- Advertisement -ad image

ނެއްލައިދޫ ކަނަމަދު މެޓާ ކޮންމެހެންވެސް ރަހަ ބަލަން ޖެހޭ އެއްޗެއް!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އުތުރުގައި އޮންނަ ހދ. ނެއްލައިދޫއަށް އަރައިގެން ދާއިރު މަގުތައްމަތިން ވެސް ރަށުގެ ރައްޔިތުންގެ ހީވާގިކަން ހާމަވެއެވެ. އަތިރިމަތީގައި ފަންގި ވިނުމާއި އަދި މަދުފަޅަން އަންހެނުން އިށީންދެގެން ތިބިއިރު ދެންމެ މަހުން ލެފި ދޯނިން މަހާއި އަދި ހުއިފި ލަނޑާ ކިރުމުގެ މަސައްކަތުގައި ފިރިހެންވެރިން އުޅެމުންދިޔައީ އަވަދިނެތި އެވެ.

ރަށުގެ ބޮޑެތި މަގުތައް ޖަރީވެފައިވަނީ ގޭގޭގައި މީހުން ހައްދާފައިވަނީ ބޯގަންވިލާ އާއި އަދި މި ނޫނަސް އެކި ބާވަތުގެ ފަތްޕިލާވެލިންނެވެ. ކުނިކަހާ ސާފުކޮށް އޮތް މަގުތަކަށް ބަލާލުމުންވެސް މިއީ ސާފުތާހިރު ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އެނގެއެވެ. މިއީ ކުށްމަދު އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ.

ޒަމާނުއްސުރެވެސް ނެއްލައިދޫ އަންހެންވެރިން އާމްދަނީ ހޯދުމަށް ކުރާ އެއް މަސައްކަތަކީ މިދިލިގަހުގައި ހުންނަ ކަނަމަދުން މެޓާ ގަނޑު ހިލުމެވެ. އެ އަތޮޅަށްވެސް މަޝްހޫރު މިމެޓާ ގާތްގަނޑަކަށް އެރަށުގެ ހުރިހާ ގެއެއްގައި ވެސް ތައްޔާރުކުރެ އެވެ.

ނެއްލައިދޫއިން މައުލޫމާތުދިން އެރަށުގެ ރައްޔިތެއްކަމަށްވާ ހުސެއިން މުހައްމަދު ވިދާޅުވިގޮތުގައި އެ ރަށުގެ އަންހެނުން ތައްޔާރުކުރާ މި ކަނަމަދު މެޓާ އެ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވިއްކަން ފޮނުވައެވެ. މިއީ ކުރަން ބުރަ މަސައްކަތެއް ނަމަވެސް އެ ރަށުގެ މީހުން މިކަން ކުރަނީ ވަރަށް ކުރާ ހިތުންކަމަށް ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

ކަނަމަދު މެޓާ ހެދުމުގައި އެ ރަށުގައި ތަފާތު ތިން ހަކުރެއް ބޭނުންކުރެއެވެ. އެއީ ދިޔާ ހަކުރާއި، އާދައިގެ ދޯބުރާލި ހަކުރުގެ އިތުރުން ގެރިކިރެވެ. މިތަނުންވެސް ދިޔާ ހަކުރު ލިބުން ދަތިކަމުން އެންމެ ގިނައިން ބޭނުންކުރަނީ ދޯބުރާލި ހަކުރާއި ގެރިކިރެވެ.

ކަނަމަދަކީ ނުހަނު އަނގަޔަށް މީރު އެއްޗެއް ނަމަވެސް އެއީ މިހާރު ލިބުން ވަރަށް ދަތި އެއްޗެކެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްތަކުން ކަނަމަދު ލިބުން ދަތިވުމުން ގިނަ މީހުން ކަނަމަދު ހޯދުމަށް ދަތުރުކޮށް އުޅެނީ ކައިރި ފަޅުރަށްރަށަށެވެ.

ހުސެއިން ވިދާޅުވިގޮތުގައި ނެއްލައިދޫގައި ކަނަމަދު މެޓާގަނޑު އެންމެ ފުރަތަމަ ތައްޔާރުކުރަން ފެށީ އިހުޒަމާނުގައި މާލޫދު ކިޔެވުމަށްފަހު ކައްކާ ކޭމަށެވެ. ނަމަވެސް މިހާރު މާލޫދު ކިޔެވުން ނޯންނާތީވެ، މި މެޓާ ގިނަ މީހުން ތައްޔާރުކުރަނީ އާމްދަނީ ހޯދުމަށް ކަމަށް ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

ނެއްލައިދޫގެ ކަނަމަދު މެޓާގެ އިތުރުންވެސް އެރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ ތަފާތު ގިނަ މަސައްކަތްތަކެއް ހުރެއެވެ. މިގޮތުން އަންހެންވެރިން ފަންގި ވިނުމާއި އަދި ތަފާތު ހެދިކާ ހަދާ ވިއްކުމަކީވެސް ކުރާ ކަމެކެވެ. އަދި ހުއފިލި ލަނޑާ ނަގާ އެ ވިއްކުމަކީވެސް އެރަށު ޒުވާނުންގެ މެދުގައި ވަރަށް ފޯރިއާއެކު ކުރެވޭ މަސައްކަތެކެ.

އެހެންނަމަވެސް މި ހުރިހާ ކަމަކަށްވެސް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ކައިރީގައި ރިސޯޓެއް ނެތުމާއެކު މި ތަކެތި މާރކެޓަށް ނެރެވޭނެ ގޮތެއް ނެތުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ