އެމްޓީސީސީ ބަހަކުން ސައިކަލެއްގައި ޖެހި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެންމީހާގެ އަތުގެ ދެ ތަނަކުން ބިންދައިގެން ގޮސް މިއަދު އޮޕަރޭޝަން ކުރާނެ ކަމަށް އާއިލާއިން ބުނެފިއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ބުނެފައިވަނީ މާލެ ބްރިޖު ލައިޓް ކައިރިން އެމްޓީސީސީ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުޟޫމާތު ލިބުނީ ހޮނިހިރު ދުވަހު 15:14 ގައި ކަމަށާއި އަދި މި އެކސިޑެންޓްގައި ސައިކަލުން ވެއްޓުމުގެ ސަބަބުން 54 އަހަރުގެ އަންހެނެއްގެ ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އާއިލާއިން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ 12:15 އެހާއިރު ކަމަށެވެ. އަދި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައިވަނީ ސައިކަލު ފަހަތުގައި އިން 66 އަހަރުގެ މަންމަ އަށް ކަމަށެވެ.
“މަންމަ ބުނީ ބަސް ފަހަތުން އައިސް ޖެހުނީ މަންމަގެ ކޮނޑުގައި ކަމަށް. ދެން ކޮންމެ ގޮތެއްވިއަސް އެވަރުގެ ބަހަކުން ޖެހޭއިރު ސައިކަލުން ވެސް ވެއްޓޭނެ ދޯ. އަހަރުމެން ވެއްޓުނު ހިސާބަށްވުރެ 100 ފޫޓެއްހާ ދުރަށް ދިޔަ ފަހުން ބަސް މަޑުކުރީ. އެ މީހުން ބުނި އެހާ ގިނަ މީހުން ގޮވައިގެން ދަތުރު ކުރާއިރު ކުއްލިއަކަށް މަޑުނުކުރެވޭނެއޭ” އާއލާއިން ބުންޏެވެ.
އާއިލާއިން ބުނީ ސައިކަލު ދުއްވާފައި އައީ 25 ގައި ކަމަށާއި އެވަގުތު ބޮޑުތަކުރުފާނު މަގުގައި ވަރަށް އެއްޗެހިވެސް މަދު ކަމަށެވެ. އަދި ދުއްވާފައި އައީ ސައކަލު ލޭނުން ކަމަށާއި ބަސް ވަރަށް ބާރަށް އައިސް ޖެހުނީ ކުއްލިއަކަށް ކަމަށެވެ. އެކްސިޑެންޓް ހިނގި ފަހުން މަންމަ އައިޖީއެމްއެޗްގައި ބާއްވާފައި ވަނިކޮށް އެތަނުގެ ދެ ސްޓާފަކު ހާލު ބަލަން އައި ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް އާއިލާއިން ހާމަކުރެއެވެ. މަންމަ ޓްރީޓޮޕަށް ބަދަލުކުރީ އާއިލާގެ އެދުމުގެ މަތިންނެވެ.
އަދި ފަހުން ސައިކަލު ބަލާ ދިއުމުން ފުލުހުން ބުނީ ނުގަވައިދު ފަޅިން ސައިކަލުގައި ދަނިކޮށް ބަހުން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ސައިކަލު ދުއްވަން އިން ފަރާތުން ބުނީ ސައިކަލު ދުއްވާފައި އާއީ ގަވައިދު ފަޅިން ކަމަށެވެ.