ޔޫރޯ 2024ގެ ފުރަތަމަ މެޗު ޖަރުމަނުން ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފިއެވެ.
ޔޫރޯ 2024ގެ މެޗުތައް ރޭ ފެށިފައިވާއިރު، މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ސްކޮޓްލޭންޑް ވާދަކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށްފައިވަނީ 1-5 ގެ ނަތީޖާ އަކުންނެވެ.
ތިން ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނަށް އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅަށް ނުދިޔަ ނަމަވެސް، އަމިއްލަ ގައުމުގައި މި ފަހަރުގެ ޔޫރޯ ފަށާފައިވަނީ ވަރުގަދަކޮށެވެ.
މިއުނިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން 10 ވަނަ މިނިޓްގައި ލީޑުނެގީ ފްލޯރިއަން ވާޓްޒް ޖެހި ލަނޑުންނެވެ. އޭގެފަހުން މެޗުގެ 19 ވަނަ މިނެޓުގައި ކައި ވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޖަރުމަނު ޓީމުގެ ޒުވާން ފޯވާޑު ޖަމާލް މުސިއާލާ ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
ވާޓްޒްގެ މި ގޯލާއެކު އޭނާ ވެފައިވަނީ ޔޫރޯ ތާރީހުގައި މުބާރާތެއްގައި ފުރަތަމަ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
ޖަރުމަނުން ފުރަތަމަ ހާފު ނިންމާލި ތިންވަނަ ގޯލު ޖަހާފައިވަނީ ޕެނަލްޓީ އަކުން ހަވާޓްޒް ޖެހި ލަނޑަކުންނެވެ. މި ޕެނަލްޓީ ލިބިފައިވަނީ ކޮޓްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޖަރުމަނު ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލް އަކާއި ގުޅިގެންނެވެ. މި ފައުލާއި ގުޅިގެން ސްކޮޓްލޭންޑްގެ ޑިފެންޑަރ ރަޔަން ޕޯޓިއަސް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ޖަރުމަނުގެ ނިކްލަސް ފުލްކްރޫގް ވަނީ 68 މިނިޓުގައި ވެސް ގޯލެއް ޖަހާފައެވެ. އަދި ޖަރުމަނުގެ އެންމެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އެމްރޭ ޗާން އެވެ.
މި މެޗުގައި ސްކޮޓްލެންޑުން ލަނޑު ޖަހާފައިވަނީ 87 ވަނަ މިނިޓްގައެވެ. މިއީ ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން ނެގި ހިލޭ ޖެހުމަކުން، އެ ޓީމުގެ ސްކޮޓް މެކްކެނާ ބޮލުން ޖައްސާލި ބޯޅައެއް، ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
މި ގްރޫޕްގެ ދެން އޮންނަ މެޗުގައި މިއަދު ސްވިޒަލެންޑް ބައްދަލުކުރާނީ ހަންގޭރީއާ ދެކޮޅަށެވެ.