ލިޔުނީ: އާމިނަތު ޒުހުދާ
ޢިލްމު ހޯދުމަށް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅާފައިއެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތަކީވެސް “إِقْرَأْ” (ކިޔަވާށޭ) އެވެ. މިކަމުން އިންސާނާ އޭނާގެ ދުނިޔެއާއި އާޚިރަތުގެ ހަޔާތް ބާއްޖަވެރިކުރުމުގައި އިސްލާމީދީނުގައި ޢިލްމު ހޯދުމާއި، ޚާއްޞަކޮށް ކިޔެވުމަށް ދެވިފައިވާ މަތިވެރި މަޤާމު އެނގިގެންދެއެވެ.
ކާމިޔާބަކީ ކޮންމެ އިންސާނަކުވެސް ހޯދަން ބޭނުންވާ މަންޒިލެކެވެ. އެހެންކަމުން، ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް ކުރިއެރުމާއި ފާގަތިކަން ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރެވެއެވެ. މި މަސައްކަތުގައި އެހީތެރިވެދޭ އެއް އަސާސަކީ ޢިލްމާއި ހުނަރެވެ. ޢިލްމާއި ހުނަރު ހާސިލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ވަޞީލަތަކީ ފޮތްކިޔުމެވެ. އެގޮތުން، ޒަމާނުއްސުރެ އިންސާނުންގެ ތަޖުރިބާތަކާއި ދިރާސާތަކާއި ހިޔާލުތައް އެއްކޮށް ރައްކާކޮށްފައިވާ ޚަޒާނާއަކީ ފޮތްތަކެވެ.
ފޮތްކިޔުމަކީ ހަމައެކަނި މައުލޫމާތު ހޯދުމަށް ނުވަތަ ހުސްވަގުތުގައި މުނިފޫހިފިލުވުމަށް ކުރާ ކަމެއް ނޫނެވެ.ފޮތްކިޔުމަކީ އިންސާނާގެ ވިސްނުމާއި ފިކުރު ފުޅާކޮށް، ދުނިޔެއަށް ބަލާ ނަޒަރު ބަދަލުކޮށް، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށްދޭ ދަތުރެކެވެ. ކާމިޔާބު އިންސާނުންގެ ދިރިއުޅުމަށް ބަލާއިރު، ފޮތްކިޔުމަކީ އެބައިމީހުންގެ ދިރިއުޅުމުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ. މި ލިޔުމުގައި ބަލާލާނީ ކާމިޔާބު މީހަކަށްވުމަށްޓަކައި ފޮތްކިޔުމުގެ މުހިންމުކަމާއި، ފޮތްކިޔުމުގެ އަށަގަންނުވަންވީ ބައެއް ގޮތްތަކަށެވެ.
ފޮތް ކިޔަންވީ ކީއްވެ؟
އިންސާނާގެ ވިސްނުމާއި ފިކުރާއި ހުނަރު ތަރައްގީކޮށް ކުރިއެވުމަށް ބޭނުންނަމަ، އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ފޮތްކިޔުމެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ފޮތްކިޔުމަކީ ސިކުނޑީގެ ހަދާނާ ރަނގަޅުކޮށް، މައުލޫމާތު ރާޒާކޮށްދީ، ތަފާތު ކަންކަމާ ދޭތެރޭ ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. އަދި މިކަމުގެނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ގިނަ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެއަކަށް ފޮތްތައްވެގެންދެއެވެ( ފިގްއިރާ،2017).

ފޮތްކިޔުމުގެ އެންމެ މުހިންމު އެއް ފައިދާއަކީ ޢިލްމާއި މައުލޫމާތު އިތުރުވުމެވެ. ކޮންމެ ފޮތަކީވެސް އާ މައުލޫމާތުތަކާއި، އާ ހިޔާލުތަކާއި، އާ ދުނިޔެއަކަށް ހުޅުވިފައިވާ ދޮރެކެވެ. ތާރީޚީ ފޮތްތަކުން މާޒީގެ ޙާދިސާތަކާއި އުންމަތްތަކުގެ ތަޖުރިބާތައް ދަސްކުރެވެއެވެ. ސައިންސާއި ފަންނު ބިނާވެފައިވާ ފޮތްތަކުން ދުނިޔޭގެ ސިއްރުތައް ހާމަވެއެވެ. އަދި ފިކުރީ އަދި ފަލްސަފީ ފޮތްތަކުން އިންސާނާގެ ވުޖޫދާއި ދިރިއުޅުމުގެ މާނަ ހޯދުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން ފޮތްކިޔުމަކީ ބަސް ބޭނުންކުރުމުގެ ހުނަރު އިތުރުކޮށްދީ، ބަސްކޮށާރު މުއްސަނދިކޮށްދޭ ކަމެކެވެ. ތަފާތު ބާވަތުގެ ގިނަ ފޮތްތައް ކިޔުމުން ތަފާތު އާ ލަފުޒުތަކާއި އިބާރާތްތައް ދަސްވެ އެ ފަދަ ބަސްތަކާއި އިބާރާތްތައް ރަގަޅު ހާލަތުގައި ބޭނުންކުރުމަށް ދަސްވެގެންދެއެވެ. މިކަމުގެ ސަބަބުން ވާހަކަ ދެއްކުމުގަޔާއި، ލިޔެކިޔުންތަކުގައި ބަސް ރަނގަޅަށް ބޭނުންކުރުމުގެ ޤާބިލުކަން އިތުރުވެއެވެ. ނަތީޖާއެއްގެގޮތުން ފޮތްކިޔުންތެރިޔާއަށް ފިކުރީ މުއްސަނދިކަން ލިބުމާއެކު، މުޖުތަމަޢުގައި އުޅުމަށާއި، ވަޒީފާގެ މާހައުލުގައިވެސް ކުރިއެރުން ހޯދުމަށް ވަރަށް މުހިންމު ހުނަރަކަށް މިކަން ވެގެންދެއެވެ.
ފޮތްކިޔުމަކީ ނަފްސާނީ ގޮތުންވެސް ގިނަ ފައިދާތަކެއް ހޯދައިދޭ ކަމެކެވެ. ގަވާއިދުން ފޮތްކިޔުމަކީ ސްޓްރެސް ކުޑަކޮށް، ހާސްކަން ފިލުވާލުމަށް އެހީވެދޭ ކަމެކެވެ. އެއީ އިންސާނާގެ ސިކުނޑިއަށް އަރާމު ދީ، ދުނިޔޭގެ ކަންކަމުން ދުރުވެ، އާ ދުނިޔެއަކަށް ވަދެލުމަށް ލިބޭ ފުރުޞަތެކެވެ. މިކަމުގެ ސަބަބުން އިންސާނާގެ ނަފްސާނީ ސިއްޙަތު ރަނގަޅުވެ، ދިރިއުޅުމަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދެއެވެ.
ކިޔަވާ ކުދިންނަށް ފޮތްކިޔުމުގެ މުހިންމުކަން
ތުއްތު އުމުރުން ފެށިގެން ފޮތްކިޔުމުގެ އާދަ އަށަގަންނުވަން ފެށުމަކީ ކުއްޖާގެ ކުރިމަގަށް އޭގެ އެތައް ފައިދާއެއް ކުރާ ކަމެކެވެ. ކިޔަވާ ކުދިންނަށް ފޮތްކިޔުމަކީ ހަމައެކަނި މަދަރުސީ ހަޔާތުގައިކާމިޔާބީއަކަށް މަގުފަހިކޮށްދޭ ކަމެއް ނޫނެވެ. އެއީ އެކުއްޖެއްގެ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިކޮށްދީ، ވިސްނުމުގެ ތެރޭގައި ޢިލްމު ހޯދުމުގެ ލޯތްބާއި، އުނގެނުމުގެ ރޫޙު އުފައްދައިދޭ ކަމެކެވެ.


ޖޫލިޔާ.އޭ. ގްރިފްތް (2012) ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ތުއްތު ކުދިންނަށް ކިޔަވައިދިނުމާއި، ފޮތްތަކާ ގާތްކުރުވުމަކީ އެކުދިންގެ ބަސް ދަސްވުމާއި، ވިސްނުން ތަރައްޤީވުމަށް ނުހަނު މުހިންމު ކަމެކެވެ. ފޮތްކިޔުމުގެ ސަބަބުން ކުދިންގެ ބަސްކޮށާރު މުއްސަނދިވެ، ޖުމްލަ އެކުލަވާލުމުގެ ހުނަރު ތަރައްޤީވެއެވެ. އަދި މިކަމުގެ ސަބަބުން ސްކޫލްގައި ކިޔަވާ އެހެނިހެން މާއްދާތައް ދަސްކުރުމަށްވެސް ބޮޑު އެހީއެއް ލިބެއެވެ. މަޝްހޫރު ތަޢުލީމީ ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ފޮތްކިޔާ ކުދިންނަށް ލިޔުމާއި ކިޔުމުގެ ހުނަރުގައި އެހެން ކުދިންނަށްވުރެ ކުރިއެރުން ލިބި، އިމްތިޙާނުތަކުން މަތީ ނަތީޖާ ހޯދުމުގެ ފުރުޞަތު ބޮޑުކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން، ފޮތްކިޔުމަކީ ކުދިންގެ އުފެއްދުންތެރިކަމާއި، ޚިޔާލީ ބާރު އިތުރުކޮށްދޭ ކަމެކެވެ. ފޮތްތަކުގައިވާ ތަފާތު ދުނިޔެތަކާއި، ޝަޚްޞިއްޔަތުތަކާ ބެހޭ ގޮތުން ކިޔުމުން ކުދިންގެ ސިކުނޑީގައި ތަފާތު މަންޒަރުތައް ކުރަހައި، އާ ޚިޔާލުތައް އުފެދެއެވެ. މިކަމުގެ ސަބަބުން މައްސަލަތައް ޙައްލުކުރުމުގެ ހުނަރާއި، ނަފްސާނީ ގޮތުން މީހުންނަށް އިޙުސާސްކުރާ ގޮތްތައް ދެނެގަތުމުގެ ޤާބިލުކަން (Empathy) އިތުރުވެއެވެ. ކުދިން ކޮންމެ ދުވަހަކު 15 މިނިޓު ފޮތްކިޔާނަމަ، އަހަރަކު އެތައް މިލިއަން ބަސްތަކެއް ކިޔަން ލިބި، އެކުދިންގެ ޢިލްމީ އަދި ފިކުރީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭކަން ތަޢުލީމީ ދިރާސާތަކުން ވަނީ ހާމަވެފައެވެ.
ބޮޑެތިމީހުނަށް ފޮތް ކިޔުމުގެ މުހިންމުކަން
ބޮޑެތިމީހުންގެ ދިރިއުޅުމުގައިވެސް ފޮތްކިޔުމަކީ ކާމިޔާބީއަށް މަގުފަހިކޮށްދޭ އެއް އަސާސެވެ. ވަޒީފާގެ ދާއިރާގައި ކުރިއެރުމާއި، އަމިއްލަ ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށްވެސް ފޮތްތަކުގެ ދައުރު ވަރަށް ބޮޑެވެ. ޒަމާނާއެކު ދުނިޔެ ބަދަލުވަމުންދާ މި ދުވަސްވަރު، އަބަދުވެސް އާ މައުލޫމާތުތައް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގަވާއިދުން ފޮތްކިޔާ ބޮޑެތިމީހުންނަކީ އެބައިމީހުންގެ ދާއިރާއިން އާ ޓެކްނޮލޮޖީތަކާއި އާ ހިޔާލުތަކާ ބަރާބަރަށް އަހުލުވެރިބައެކެވެ. ނަތީޖާއެއްގެގޮތުން، އެބައިމީހުންގެ މަސައްކަތުގައި ހުނަރުވެރިކަން އިތުރުވެ، އިތުބާރު ހޯދުމަށް ފަސޭހަވެއެވެ. އިސްނެގުމާއި އާއި މަސައްކަތުގެ މާހައުލުގައި ކާމިޔާބު ހޯދާ މީހުންނަށް ބަލާއިރު، އެބައިމީހުންގެ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ފޮތްކިޔުން ހިމެނޭކަން ފާހަގަކުރެވެއެވެ. މަޝްހޫރު ވިޔަފާރިވެރިންނާއި، ޢިލްމުވެރިންނާއި، ސިޔާސީ ލީޑަރުންގެ ތެރޭގައިވެސް ގަވާއިދުން ގިނަ ފޮތްތައް ކިޔާ މީހުން ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ފޮތްކިޔުމަކީ ބޮޑެތިމީހުންގެ ނަފްސާނީ ސިއްޙަތަށްވެސް ވަރަށް ފައިދާކުރާ ކަމެކެވެ. އުމުރުން ދުވަސްވާން ފެށުމުން ދިމާވާ ސިކުނޑީގެ ބަލިތަކުން ދުރުވުމަށް ފޮތްކިޔުން އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ސިކުނޑި ހަރަކާތްތެރިކޮށް، މައުލޫމާތު ދިރުވައި ހެދުމަކީ ސިކުނޑީގެސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. އަދި ފޮތްކިޔުމަކީ ދިރިއުޅުމުގެ ފިކުރީ މައްސަލަތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުދައްކައިދޭ ކަމެއްވެސް މެއެވެ.
ބޮޑެތިމީހުންގެ ދިރިއުޅުމުގެ ފިކުރީ މައްސަލަތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފޮތްކިޔުމަކީ އެހީތެރިކަމުގެ މަގަކަށްވެއެވެ. ތަފާތު މައުޟޫތަކަށް ލިޔެފައިވާ ފޮތްތަކުން އިންސާނާގެ ވިސްނުމުގެ ދޮރުތައް ތަފާތު ދާއިރާތަކަށްހުޅުވާލައެވެ. ފަލްސަފީ ފޮތްތަކުން ދިރިއުޅުމުގެ މާނައާއި މަޤްޞަދު ބެލުމަށް އެހީވެދެއެވެ. އަމިއްލަ ތަރައްޤީއަށް ޚާއްޞަވެފައިވާ ފޮތްތަކުން އާ ހުނަރުތައް ދަސްކޮށް، އަމިއްލަ ނަފްސު ދެނެގަތުމަށް މަގުފަހިކޮށްދެއެވެ. މިކަމުގެ ސަބަބުން ބޮޑެތިމީހުންނަށް އަމިއްލަ ދިރިއުޅުމުގެ ކޮންޓްރޯލް ނެގުމަށް އެހީތެރިވެ، އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެއެވެ.
އިޖުތިމާޢީ ގޮތުން ބަލާނަމަވެސް ފޮތްކިޔުމަކީ ފައިދާހުރިކަމެކެވެ. ތަފާތު ޘަޤާފަތްތަކާއި، ގައުމުތަކުގެ ފޮތްތައް ކިޔުމުން ދުނިޔޭގެ އެހެން މީހުންނާއި، އެހެން މުޖުތަމަޢުތަކާ ބެހޭ ގޮތުން މައުލޫމާތު ލިބި، އެބައިމީހުންނަށް އިޙްތިރާމު ކުރުމުގެ ރޫޙު އާލާވެއެވެ. މިއީ މުޖުތަމަޢު ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޖޯޖް އާރު.އާރު. މާޓިން ވިދާޅުވެފައިވާ ފަދައިން، “ފޮތްކިޔާ މީހަކު އެއްވެސް އިރެއްގައި އެކަނިވެރިއެއް ނުވާނެއެވެ.”
ފޮތްކިޔުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގަންނަވާނީ ކިހިނެއް؟
ފޮތްކިޔުމަކީ ކާމިޔާބީއަށް މަގުފަހިކޮށްދޭ ކަމެއްކަން އެނގިފައިވާއިރު، މި އާދަ ކުދިންގެ ކިބައިގައި އަށަގަންނުވަން މަސައްކަތްކުރުމަކީ މައިންބަފައިންނާއި، މުދައްރިސުންގެ މައްޗަށް ލާޒިމުވާ ކަމެކެވެ. މި އާދަ ކުދިންގެ ކިބައިގައި އަށަގަންނުވައި ތަރައްޤީކުރުމަށްޓަކައި ތަފާތު ގޮތްތައް ބޭނުންކުރެވިދާނެއެވެ.


ކުޑައިރުއްސުރެ ފެށުން: ކުޑަކުދިން ތުއްތުއިރުއްސުރެ ފޮތްތަކާ ގާތްކުރުމަކީ އެންމެ މުހިންމު ކަމެކެވެ. އެކުދިންނަށް ފޮތްތައް ކިޔައިދީ، ފޮތްތަކުގެ ރީތި ކުރެހުންތައް ދައްކައި، ފޮތްތަކުގައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ފޮތްތަކަށް ޝައުޤުވެރިކަން އުފެއްދުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ސިކުނޑީގައި ފޮތްތަކަކީ އުފާވެރިކަމާއި، މައުލޫމާތު ލިބޭ މަސްދަރެއްކަމުގެ އިޙުސާސް އުފެދޭނެއެވެ.
މައިންބަފައިން ނަމޫނާއަކަށް ވުން: ކުދިންގެ އެންމެ ފުރަތަމަ ނަމޫނާއަކަށް ބަލާނީ އެކުދިންގެ މައިންބަފައިންނެވެ. މައިންބަފައިން ގަވާއިދުން ފޮތްކިޔާނަމަ، ކުދިންނަށް ފޮތްކިޔުމަކީ ދިރިއުޅުމުގެ މުހިންމު ބައެއްކަމަށް ދެކޭނެއެވެ. ގެއެއްގައި ފޮތްތައް ފެންނަން ހުރުމާއި، މައިންބަފައިން ފޮތްކިޔުމުގައި ވަގުތު ހޭދަކުރުމަކީ ކުދިންގެ ކިބައިގައި ފޮތްކިޔުމުގެ ލޯބި އާލާކުރުމަށް އެންމެ އެހީތެރިވާ އެއް ގޮތެވެ.
ފޮތްކިޔުމުގެ މާހައުލެއް ގާއިމުކުރުން: ގެއާއި ސްކޫލްގައި ފޮތްކިޔުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިންނަށް ފަސޭހައިން ފޮތްތައް ލިބޭނެ ގޮތް ހެދުމާއި، ފޮތްކިޔުމަށް ހާއްސަކުރެވިފައިވާ ކޮންމެވެސް ތަނެއް ނުވަތަ ކަނެއް ހެދުމަކީ ކުދިންގެ ކިބައިގައި މި އާދަ އާލާކުރުމަށް އެހީވެދޭނެއެވެ.
ގަވާއިދުން ކިޔުމުގެ ވަގުތު ހުސްކުރުން: ކޮންމެ ދުވަހަކު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފޮތްކިޔުމަށް ވަގުތު ހުސްކުރުމަކީ ކުދިންގެ ކިބައިގައި ފޮތްކިޔުމުގެ އާދަ އަށަގަންނުވައި، ދަމަހައްޓަން އެހީވެދޭނެ ކަމެކެވެ. މިސާލަކަށް، ނިދުމުގެ ކުރިން ފޮތެއް ކިޔައިދިނުން ނުވަތަ ކުއްޖާ އަމިއްލައަށް ކިޔުމަށް ބާރުއެޅުން ހިމެއެވެ.
ފޮތްތަކުގެ ބާވަތް ގިނަކުރުން: ކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭ ޝައުޤުވެރިވާނެ ތަފާތު ބާވަތްތަކުގެ ފޮތްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދީނީ ފޮތްތަކާއި، ތާރީޚީ މައުލޫމާތާއި ވާހަކަ ފޮތްތަކާއި، ޚިޔާލީވާހަކަ ފޮތްތަކާއި، ސައިންސާ ބެހޭ ފޮތްތަކާއި، ކުރެހުން ގިނަ ފޮތްތައް ފަދަ ތަފާތު ފޮތްތައް ދިނުމަކީ ކުއްޖާގެ ޝައުޤުވެރިކަން ދެމެހެއްޓުމަށް އެހީވެދޭނެއެވެ.
ފޮތްކިޔުމަށް ހިތްވަރުދިނުން: ފޮތްކިޔުމަށް ކުއްޖާ އަމިއްލައަށް ޝައުޤުވެރިކަން އުފައްދުމަށް ހިތްވަރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ފޮތްކިޔާނިމުމުން، ފޮތާ ބެހޭ ގޮތުން ސުވާލުކޮށް، ޚިޔާލު ބަދަލުކުރުމަކީ ކުއްޖާގެ ވިސްނުން ފުޅާވެ، ކިޔުމަށް ހިތްވަރުލިބޭނެ ކަމެކެވެ. މީގެ އިތުރުން، ލައިބްރަރީތަކަށް ޒިޔާރަތްކުރުމަށް ބާރުއެޅުމަކީވެސް ފޮތްތަކަށް ޝައުޤުވެރިކަން އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ.
ކާމިޔާބަކީ، ޢިލްމާއި ހުނަރާއި، ވިސްނުންތެރިކަމާ ގުޅިފައިވާ ކަމެކެވެ. މިކަންކަން ހާސިލުކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފޮތްކިޔުމެވެ. ފޮތްތަކަކީ ޢިލްމުގެ ޚަޒާނާއެކެވެ. އެއީ މާޒީގެ ތަޖުރިބާތަކާއި، މުސްތަޤުބަލުގެ އުންމީދުތައް އެކުލެވޭ މަސްދަރެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ފޮތްކިޔުމުގެ ސަބަބުން ޢިލްމީ، ފިކުރީ، ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތައް ލިބެއެވެ.
ފޮތްކިޔުމަކީ ހަމައެކަނި ފިކުރީ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ބިންގަލެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ފޮތްކިޔުމަކީ މީހާގެ ވިސްނުން ފުޅާކޮށް، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އިސްލާމްދީނުގައި ޢިލްމު ހޯދުމަށް ދީފައިވާ މަތިވެރި މަޤާމާއި، ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތުން ދޭހަވާ ގޮތުގައި، ކިޔެވުމަކީ އިންސާނާގެ ދިރިއުޅުމުގެ އެއްވެސް ދުވަސްވަރެއްގައި ދޫކޮށްލާނެ ކަމެއް ނޫނެވެ.
އެހެންކަމުން، ކާމިޔާބު އިންސާނަކަށްވުމަށް ބޭނުންނަމަ، ފޮތްކިޔުމަކީ ދިރިއުޅުމުގެ މުހިންމު އާދައެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން އެންމެން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ފޮތްކިޔުމުގެ ލޯބި އަޅުގަނޑުމެންގެ ކުދިންގެ ކިބައިގައި އަށަގަންނުވައި، ޢިލްމީ ޖީލެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެކެވެ. ފޮތްތަކުގެ ދުނިޔެއަށް ވަދެ، ޢިލްމުގެ ނޫރުން އަޅުގަނޑުމެންގެ ދިރިއުޅުން އަލިކުރަމާ ހިނގާށެވެ.