- Advertisement -ad image

މޮރޮކޯއިން ރާއްޖެއަށް: ކިނާން ކިޔަދެނީ ތައިކްވޮންޑޯ އިން ފެށި ދަތުރުގައި ރާއްޖެއަށް އާދެވުނުގޮތް!

ad image

ގުޅުންހުރި ލިޔުންތައް

ޝާރކް މާރޝަލް އެކަޑަމީގެ ތެރޭގައި ކުދިންނަށް ކޮރެއަން މާރޝަލް އާރޓްއެއް ކަމަށްވާ ތައިކްވޮންޑޯގެ އެކި ކަހަލަ އުކުޅުތައް ދަސްކޮށް ދިނުމުގައި އަވަދިނެތި އުޅެމުން ދިޔަ ޒުވާނަކީ ހަމަގައިމުވެސް ދިވެއްސެއް ނޫނެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގެ ރީތިކަމަށާއި އަދި މިތަނުގައި ތައިކްވޮންޑޯ ދަސްކުރަން ބޭނުންވެފައި ތިބި ކުދިންގެ ޝައުގުވެރިކަން ފެނި ރާއްޖެއަށް އާދަޔާ ހިލާފު ލޯތްބެއް ޖެހިފައިވާ ޒުވާނެކެވެ.

މާރޝަލް އާރޓްސްގެ ދުނިޔެއިން އުފަންވެފައިވާ ތައިކްވޮންޑޯ އަކީ ގިނަ ދިވެހިންގެ މެދުގައި މަޤްބޫލުކަމެއް ހޯދަމުން އަންނަ ކުޅިވަރެކެވެ. މިއީ ކޮރެއާ ނަސްލުން އައިސްފައިވާ ކުޅިވަރެކެވެ.

މޮރޮކޯއަށް ނިސްބަތްވާ އަދްނޭން ކިނާން މާރޝާލް އާރޓްސްގެ ދުނިޔެއަށް ވަނީ އުމުރުން އެންމެ 5 އަހަރުގަ އެވެ. ކިނާންގެ އެންމެ ފުރަތަމަ ކޯޗަކީ އޭނަގެ ބައްޕަ އެވެ. ބައްޕަގެ ގާތުން އުނގެނުމަށްފަހު ކިނާންވަނީ މާރޝަލް އާރޓްސް ދުނިޔޭގައި އެތައް ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ކިނާންވަނީ 2016، 2017 އަދި 2018ވަނަ އަހަރު މޮރޮކޯ ތައިކޮވޮންޑޯ ނެޝަނަލް ޗެމްޕިއަންކަން ހޯދާފަ އެވެ. ހަމައެހެންމެ ތައިކްވޮންޑޯ ބްލެކް ބެލްޓް ތިން ފަހަރު ހާސިލް ކުރުމަށްފަހު ކިނާންވަނީ އިންޓަރނޭޝަނަލް ބްލެކް ބެލްޓް ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ކިނާންގެ ކޯޗުގެ ކަމުގެ ދަށުން މިހާތަނަށް 16 ކުއްޖަކުވަނީ ތައިކްވޮންޑޯގެ ބްލެކް ބެލްޓް ހާސިލްކޮށްފަ އެވެ. ކިނާން ބުނިގޮތުގައި މިހާރު ގުނަމުންމިދަނީ 2008 ވަނަ އަހަރު ފެށި އޭނާގެ ކެރިއަރުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އޭނާއަށް ލިބިފައި ހުރި ހުނަރެއް އެހެން މީހަކަށް ދަސްކޮށްދިނުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއްކަމަށް ކިނާން ވަނީ ބުނެފަ އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ކިނާން އެންމެ ފުރަތަމަ ރާއްޖެއައީ ތައެކްވޮންޑޯ ރާއްޖެއަށް ފުރަތަމަ ތައާރަފްކުރި މާސްޓަރ އައްޔޫބް ޔާސީންގެ ދައުވަތަކަށެވެ. މި ދަތުރުގެ މަގްސަދަކަށް ވެފައި އޮތީ ރާއްޖޭގައި މާރޝަލް އާރޓްސްއިން ތަމްރީންވަމުން ދާ ކޯޗުންނާއި އެތްލީޓް ރެފްރީސްއަށް ކިނާންގެ ތަޖުރިބާ ހިއްސާކުރުމެވެ. އެހެންނަމަވެސް މި ދަތުރުން ކިނާންގެ ހިތް ރާއްޖެއަށް ދެވުނެވެ. އަދި ރާއްޖޭގައި ތައިކްވޮންޑޯ ދަސްކުރަން ބޭނުންވާ ޒުވާނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ތިބުމާއެކު ކިނާންގެ ކޯޗުކަމުގެ ދަށުން ބައިނަލްއަޤްވާމީ ޕްލެޓްފޯމަކަށް މި ކުދިން ގެންގޮސްދިނުމަށް އޭނާ ބޭނުންވި އެވެ.

ކިނާންގެ ނަޒަރުގައި ތައެކްވޮންޑޯ އަކީ އިހްތިރާމްދިނުމާއި އިހްތިރާމްބަލައިގަތުމުގެ ވައްތަރެކެވެ. އަދި ތައެކްވިންޑޯއަކީ މާރޝަލް އާރޓްސް ގެ ތެރޭގައި ހިމެނޭ އެހެން ބާވަތްތަކުގެ ކުޅިވަރާއި ހިލާފު ކުޅިވަރެކެވެ. މިއީ ސެލްފް ޑިފެންސްގެ މުހިއްމު ފިލާވަޅުތަކެއް ދަސްކޮށްދޭ ކުޅިވަރެއް ކަމަށް ކިނާން ވަނީ ސިފަކޮށްފައެވެ.

“ތައިކްވޮންޑޯ ފަށާއިރު ހުރިހާ ކަމެއްގެ ކުރިން އެންމެ ފުރަތަމަ ދަސްކޮށް މިދެނީ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިހްތިރާމް ކުރުމަށް. އަދި ސެލްފް ޑިފެންސް ކުރުމުގެމުހިއްމު އުކުޅުތައް މި ކުޅިވަރުން ދަސްކޮށްދޭ.” ކިނާން ބުނެފައި ވެއެވެ.

https://instagram.com/coach_kinane?igshid=YmMyMTA2M2Y=

ކިނާން ވަނީ މި ކުޅިވަރަށް ދިވެހި ރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކުން ދޭ އަހަމިއްޔަތުކަމާއި ޝައުޤުވެރިކަން އުފަލާއި އެކުގައި ފާހަގަކޮށްފަ އެވެ. އަދި ރާއްޖޭގައި ކުދިން ތަމްރީންކޮށްދިނުމުގައި އޭނާއަށް ހުރި އެންމެ ބޮޑު ދަތިކަމަކީ ރަނގަޅަށް އިނގިރޭސި ނޭނގުންކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެކުވެރިންގެ އެއްބާރުލުމާއެކު ކިނާންވަނީ އިނގިރޭސި އަދި ދިވެއްސަށް ވެސް ކޮންމެވެސް ވަރަކަށް ފަރިތަވެފަ އެވެ.

ރާއްޖޭގައި ތައިކެވޮންޑޯއަށް ކާމިޔާބު މުސްތަގްބަލެއް އޮތްކަން ފާހަގަކޮށް ކިނާން ވަނީ ކޮންމެވެސް އެއް ދުވަހަކުން އެ އެކަޑަމީގެ ކުޅުންތެރިއަކު އޮލިމްޕިކްއިން ވެސް ފެންނާނޭކަމުގެ އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

ހަމައެހެންމެ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާނަމަ ހިތްވަރާއެކު މަސައްކަތް ކުރުމަށް ކިނާން ވަނީ ނަސޭހަތް ދީފަ އެވެ.
“ބޮޑެތި ކަންކަމަށް ވަގުތު ނަގާނެ. އެކަމަކު އިންޝާﷲ މަސައްކަތް ކޮށްފިނަމަ ހުރިހާ ކަމެއް ވެސް ކާމިޔާބުވާނެ” ކިނާން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ