ކ. ދިއްފުށީ، ރަތްބަގީޗާގޭ ފާއިޒާ އަބްދުލްއަޒީޒަކީ އެ ރަށުގެ ތަރައްގީއަށްޓަކައި އެތައް އަހަރެއްވަންދެން ހިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު އަދި މަގުބޫލު އިޖުތިމާއީ ލީޑަރެކެވެ. އަސާސީ ތައުލީމު ހާސިލުކުރެއްވުމަށްފަހު، ވަރަށް ޒުވާން އުމުރުގައި މަސައްކަތުގެ މައިދާނަށް ނުކުމެވަޑައިގެން، އޭނާގެ ދިރިއުޅުން ބިނާކުރެއްވީ ބުރަ މަސައްކަތާއި، ކެތްތެރިކަމާއި، އަދި މުޖުތަމައަށް ހިދުމަތްކުރުމުގެ ވަރުގަދަ އަޒުމެއްގެ މަތީގައެވެ.
ފާއިޒާ މަސައްކަތް ފެއްޓެވީ އުމުރުން 13 ނުވަތަ 14 އަހަރުގައި، ދިއްފުށީގައި ދިރިއުޅުނު އިޓަލީ މީހެއްގެ އެހީތެރިއެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ތެރެއިން ގޭތެރޭގެ މަސައްކަތްތަކާއި ޒިންމާ އުފުލުމުގެ ކުރީގެ ތަޖުރިބާ އޭނާ ހޯއްދެވިއެވެ. ވަރަށް ޅައުމުރުގައި ފާއިޒާގެ ކިބައިގައި އަށަގަތް މަސައްކަތްތެރިކަމުގެ ސިފައަކީ، ފަހުން ރަށުގެ ތަރައްގީއަށް އޭނާ ކުރެއްވި ދިގު މުއްދަތުގެ ހިދުމަތްތަކުގެ ބިންގަލެވެ.

ތަޖުރިބާއާއި އިޖުތިމާއީ ލީޑަރޝިޕް
ފާއިޒާއަކީ ދިއްފުށީގެ އިޖުތިމާއީ އަދި ތަރައްގީގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަނބަލެކެވެ. 1996 އިން 2020 އަށް، ދިއްފުށީ އެކުވެރިންގެ ރޯޝަން ކްލަބުގެ ފަރާތުން މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ސަގާފީ ހަރަކާތްތައް ހިންގުމުގައި އޭނާ އިސްކޮށް އުޅުއްވައި، ރަށުގެ ސަގާފަތް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރެއްވިއެވެ.
މީގެއިތުރުން ދިއްފުށީގެ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިއްފުށީގެ ތަރައްޤީއާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ރަށުގެ ކުރިއެރުމަށް އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގު، ރަށު ފެންވަރުގައި ވަޒަންކުރުމުގެ މަޤްޞަދުގައި ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކޮންމެ އަހަރަކު ދޭ “ކަނބާ އެވޯޑް” 2023 ވަނަ އަހަރު ފާއިޒާ ހާސިލްކުރައްވާފައެވެ.

2007 އިން 2009 އަށް ދިއްފުށީ ރަށު ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އޭނާ ހިދުމަތް ކުރެއްވިއިރު، އޭނާއަކީ އެ ކޮމިޓީގައި ހިމެނުނު ހަމައެކަނި އަންހެން މެންބަރެވެ. އެ މުއްދަތުގެ ތެރޭގައި، މީރު އައިލެންޑް ރިސޯޓާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ފެރީގެ ހިދުމަތް ހޯދައިދިނުމާއި، ރަށުގައި އާ އިންޖީނުގެއެއް ބިނާކުރުން ފަދަ ބޮޑެތި މަޝްރޫއުތަކުގައި އޭނާ އަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ކްލަބް ޖަމިއްޔާތައް ހިންގުމާ ގުޅޭގޮތުން ބޭއްވުނު ތިން ސިމްޕޯޒިއަމެއްގައާއި، ދިއްފުށީގައި ހިންގުނު ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ފާއިޒާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރަށުގައި މަދަހަ މުބާރާތްތަކާއި އެހެނިހެން އިޖުތިމާއީ ހަރަކާތްތައް އިންތިޒާމުކޮށް، ދީނީ އަދި އިޖުތިމާއީ ރޫހު އާލާކުރުމުގައި އޭނާ ވަނީ އިސް ސަފުގައި މަސައްކަތް ކުރައްވާފައެވެ.
އޭނާގެ ލީޑަރޝިޕް ތަޖުރިބާގެ ތެރޭގައި، ކައުންސިލްގެ 2 ވަނަ އަދި 3 ވަނަ ދައުރުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ ރައީސާގެ މަގާމު ފުރުއްވައި، އަންހެނުންގެ ކުރިއެރުމަށާއި މުޅި މުޖުތަމައުގެ ލާބައަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުން ހިމެނެއެވެ. އަދި ދިއްފުށީގެ ގިނަ ޒުވާނުންނަށް ފާއިޒާގެ އެހީތެރިކަމާއެކު ވަނީ ވަޒީފާގެ ފުރުސަތުތައްވެސް ހޯދާދީފައެވެ.



ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްތައް
ސިޔާސީ ޕާޓީތައް އުފެދުމުގެ މާ ކުރިންވެސް، ފާއިޒާއަކީ ރަށުގެ އިދާރީ ކަންކަމާއި، ތަރައްގީގެ މަސައްކަތްތަކާއި، އަދި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރި ކަނބަލެކެވެ. ސިޔާސީ ޕާޓީތައް އުފެދުމާއެކު، ދިއްފުށީގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، އެ ޕާޓީގެ ތެރެއިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެއްވިއެވެ.
ފާއިޒާ އަބަދުވެސް ގަބޫލުކުރައްވަނީ، މާނަހުރި ކުރިއެރުމެއް ހޯދޭނީ ގާބިލު ފަރާތްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އޭނާއަށް މުޖުތަމައުގެ މައްސަލަތަކަށް ހައްލު ހޯދުމަކީ އަމިއްލަ ޒިންމާތައް ބެލެހެއްޓުން ފަދަ މުހިންމު ކަމެކެވެ. އަދި މިއަދުވެސް ފާއިޒާގެ ހުރިހާ މަސައްކަތެއްގައި އެންމެ އިސްކަމެއް ދެއްވަނީ މުޖުތަމައުގެ ލާބައާއި މަންފާއަށެވެ.ތަޞައްވުރާއި އިސްކަންދޭ ކަންތައްތަކަށެވެ.
ދިއްފުށްޓަށް މިވަގުތު ކޮށްދިނުމަށް ފާއިޒާ އިސްކަންދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
އޭގެތެރޭގައި ތަޢުލީމީ ދާއިރާ ދެމެހެއްޓުމާއި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމާއި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ދިއްފުށީ ކައުންސިލާއެކު އޮންނަ ގުޅުން ބަދަހިކޮށް، އަންހެނުން ބާރުވެރިކުރުވުމާއި، މުޖުތަމަޢުގެ އިސް ސަފުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގައި ދެމިހުރުން ހިމެނެއެވެ.


ސިޔާސީ ފިކުރު
ފާއިޒާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާ ގުޅިވަޑައިގަތީ، ދިއްފުށްޓަށް މާނަހުރި ތަރައްޤީއެއް ގެނެވޭނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި ސަރުކާރު ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ގަބޫލުކުރައްވާތީއެވެ. އޭނާ ތާއީދުކުރައްވަނީ އިސްލާމީ އުޞޫލުތަކާއި، އެންމެން ޝާމިލުވާ، ދެފުށް ފެންނަ ޤައުމީ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށެވެ.
މުހިންމު ކާމިޔާބީތައް
ފާއިޒާގެ ޚިދުމަތުގެ ދިގު މާޒީގައި، އޭނާގެވެސް އެއްބާރުލުމާއެކު ހާސިލުކޮށްފައިވާ ބައެއް މުހިންމު ކާމިޔާބީތަކަކީ:
މީރު އައިލެންޑް ރިސޯޓާ ގުޅިގެން ދިއްފުށީގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ހޯދައިދިނުން
އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުން
ދިއްފުށީ ސްކޫލުގެ ކްލާސްރޫމްތަކަށް 65 އިންޗީގެ 6 ޓީވީ ހަދިޔާކުރުން
ބޯފެން ފިލްޓަރު ކުރާ ދެ މެޝިން (ފިނި ފެން ލިބޭ ގޮތަށް) ފޯރުކޮށްދިނުން
ޞިއްޙީ މަރުކަޒަށް ބެންޗު ހަދިޔާކުރުން
މި މަސައްކަތްތަކުންވެސް ރަށުގެ ތަޢުލީމާއި، އުމްރާނީ ތަރައްޤީއާއި، އާންމު ޚިދުމަތްތައް ރަނގަޅުކުރުމަށް އޭނާގެ ހިތުގައި އޮތް ވަރުގަދަ އަޒުމް ހާމަވެގެންދެއެވެ.



ރައްޔިތުންނަށް ދޭ މެސެޖު
ފާއިޒާ ހުންނެވީ ދިއްފުށި ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށެވެ. އިޖުތިމާޢީ މަސައްކަތްތަކާއި ހިންގުމުގެ ދާއިރާގައި ލިބިފައިވާ ގިނަދުވަހުގެ ތަޖުރިބާއާއެކު، އޭނާ ގަބޫލުކުރައްވަނީ އޭނާއަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާނެ ގާބިލު ލީޑަރެއް ކަމަށެވެ.
“އަޅުގަނޑު މިހުރީ ދިއްފުށި ތަރައްގީގެ އައު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވުމަށް ކެތްމަދުވެފައެވެ. ފެށުނީއްސުރެ އަޅުގަނޑު ކޮށްފައިވާ އިޖްތިމާއި މަސައްކަތް ތަކުގެ ތަޖުރިބާއާއި އެކު، ދިއްފުށި އިތުރަށް ކުރި އަރުވާ އަންހެނުން ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ އަންހެނެއްގެ ގޮތުން ސިޔާސީ ދާއިރާއަށް ނިކުން ފަރާތަކަކީ އެންމެ އެކަށީގެންވާ ފަރާތް ކަމުގައި ދެކި، ދިއްފުށީގެ ރައްޔިތުން އަޅުގަނޑަށް ދެއްވާ ތާއީދަށް ޝުކުރުއަދާކުރަމެވެ. އަދި، އިތުރަށް އަޅުގަނޑަށް މި މަސައްކަތުގައި ދެމި ހުރުމުގެ ފުރުސަތު ދެއްވުމަށް ދިއްފުށީގެ ރައްޔިތުން އަޅުގަނޑަށް ވޯޓް ދެއްވުމަށް އެދެމެވެ.” – ފާއިޒާ



