ހޮބީއަކަށް ފެށި މަސައްކަތް ގޭގައި ކުރާ ފުރިހަމަ ވިޔަފާރިއަކަށް ބަދަލުވެ، ކޭކު އެޅުމަކީ އާމިނަތު ޝަމީމް އިބްރާހީމްގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. 2019 ވަނަ އަހަރު ތިމާގެ މީހަކު ހިންގި ކުޑަ ކޭކު ކޯހަކުން ފެށުނު މި މަސައްކަތް، މާގިނަ ދުވަސްތަކެއް ނުވެ އޭނާގެ ހިތުގައި އުފެދުނު ބޮޑު ޝައުގުވެރިކަމަކަށް ބަދަލުވިއެވެ. މިއަދު ޝަމީމަކީ ގޭގެ ޒިންމާތައް ބަލަހައްޓަމުން، ރީތި ފަރުމާތަކުގެ ކޭކުތައްތައްޔާރުކޮށްދޭ ހޯމް ބޭކަރެކެވެ. އޭނާގެ މި ދަތުރަކީ، ސާބިތުކަމާއި އުފެއްދުންތެރިކަމާއެކު ކުޑަ ޝައުގުވެރިކަމެއް، އާމްދަނީ ލިބޭ އަދި ހިތްހަމަޖެހުން ގެނެސްދޭ މުހިންމު މަސައްކަތަކަށް ބަދަލުކޮށްލެވިދާނެ ގޮތުގެ ނަމޫނާއެކެވެ.
******
އެންމެ ފުރަތަމަ ކޭކު އަޅަން ފެށީ ކޮން އިރަކު؟ އަދި މިކަމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟
އެންމެ ފުރަތަމަ ކޭކު އަޅަން ދަސްކުރީ 2019 ގަ. ބޮޑުދައިތައަކު ހިންގި ކޭކު ކޯހެއްގައި ބައިވެރިވީ… އޭގެ ފަހުން އަސްލު މިކަން ކުރާހިތްވީ…
ކޭކު އަޅަނީ ހަމައެކަނި ހޮބީއެއްގޮތަށްތަ؟ ނޫނީ މިއީ މިހާރު ފުލް-ޓައިމްކޮށް ކުރާ ވިޔަފާރިއެއްތަ؟
ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތަށް… އެކަމަކު މިހާރު މިއީ ފުލް-ޓައިމް މަސައްކަތެއް…
އެންމެ އަޅާ ހިތްވަނީ ކޮން ކަހަލަ ކޭކެއް؟ (އުފަންދުވަހުގެ ކޭކު، ކައިވެނީގެ ކޭކު، ނުވަތަ ކަސްޓަމް ޑިޒައިންތައް؟
އެންމެ އަޅާހިތްވަނީ އުފަންދުވަހުގެ ކޭކު… ހާއްސަކޮށް ފިގަރސް ހުންނަ ކޭކުތައް ވަރަށް އަޅާ ހިތްވޭ…!
ކޭކު އަޅަން ދަސްކުރީ ކިހިނެއް؟ އަމިއްލައަށްތަ، ކޯހެއް ހަދައިގެންތަ، ނުވަތަ ހާއްސަ މީހެއްގެ ފަރާތުންތަ؟
ފުރަތަމަ ދަސްކުރީ ބޮޑުދައިތަ ހިންގި ކޯހެއްގައި ބައިވެރިވެގެން… އޭގެ ފަހުން ގިނަ ކަންތައްތައް ދަސްކުރީ ޔޫޓިއުބު ބަލައިގެން…!
މިހާތަނަށް ތައްޔާރުކުރި އެންމެ އުނދަގޫ ކޭކަކީ ކޮބާ؟
“ބިއުޓީ އެންޑް ދަ ބީސްޓް” ގެ ތީމަށް ތައްޔާރުކުރި ވެޑިން ކޭކެއް..


އެންމެ ގަޔާވާ ކޭކު ފްލޭވަރ ނުވަތަ ޑިޒައިނަކީ ކޮބައި؟
ވެނީލާ ފްލޭވަރ، އަދި ފޮންޑަންޓް ޑެކޮރޭޝަން ޖަހާފައި ހުންނަ ކޭކުތައް..
ކޭކުގެ އާ ޑިޒައިންތަކާއި އާ ޚިޔާލުތައް ހޯދަނީ ކިހިނެއް؟
އާއިލާގެ ފަރާތުން.. ހާއްސަކޮށް ބައްޕަ އާއި ފިރިމީހާގެ ފަރާތުން…!
ކޭކު އެޅުމުގެ ދާއިރާއަށް ނުކުތްއިރު ދިމާވި ދަތިތަކަކީ ކޮބާ؟
ޑެކޮރޭޝަނަށް ބޭނުންވާ ތަކެތި ނުލިބުން..!


މި މަސައްކަތަށް ވަގުތު ހުސްކުރަނީ ކިހިނެތް؟ އަދި ކޭކެއް ތައްޔާރުކުރަން ކިހާ ވަގުތެއް ހޭދަވޭ؟
އަސްލު ވަގުތު ހޭދަވާ މިންވަރު ބިނާވަނީ ޑިޒައިންތަކަށް… ބައެއް ފަހަރު ނުނިދާ މަސައްކަތް ކުރަންޖެހޭ ދުވަސްތައްވެސް އާދޭ…!
ކޭކު އަޅަން ފަށަން ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ނުވަތަ ނަސޭހަތަކީ ކޮބާ؟
މިއީ ގޭގައި ހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް… އާއިލާއާއެކު ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތެއް..!



