- Advertisement -ad image

ހަތް ދަރިންނާއި މި މަންމަ ދިރިއުޅެނީ އެއް ކޮޓަރީގައި: މިއީ ހިތްދަތި ދިރިއުޅުމެއް

ad image

ގުޅުންހުރި ލިޔުންތައް

ނާދިޔާމެންގެ އާއިލާއަކީވެސް ބޭރުފުށުން ބަލާނަމަ ވަރަށް އުފާވެރި އާއިލާއެކެވެ. މި އާއިލާގެ ހަތް މެމްބަރުންނަކީ ވެސް ހިނިތުންވުމަކުން ހިތުގެ ހުރިހާ ވޭނަކާއި ރިހުމެއް ފޮރުވާލައިގެން ދިރިއުޅެމުންދާ ބައެކެވެ.

އެކި މަސައްކަތް ކޮށްގެން ލިބޭ މަދު އާމްދަނީއިން ދެކޮޅު ނުޖެހުނަސް އެކަން އެހެން ބަޔަކަށް ދައްކާކަށް ނާދިޔާ ބޭނުމެއް ނުވެއެވެ. އަދި ލިބިފައި ތިބި ހަތް ދަރިންނަކީވެސް ސްކޫލް ތަކެތި ހަމަނުނުވިޔަސް، ހަފްތާއެއް ވަންދެން އެކައްޗެއް ކާން ޖެހުނަސް އަދި ނިދަން އަރާމު ތަންމައްޗެއް ނުލިބުނަސް ޝަކުވާކުރާނެ ކުދިންތަކެއް ނޫނެވެ.

މައިންނާއި އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަމްސް އެންޖީއޯއިން މި ފަހަރު ގެނެސްދީފައިވަނީ ނާދިޔާމެންގެ ދެމަފިރިންނާއި އެމީހުންގެ ހަތް ދަރިންގެ ވާހަކަތަކެވެ. އެ ޖަމިއްޔާއިން ވަނީ ނާދިޔާމެންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގެއަށް ކުރި ޒިޔާރަތުން ފެނުނު ހިތްދަތި ކުރުވަނިވި މަންޒަރުތައް އާއްމުންނާއި ހިއްސާކޮށްފަ އެވެ.

ނާދިޔާ ޒަވާޖީ ހަޔާތެއް ފަށާފައިވަނީ އުމުރުގެ ވަރަށް ކުރީކޮޅުގައެވެ. އަދި ކައިވެންޏަށް ދެ އަހަރުން ފެށިގެން ނާދިޔާއަށްވަނީ ގާތްގާތުގައި ހަތް ދަރިން ލިބިފަ އެވެ. މި ކުދިންގެ އުމުރަކީ 15 އަހަރާއި، 13 އަހަރު، 13، 10 އަހަރު އަދި އަށް އަހަރާއި ހަ އަހަރާއި، ހަތަރު އަހަރުގެ ކުއްޖެއްގެ އިތުރުން އެންމެ އަހަރެއްވީ ތުއްތު ކުއްޖެކެވެ.

ނާދިޔާމެން ކައިވެނިކޮށްގެން ދަރިން ލިބުމަށްފަހުގައި ވެސް ދިރިއުޅެމުންދިޔައީ ފިރިމީހާގެ އާއިލާގެ ގާތުގަ އެވެ. އެއަށްފަހު ފިރިމީހާއަށް ރަށުން ލިބިފައި ހުރި ގެވަޅުން ފުދުންތެރިކަން ހުރި މިންވަރުން ތަންކޮޅެއް ރޭނުމަށްފަހު އެތަނަށް ވަނީ ބަދަލުވެފައެވެ. ރަށުގައި ހުރި ގެއަށް ނާދިޔާމެން ބަދަލުވިއިރު އެއީ ހަތަރުފާރާއެކު ހުރި ހަމައެކަނި ފުރާޅެކެވެ. 12*14 ފޫޓުގެ ކޮޓަރިގަނޑަކާއި ކުޑަ ފެންޑާކޮޅެއްގެ އިތުރުން ދެން ހުރީ ކައްކަން ހުރި ކުޑަ ތަންކޮޅެކެވެ. ތުއްތު ކުދިންތަކަކާ އެކު ބޭނުންކުރަންޖެހޭ ފާހަނާހުރީ މާދުރުގަ އެވެ.

މި ކުޑަ ކޮޓަރީގައި ނާދިޔާމެން ނިދުމަށް އޮތީ އެންމެ ގޮދަޑި އެކެވެ. ތަރުފާލުގަނޑު އޮތީ ވީދިފަ އެވެ. އެހެންކަމުން ކުދިންނިދަނީ ފިލާގަނޑެއްގެ މަތީގައި ގޮދަޑި އަޅައިގެންނެވެ. މި ގޮދަޑީގައި ހަތަރު ދަރިން ނިންދެވުމަށްފަހު އަނެއް ތިން ދަރިންނާއި ނާދިޔާ ނިދަނީ ތަޅުގަނޑުގަ އެވެ. މިފަދަ ހާލެއްގައި ނިދަން ޖެހުމުން ކުދިން ގައިގާ ރިއްސުމާއި އަދި ސީލިން ނުކޮށް ހުރި އެ ކޮޓަރިއަށް ވާ ހޫނުން ކުދިން ނުނިދިގެން ދެއަތަށް ފުރޮޅޭތަން ބަލަން ނާދިޔާ އެތައް ރެޔަކު އިންނަން ޖެހެއެވެ.

ގޭގެ ފާރުތަކުގައި ސިމެންތި ޖަހާފައި ނެތުމުން ނަންނުގައްޗާއި އެހެން ދިރޭ ތަކެތީގެ އުނދަގޫ ބޮޑުކަމަށް މަމްސްއިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިއަށްވުރެވެސް ބޮޑަށް ނާދިޔާ ބިރުގަންނަނީ ފުރާވަރަށް އަރަމުން އަންނަ ކުދިން ތަކަކާއެކު މިފަދަ ނިކަމެތި ގެއަކުން ރައްކާތެރިކަން ނުލިބިދާނެ ކަމަށްޓަކައެވެ.

މަމްސް އެންޖީއޯއިން ވަނީ ނާދިޔާގެ ދިރިއުޅުމުގެ ހާލަތު އާއްމުންނާއި ހިއްސާކުރުމަށްފަހު ނާދިޔާއަށް އެހީތެރިވުމަށް ހުޅުވާލާފަ އެވެ. އަދި މިކަމަށްޓަކައި ޙާއްސަ ކެމްޕެއިނެއް ހިންގުމަށްވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

ނާދިޔާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަމްސް އެކައުންޓް ނަމްބަރު: 7730000294482 އަށް އެހީ ފޮނުވަމުން ގެންދިއުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ