- Advertisement -ad image

ވޯލްޑްކަޕުން މޮރޮކޯ ކެޓިއަސް އަހަރުމެންގެ ހިތްތަކުން ޖާގަ ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިވީއިރުވެސް މީ މިވަރުގެ ޓީމެއް ކަމެއް ހަމަ އެކަކުވެސް ހިތަށްވެސް ނާރުވައެވެ. ރެކޯޑަކާއެކު ސެމީ އާއި ހަމައަށް މޮރޮކޯ އައީ ފުޓްބޯޅައިގެ ތާރީހުގައި ރީތި ވާހަކަތަކެއް ލިޔަމުންނެވެ.
އެމީހުންގެ ކުޅުމުގެ ވައްޓަފާޅިއެވެ. މެޗުން މޮޅުވުމުން އުފާފާޅުކުރާ ތަފާތު ގޮތެވެ. މިސާލު ދައްކަމުން ދިޔައީ މުޅި ދުނިޔެއަށެވެ.
މައިންނަކީ އެމީހުން ކިހާ ގަދަރެއް ކުރާ މުހިންމު ބައެއްކަން ދައްކައިދެނީ ކޮންމެ މެޗަކަށް ފަހު އެފެންނަ މަންޒަރުތަކުންނެވެ.
މޮރޮކޯ ޓީމުވެފައިވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ ސެމީއާ ހަމައަށް އައި ފުރަތަމަ ޓީމުގެ ގޮތުގައެވެ.

ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް މޮރޮކޯ ގޮސް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ސްޕެއިންވެސް ބަލިކުރީއެވެ. އެ ހިސާބުން މޮރޮކޯގެ ވާހަކަ ދެކެވެން ފެށިއެވެ. ތަފާތު ޓީމެއް ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތައް ބުނަމުންދިޔައެވެ. ކޮންމެ މެޗަކުން މޮޅުވެ ފަލަސްތީނުގެ ދިދަ ހިފައިގެން ދަނޑުމަތީ ދުވެ ފޮޓޯނަގަން ފެށުން ހަޖަމު ނުވި އެތައް ބަޔަކު ތިއްބެވެ.
ނަމަވެސް މޮރޮކޯގެ ފަރުވާލެއް ނެތެވެ.

ކުއާޓަރ ފައިނަލުގައި ޕޯރޗްގަލް ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކުރުމުން މޮރޮކޯ ވެފައިވަނީ އެގައުމު ހިމެނޭ ބައްރުގެ ވޯލްޑްކަޕްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.
ނަމަވެސް ރޭ ސެމީފައިނަލުގައި ފްރާންސް އަތުން މޮރޮކޯ 2 0 ބަލިވީއެވެ.

އެކަމަކު ބުނަން ހެއްޔެވެ. ވޯލްޑްކަޕުން މޮރޮކޯ ކެޓިއަސް އަހަރުމެންގެ ހިތްތަކުން މޮރޮކޯ ޖާގަ ހޯދައިފިއެވެ. ތާރީހުގައި ލިޔާނީ މުސްލިމުންގެ ހިމާޔަތުގައި ނުވަތަ ދިފާއުގައި އަޑުއުފުލި މޮޅު ކުޅުމެއް ދެއްކި ޓީމެއްގެ ގޮތުގައެވެ. އިސްލާމީ ރީތި އުސޫލުތައް ދުނިޔެއަށް ދައްކަމުން މޮރޮކޯ މުބާރާތް ނިންމާލީވެސް ޝުކުރުގެ ސަޖިދައަކުންނެވެ. ކުޅިވަރުގެ ރީތި އެތައް މިސާލެއް ދުނިޔެއަށް ދައްކާފައެވެ.

މޮރޮކޯ ޓީމުގެ ކޯޗަށް އައްސަރިބަހުން ސާބަހެވެ. ތިޔަދިނީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ފިލާވަޅެކެވެ. އެނބުރިއައުން ވަރުގަދަ ކޮށް ދެން އޮތް މުބާރާތްތަކުގައި ކުރިއެރުމަށް އެދެމެވެ.
ގައިމުވެސް މޮރޮކޯ އަކީ މިފަހަރުގެ ވޯލްޑްކަޕްގެ އަހަރެންގެ ފޭވަރިޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ