މާލެ ސިޓީއަށް އުފަން މއ. ތަބައްގެ އަދުނާން އާއި ތޮޅެންދޫ މަހްރީނާގެ އާޝިޔަތު އަލައިކާ އަދުނާނަކީ އަމިއްލަ ދިރިއުޅުމާއި ފަންނީ ދާއިރާއިން ވަރުގަދަ ބިންގަލެއް އަޅުއްވާފައިވާ ބޭފުޅެކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ އަލައިކާ އަކީ ތަޢުލީމާއި، ސިޔާސަތުތައް އެކުލަވައިލުމުގެ ތަޖުރިބާއާއި، މުޖުތަމަޢަށް އަމާޒުކުރެވިފައިވާ ތަޞައްވުރެއް އޮތް އައު ޖީލުގެ ލީޑަރެކެވެ.

ތަޢުލީމީ އަދި ފަންނީ ވަރުގަދަ ފަސްފަހަތެއް
އަލައިކާއަކީ ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީއަކާއި، ގްލޯބަލް ބިޒްނަސް އެންޑް އިންޓަނޭޝަނަލް ފައިނޭންސިންގްގެ ދާއިރާއިން އެލްއެލްއެމް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ޕަބްލިކް މެނޭޖްމަންޓާއި، ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ވެސް އޭނާ ވަނީ ޑިގްރީ ހާސިލްކުރައްވާފައެވެ. އަލައިކާގެ މި ތަޢުލީމީ ފަސްފަހަތުން ދައްކުވައިދެނީ ދައުލަތް ހިންގުމާއި، ޤާނޫނީ ނިޒާމުތަކާއި، އިޤްތިޞާދީ އޮނިގަނޑުތަކަށް އޭނާގެ ހުރި ފުން ހޭލުންތެރިކަމެވެ. އަދި މިއީ އާންމު ޚިދުމަތުގައި އޭނާ ބޭނުންކުރައްވަން ގަސްދުކުރައްވާ ވަސީލަތްތަކެވެ.

އަލައިކާ ވިދާޅުވި ގޮތުގައި އުމުރުން 18 އަހަރުން ފެށިގެން އޭނާ އަންނަނީ އާންމު ދިރިއުޅުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތައް އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވަމުންނެވެ. އެގޮތުން އަލައިކާގެ މަސައްކަތްތައް އަބަދުވެސް ބިނާވެފައިވަނީ އަންހެނުން ބާރުވެރިކުރުވުމާއި އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މައްޗަށެވެ. އަދި މިއީ އޭނާގެ ކެމްޕޭނުގެ މައިގަނޑު އަސާސްތައްވެސްމެއެވެ.
“އަބަދުވެސް އަޅުގަނޑުގެ ވަކާލާތަކީ ހެޔޮ ސިޔާސަތުތަކަށް ޖާގަ ހޯދައިދިނުން. އަޅުގަނޑު މަސައްކަތް ކުރި ކޮންމެ ތަނެއްގައިވެސް އިސްކަންދިނީ އަމަލީގޮތުން ނަތީޖާ ނެރެދޭނެ، އުސޫލުތަކެއް ކަނޑައެޅުމަށް” އަލައިކާ ވިދާޅުވިއެވެ.

މަޤްޞަދަކާއެކު ކުރިއަށް
ޤާނޫނީ ދާއިރާއިން ކުރިއަށް ދިއުމަށް ވަގުތު ހޭދަކުރުމަށްފަހު، އިންތިޚާބުގައި ވާދަކުރަން ނިންމި ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެޅި ފިޔަވަޅެއް ކަމަށް އަލައިކާ ވިދާޅުވެއެވެ.
އޭނާ ފާހަގަކުރައްވާ ގޮތުގައި މިއީ މާލޭގެ ރައްޔިތުން ސީދާ ވޯޓުން އިންތިޚާބުކުރާ މަޤާމަކަށްވުމާއެކު، އޭނާގެ ކެމްޕޭން ބިނާވެފައިވަނީ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، ހަޤީޤީ ޙައްލުތަކެއް ލިބިދޭނެ ސިޔާސަތުތަކެއް އެކުލަވައިލުމުގެ މައްޗަށެވެ.


“ޕީއެންސީ ޓިކެޓުގައި މި ފުރުސަތު ލިބުމުން އަޅުގަނޑު ނިންމީ މިއީ ޗެލެންޖެއް ގޮތަށް ނެގުމަށް. އެއީ ސިޔާސީ ގޮތުން ބަދަލެއް އަންނާތީވެ. ޑަބްލިއުޑީސީއަކީވެސް ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެވިދާނެ ތަނެއްކަން ސާބިތުކޮށްދިނުމަކީ ވަރަށް ބޭނުންވި ކަމެއް” އަލައިކާ ވިދާޅުވިއެވެ.


ހަޤީޤީ ނަތީޖާ ނެރުމަށް ސަރުކާރާއެކު މަސައްކަތްކުރުން
މާނަހުރި ތަރައްޤީއެއް ހޯދޭނީ ސަރުކާރާއި ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އަލައިކާ ޤަބޫލުކުރައްވައެވެ.
މިހާރުގެ ސަރުކާރުން ޑަބްލިއުޑީސީގެ ބަޖެޓު 8 އިންސައްތައިން 10 އިންސައްތައަށް އިތުރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ މިއީ ނަތީޖާ ނެރެދޭނެ މަސައްކަތްތަކެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ. ސަރުކާރާއެކު ގާތް ގުޅުމެއް ބާއްވައިގެން، މާލޭގެ އާއިލާތަކަށް ފައިދާކުރާނެ ދެމެހެއްޓެނިވި ޕްރޮގްރާމްތަކެއް ތަންފީޒުކުރުމަކީ އޭނާގެ އަމާޒެކެވެ.


އަދި ހާއްސަ ގޮތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޤައުމީ އަދި ސަރަހައްދީ ތަރައްގީގެ ޕްލޭންތަކުގެ ސަބަބުން އާއިލާތަކުގެ ބަދަހި އަދި ދުޅަހެޔޮކަމަށް، ޑަބްލިއުޑީސީގެ ފުރިހަމަ ބާރާއި އިހްތިޔާރާއި އެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ރާއްޖޭގެ އާބާދީގެ އެއްބައި އޮތް މާލޭ ސިޓއަށް އަމާޒުކޮށް ކުރެވިދާނެ ކަމަށް އަލައިކާ ޤަބޫލުކުރައްވައެވެ.
“ބަދަހި އާއިލާ” ގެ މައްޗަށް ބިނާވެފައިވާ ތަޞައްވުރެއް
އަލައިކާގެ ކެމްޕޭނުގެ މައިގަނޑު ޝިއާރަކީ ސާދާ ނަމަވެސް ވަރުގަދަ ތަޞައްވުރެކެވެ.
އޭނާ ޤަބޫލުކުރައްވާ ގޮތުގައި ޤައުމެއް ތަރައްގީވާނީ އެ ގައުމެއްގެ ރަށްތަކާއި ސިޓީތައް ތަރައްގީވެގެންނެވެ. ރަށްތަކާއި ސިޓީތައް ތަރައްގީވާނީ އެތަނުގައި ހުރި ކޮމިއުނިޓީތައް ތަރައްގީވެގެންނެވެ. ކޮމިއުނިޓީތައް ތަރައްގީޥާނީ އާއިލާތައް ތަރައްގީވެގެންނެވެ. އަދި މި އާއިލާތައް ތަރައްގީވުމުގައި އާއިލާގައި ތިބޭ އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ.


މި ޝިއާރާއެކު، އޭނާގެ ކެމްޕޭން ބިނާވެފައިވަނީ “ބަދަހި އާއިލާ” މި މަފްހޫމުގެ މައްޗަށެވެ. މި ޝިއާރުގެ ދަށުން ދޮރުން ދޮރަށް ހިނގިއިރު ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް ބިނާކޮށް ތިން މައިގަނޑު ދާއިރާއަކަށް އިސްކަންދިނުމަށް އަލައިކާ ވަނީ ނިންމާފައެވެ.
ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން
މާލޭގެ ތޮއްޖެހުމާއި ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އަލައިކާގެ އަމާޒަކީ:
އާއިލާތަކަށް ފަސޭހައިން ދެވޭނެ ޕާކުތަކާއި ހުސްޖާގަތައް ހުރިކަން ކަށަވަރުކުރުން
ފުތާހިރު، އަމާން އަދި ރައްކާތެރި މަގުތަކެއް ބިނާކުރުން
ސިޓީގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން


އާއިލާތަކަށް ދޭ އެހީތެރިކަން ވަރުގަދަކުރުން
ވަޒީފާ އަދާކުރާ ބެލެނިވެރިންނަށް ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އޭނާ ރާވާފައިވަނީ:
ކުދިން ބަލަހައްޓާނެ ޚިދުމަތްތައް (ޗައިލްޑްކެއަރ) ގާއިމުކުރުން
ސްކޫލް ނިމުމަށްފަހު ހިންގާ ޕްރޮގްރާމްތައް ތައާރަފުކުރުން
އާއިލާތަކުގެ ބުރަ ލުއިކޮށްދޭނެ ނިޒާމުތައް ފޯރުކޮށްދިނުން


މާލީ މިނިވަންކަން އިތުރުކުރުން
އަލައިކާގެ ވިސްނުން ހުރީ އަންހެނުން އިގްތިސާދީ ގޮތުންވެސް ބާރުވެރިކުރުވުމަށެވެ. އެގޮތުން:
އަންހެނުންގެ ކޯޕަރޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ފުޅާކުރުން
މީގެއިތުރުން ކުޑަ އިންވެސްޓްމަންޓަކާއެކު ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ފަދަ ‘ކޯ-ވޯކިންގް’ ޖާގަތައް އުފެއްދުން އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެއެވެ.


ރައްޔިތުންނަށް ދޭ މެސެޖު
އަލައިކާ ވިދާޅުވާ ގޮތުގައި އޭނާގެ ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންގެ އަޑުއަހައި، އެމީހުންގެ ހަގީގީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށެވެ.



“މި ކެމްޕެއިންގެ ދަތުރުގައި އަޅުގަނޑު އެންމެ އިސްކަމެއް ދިނީ ރައްޔިތުންގެ އަޑު ގާތުން އަހާ ކަންބޮޑުވުންތައް ދެނެގަތުމަށް. އަޅުގަނޑުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމަލީ ހައްލުތަކެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދަން. މާލެ ސިޓީގެ އާއިލާތަކަށް އުފާވެރި އަމާން އަދި ފަސޭހަ ދިރިއުޅުމެއް ހޯދައިދީ، ބަދަހި މުޖުތަމައެއް ބިނާ ކުރުމަކީ އަޅުގަނޑުގެ އެއް އަމާޒު. އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި، ކުރިއަށް އޮތް އިންތިހާބުގައި އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުންވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މާލެ ސިޓީގެ ރައީސާއަކަށް، އަޅުގަނޑު ކެނޑިޑޭޓު ނަމްބަރު އެކެއް އާޝިޔަތު އަލައިކާ އަދުނާނަށް ތިބޭފުޅުންގެ އަގުހުރި ވޯޓުދެއްވާ މި މަގާމަށް އަޅުގަނޑު އިންތިހާބުކޮށްދެއްވުމަށް.” – އަލައިކާ
އަދި ބަދަހި އާއިލާއެއް ބިނާކުރުމަށްޓަކައި، ދޫންޏަށް ވޯޓު ދިނުމަށް އަލައިކާ އެދިފައިވެއެވެ.




