ވެއެވެ.
ތަޢުލީމީ އަދި ސިއްޙީ ސެކްޓަރުތައް (Educational & Health Sectors): ޔުނިވަރސިޓީތަކާއި ބޮޑެތި ހޮސްޕިޓަލްތައް ހުންނަ ޚާއްސަ ސެކްޓަރުތައް ވެސް ޝަހަރުގެ ފަރުމާގައި ހިމެނެއެވެ.
އިންޑަސްޓްރިއަލް ސެކްޓަރު (Industrial Sector): ލައިޓް އިންޑަސްޓްރީޒްއަށް ޚާއްސަކުރެވިފައިވާ ސެކްޓަރެއް ވެސް ޝަހަރުގެ ބޭރުފަޅީގައި ހުރެއެވެ.
ފުޅާ މަގުތަކާއި ގްރީން ސްޕޭސްތައް: އިސްލާމްއާބާދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ ފުޅާ، ގަރުއްގަހުން ފުރިފައިވާ މަގުތަކެވެ. ޝަހަރުގެ މާސްޓަރ ޕްލޭންގައި ގްރީން ސްޕޭސްތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. ކޮންމެ ސެކްޓަރެއްގައި ވެސް ޕާކްތަކާއި، ބަގީޗާތައް ހުރުމުގެ އިތުރުން، ޝަހަރުގެ މަގުތަކުގެ ދެފަރާތުގައި ވެސް ގިނަ އަދަދެއްގެ ރުއްގަސް ހައްދާފައި ހުރެއެވެ.
ޒަމާނީ އިންފްރާސްޓްރަކްޗަރ: އިސްލާމްއާބާދަކީ ޒަމާނީ އިންފްރާސްޓްރަކްޗަރއިން ފުރިފައިވާ ޝަހަރެކެވެ. ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމް ފަދަ އަސާސީ ޚިދުމަތްތައް ވަރަށް ރަނގަޅަށް ގާއިމުކުރެވިފައިވެއެވެ. މުވާސަލާތީ ވަސީލަތްތައް އަދި އިންޓަރނެޓްގެ ޚިދުމަތްތައް ވެސް ވަރަށް ފުރިހަމައަށް ލިބެން ހުރެއެވެ. ޝަހަރުގެ އާކިޓެކްޗަރ އަކީ ޒަމާނީ އަދި އިސްލާމީ އަސަރުތައް އެއްކޮށްލާފައިވާ އާކިޓެކްޗަރެކެވެ. މިކަމުން ޝަހަރުގެ ރީތިކަން އިތުރުވެ، ފަރުމާކުރެވިފައިވާ ގޮތުގެ ޚާއްސަ ކަމެއް ދައްކުވައިދެއެވެ. ޝަހަރު ފަރުމާކޮށްފައިވަނީ ވަކިވަކި ސެކްޓަރުތައް އެއްބަޔަކު އަނެއްބަޔަކާ ނުގުޅި ދުއްވާ ތަންތަން ފަދައިން، ނަމަވެސް އެކުވެރި މާހައުލެއް ޤާއިމުކުރެވޭނެ ގޮތަށެވެ. މީގެ ސަބަބުން ޓްރެފިކް ތޮއްޖެހުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެއެވެ (ޚާން، 2012).
ޚުލާސާ
އިސްލާމްއާބާދަކީ ގުދުރަތީ ރީތިކަމާއި، ތަދުބީރުވެރި ރޭވުންތެރިކަން އެކުލެވޭ ހާއްސަ ޝަހަރެކެވެ. ޕާކިސްތާނުގެ ވެރިރަށުގެ ގޮތުގައި 1960ގެ އަހަރުތަކުގައި ބިނާކުރެވުނު މި ޝަހަރު ފަރުމާކުރެވިފައިވަނީ ޒަމާނީ އާބަން ޕްލޭނިންގެ އެންމެ މަތީ ފެންވަރަށް ބަލައިގެންނެވެ. މާގްލާ ހިލްސްގެ ވާދީގައި އޮންނަ މި ޝަހަރުގެ ކޮންމެ ސެކްޓަރެއް ވެސް ވަނީ ފުރިހަމައަށް ރޭވި، އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތަކަށް ބައްޓަންކުރެވިފައެވެ. ގިނަ އަދަދެއްގެ ގަސްރުއްގަހާއި، ޕާކްތަކުގެ ސަބަބުން ޝަހަރުގެ ޖައްވު ސާފުކަން ދެމިގެންދެއެވެ. މީގެ އިތުރުން ތަޢުލީމީ، ޞިއްޙީ، އިދާރީ، އަދި ވިޔަފާރީގެ ގިނަ ވަސީލަތްތަކެއް ލިބެން ހުރުމުގެ ސަބަބުން، އިސްލާމްއާބާދަކީ ދިރިއުޅެން އެކަށޭނެ، ހަމަޖެހޭ އަދި ތަރައްޤީވެފައިވާ ޝަހަރެއްކަން ކަށަވަރުވެއެވެ. ޑޮކްސިއާޑިސްގެ މާސްޓަރ ޕްލޭނުގެ ތަދުބީރުވެރިކަމުގެ ސަބަބުން އިސްލާމްއާބާދަކީ ތިމާވެއްޓަށް ރައްކާތެރިވެ، މީހުންނަށް އަމާން އަދި ހިމޭން މާހައުލެއް ފޯރުކޮށްދޭ މިސާލެއްކަން ބަޔާންކުރެވެއެވެ.
ހަވާލާ ލިސްޓު
Abbasi, J., & Khan, S. (2012). Urban Planning and Development in Islamabad: A Case Study of Sectoral Growth. Journal of Urban Studies, 15(3), 201-218.
Ahmed, K. (1993). The Making of Pakistan’s Capital: A History of Islamabad. Vanguard Books.
Doxiadis, C. A. (1965). Islamabad: The Capital of Pakistan. Doxiadis Associates.
International Union for Conservation of Nature (IUCN). (2005). Assessment of Margalla Hills National Park: Biodiversity and Conservation Challenges. IUCN Pakistan.
Khan, A. S. (2016). Islamabad: The Planned City – Environment, Infrastructure and Society. Oxford University Press.
Khan, R., & Kamal, S. (2016). Metro Bus System Islamabad-Rawalpindi: Impact on Urban Commuting and Public Transport. Journal of Transport Studies, 10(2), 87-102.
Shaikh, S., & Haque, A. (2018). Healthcare Infrastructure and Services in Pakistan’s Capital: An Evaluation. Pakistan Journal of Health Sciences, 7(1), 45-58.