- Advertisement -ad image

ސަފާރީ ވޯލްޑް ބެންކޮކް: ކުދިން ގޮވައިގެން ޖައްސާލަން ސަޅިތަނެއް އިނގޭ!

ad image

ގުޅުންހުރި ލިޔުންތައް

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅޭ ގައުމެކެވެ. މީގެ ކުރިން ތައިލެންޑަށް ގޮސް އުޅެނީ ވިޔަފާރިވެރިން އެކަނި ނަމަވެސް މިހާރު ސްކޫލް ޗުއްޓީ އާއި ދިމާކޮށް ކުދިން ގޮވައިގެން އެގައުމުގެ ވެރިރަަށް ބެންކޮކަށް ގޮސްއުޅޭ ދިވެހިންގެ އަދަދު ވަރަށް ގިނައެވެ.

ސަބަބުވެސް ވަރަށް ގިނައެވެ. ކުދިންގޮވައިގެން ގޮސް “އެންޖޯއި” ކުރެވޭނެ އެތައް ގޮތެއް ބެންކޮކްގައި ހުރެއެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ ސަފާރީ ވޯލްޑެވެ.

ސަފާރީ ވޯލްޑަކީ ބެންކޮކްގައި ހުންނަ އެންމެ މަގުބޫލު ޓުއަރިސްޓް އެޓްރެކްޝަންއެވެ. ސަފާރީ ވޯލްޑް ބެހިފައިވަނީ ދެ ޕާރކަށެވެ. އެއީ މެރިން ޕާރކް އަދި ސަފާރީ ޕާރކެވެ. މި ޕާރކް ހުޅުވާފައިވަނީ 1988 އަހަރުއެވެ. މި ޕާރކް ހުޅުވާފައިވަނީ 200 ހެކްޓަރުގެ ބިމެއްގައެވެ.

ކޮންމެ ދުވަހެެއްގެވެސް ހެނދުނު 9 ޖަހާއިރު ސަފާރީ ވޯލްޑް އާއްމުންނަށް ހުޅުވާލައެވެ. ޓިކެޓް ކައުންޓަރުތަކުން ޓިކެޓް ވަގުތުން ގަނެގެންވެސް ވަދެވޭނެއެވެ. އެކަމަކު ކުރިއަށް ދުރާލާ އޮންލައިންކޮށް ޓިކެޓް ނަގައިފިނަމަ ޖީބަށް ކޮންމެވެސް ވަރަކަށް ލުއިވާނެއެވެ.

ޑޮލްފިން ޝޯ
ކޮންމެ ދުވަހަކު ދެ ގަޑިއެއްގައި ޑޮލްފިން ޝޯ ބާއްވައެވެ. ޝޯގެ ގަޑިޖެހުމުގެ މާ ކުރިން މިތަނުގެ ގޮނޑިތައް ފުރެއެވެ. މިތަނުގައި ހުންނަ ކޯމަސްތަކަކީ ވަކި ގޮތަކަށް ތަމުރީނު ކުރެވިފައިވާ އެއްޗެހިތަކެކެވެ. ކުޑަކުދިން އެކަންޏެއް ނޫނެވެ. އަހަރުމެން ބޮޑެތި މީހުންނަށްވެސް އުމުރުން އެއްފަހަރު ނަމަވެސް ބަލާލަން މިއީ ހިތްގައިމު ޝޯއެކެވެ. ސަފާރީ ވޯލްޑްއަށް ގޮސްފިނަ ޑޮލްފިން ޝޯއަށް ކޮންމެހެންވެސް ވަދެވޭތޯ ބަލަންވާނެއެވެ.

ދޫންޏަށް ކާންދިނުން
ދޫންޏަށް ކާންދިނުމަށް ސަފާރީ ވޯލްޑްގައި ހަދާފައިވާ ސަރަހައްދަށް ވަދެވުމަކީވެސް އާދަޔާ ހިލާފު އިހުސާސެއް ކުރުވާ ކަމެކެވެ. އަޅުގަނޑުގެ ކުދިން ގައިމުވެސް އެންމެ ޝައުގުވެރިވި އަދި އެންމެ ގިނަ ވަގުތު ހޭދަކުރަން ބޭނުންވި ތަނަކީ މިއީއެވެ. ދޫނިކާއެއްޗެހި އަތަށް އަޅައިގެން ހުރުމުން ވަށައިގެން ދޫނިތައް އައިސް ގައިގެ އެތަން މިތަނުގައި ޖައްސާނެއެވެ. ވަރަށް އޮޅު މިދޫނިތައް މުޅިތަނުގައި އުދުހިފައި އުޅޭއިރު ވަރަށް ހިތްގައިމެވެ.

ޖިރާފަށް ކާންދިނުން
ދުނިޔޭގެ އެންމެ ކަރުދިގު ޖަނަވާރު ޖިރާފަށް ކާންދިނުމުގެ މަޖާ ތަޖުރިބާވެސް ސަފާރީ ވޯލްޑުން ކުރެވޭނެއެވެ. ޖިރާފަށް ކާންދިނުމަށް ކެރެޓް އަދި ފަތްވެސް އެތަނުގެ ކައުންޓަރުން ދޭނެއެވެ. މީވެސް ކުދިން ވަރަށް މަޖަލާ ފޯރިއާއެކު ކުރިކަމެކެވެ.

މީގެއިތުރުންވެސް ގިނަ ޖަނަވާރުތަކެއް މިތަނުގައި ހުރެއެވެ. އެ ޖަނަވާރުތައް ކައިރިން ބަލާލުމަށް ބަހުގައިވެސް ނޫނީ އަމިއްލައަށް ވެހިކަލެއް ނަގައިގެންވެސް ދިއުމުގެ ފުރުސަތު އޮވެއެވެ.

މިނިކާވަގު، ބާޒު، ރާމާމަކުނު އަދި ރީތި އެކި ދޫނިތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ސަފާރީ ވޯލްޑްގައި ހުރެއެވެ. ނަމަވެސް ފޮޓޯ ނަގަން ބޭނުންނަމަ ވަކިން ލާރިދައްކަން ޖެހޭނެއެވެ. ނަމަވެސް އެހެން ގިނަ ހިދުމަތްތަކަކީ ޓިކެޓް ގަތުމުން ހިލޭ ލިބޭ ހިދުމަތްތަކެވެ.


ކުދިން ގޮވައިގެން އުޅޭއިރު ކެއުމުގެ ކަންކަމާ ވިސްނާ ބެލެނިވެރިންނަށް ބުނެލަން އޮތީ މި ތަނުގައި ހުންނަ އިންޓަރނޭޝަލް ފުޑް ރެސްޓޯރަންޓުން އަހަރުމެންގެ ތެރޭގައި މަގުބޫލު ޗިކަން ބާރގާ އައިސްކްރީމް އަދި ބޮބާ ޓީއާއި ޖޫގޯ ފަދަ ފިނިބުއިންތައް ވެސް ލިބޭނެ ވާހަކައެވެ. މި ކިޔާލަދެވުނީ ސަފާރީ ވޯލްޑްގައި ހިމެނޭ ވަރަށް މަދު ނަމަވެސް އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ކަންކަމެވެ.
އަސްލު ތަޖުރިބާ ކޮށްލަން ކުދިން ގޮވައިގެން މިތަނަށް ޖައްސާލާށެވެ. އޭރަށް މި ކަންކަން ހަމަލޮލަށް ފެނިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ