ކ. ގާފަރަށް އުފަން ޞަފޫރާ ޢަބްދުލް ޣަފޫރަކީ ގާފަރު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލައްވާފައިވާ، އިހުލާސްތެރިކަމާއެކު ރަށުގެ ތަރައްގީއަށް މިހާރުވެސް މަސައްކަތްކުރައްވާ ކަނބަލެކެވެ. އެގޮތުން ޞަފޫރާގެ އެންމެ ބޮޑު އަމާޒަކީވެސް ރަށުގެ ހިންގުމުގައި ރައްޔިތުންގެ ދައުރު ފުޅާކޮށް، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު އިއްވައިދިނުމެވެ.
ޞަފޫރާ އަމިއްލަ ނަފްސު ސިފަކުރައްވަނީ ރައްޔިތުންނާއެކު ސާބިތުކަމާއެކު ހުރި އުޚުތެއްގެ ގޮތުގައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މިހާރުވެސް ގާފަރަށް ހިދުމަތް ކުރަމުންދާ ޞަފޫރާ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލް ގޮނޑިއަށް ވާދަކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކަންކަމުގައި ރައްޔިތުން ބާރުވެރިކުރުވައި، ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެންގެ ވިސްނުމާއި ހިޔާލު އިސްކުރުމެވެ.

އިޖުތިމާއީ ހަރަކާތްތެރިކަން
ރަށުގައި ހިންގޭ ތަފާތު ޕްރޮގްރާމްތަކުގައި ޞަފޫރާއަކީ ފާހަގަކޮށްލެވޭ ހަރަކާތްތެރިއެކެވެ. ރައްޔިތުންގެ ކުރިއެރުވުމަށާއި ރަށުގެ ތަރައްގީއަށް ހިންގާ ހަރަކާތްތަކުގައި އޭނާ އަބަދުވެސް ބައިވެރިވެއެވެ. އިޖުތިމާއީ އަދި ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، އަންހެނުން ބާރުވެރިކުރުވުމުގެ ކޯސްތަކާއި، ކުޅިވަރު ހަރަކާތްތަކުގައި އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ގާފަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޭނާއަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވެއެވެ.


އެގޮތުން އިޖުތިމާއީ ދުޅަހެޔޮކަމަށް ވަކާލާތުކުރުމާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޞަފޫރާ މީގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ކައުންސިލާ ގުޅިގެން ރަށުގެ ތަރައްގީގެ މަޝްރޫއުތައް އޮމާންކަމާއެކު ކުރިއަށްގެންދިއުން ކަށަވަރުކުރުމުގެ އިތުރުން، ނިންމުންތައް ނިންމުމުގައާއި ރަށުގެ އިސް ސަފުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގައި ވެސް ޞަފޫރާާގެ ހަރަކާތްތެރިވެއެވެ.
ސިޔާސީ ފިކުރު
ޞަފޫރާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގަތީ އެ ޕާޓީގެ ތަރައްގީއަށް އަމާޒު ހިފާފައިވާ އުސޫލީ ސިޔާސަތުތަކުގެ ސަބަބުންނެވެ. އޭނާ ފުރިހަމައަށް ތާއީދުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށެވެ. ހާއްސަކޮށް ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށެވެ.



ހާސިލްކޮށްފައިވާ ކާމިޔާބީތައް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ހޭދަކުރެއްވި މުއްދަތުގައި ޞަފޫރާ ވަނީ:
އަންހެނުން ބާރުވެރިކުރުވުމަށް ތަފާތު ކޯސްތައް ހިންގުމުގައި ހަރަކާތްތެރިވެފައި
ދަރިވަރުންނަށް ހާއްސަކޮށްގެން ނަމާދު ވޯކްޝޮޕްތަކާއި އިޖުތިމާއީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށްފައި
ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެހީތެރިވެ އިންތިޒާމުކޮށްފައި
ކައުންސިލާ ގުޅިގެން، ބޮޑު ބަޖެޓެއް ހޭދަކޮށް ގާފަރުގެ ދެ ސަރަހައްދެއްގައި ފެންވަރު ރަނގަޅު މޫދަށް އެރޭ ސަރަހައްދުތަކެއް (ބީޗް) ގާއިމުކުރުމުގައި އެކިގޮތްގޮތުން ބައިވެރިވެފައި
ރަށުގެ ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި


ވޯޓުލާ ފަރާތްތަކަށް ދޭ މެސެޖު
ޞަފޫރާ ފާހަގަކުރައްވާ ގޮތުގައި ކޮންމެ ވޯޓަކީ ގާފަރުގެ މުސްތަގުބަލަށާއި ރަށުގެ އަންހެނުންގެ އަޑު އިއްވުމަށް ހަވާލުކުރެވޭ އަމާނާތެކެވެ. އޭނާ ވައުދުވަނީ އިހުލާސްތެރިކަމާއި، ވަފާތެރިކަމާއެކު ރަށުގެ ކުރިއެރުމަށް މަސައްކަތްކޮށް، ގާފަރަކީ ފާގަތި ރަށަކަށް ހެދުމަށާއި ރަށުގެ ރައްޔިތުންގެ އަޑު އިވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.
_”ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، އަޅުގަނޑަށް ތިޔަބޭފުޅުން ދެއްވާ ކޮންމެ ވޯޓަކީ ގާފަރުގެ މުސްތަގުބަލަށްޓަކައި، އަދި ރަށުގެ ރައްޔިތުންގެ އަޑު އުފުލުމަށްޓަކައި ދެއްވާ ވޯޓެއް ކަމުގައި ދެކިވަޑައިގަތުމެވެ. އިޚްލާޞްތެރިކަމާއެކު ރަށަށް ޚިދުމަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.” – ޞަފޫރާ



