ދިއްފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024” މިއަދު ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ކުލަގަދަކޮށް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަނީސްއެވެ.


މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ނިމިގެންދިޔަ ސްޕޯޓްސް އެވޯރޑްގައި ފުޓްބޯލް އެތްލީޓް އޮފް ދަ އިޔަރ ލިބުނު ދިއްފުށީގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ރިޒުވާނުގެ އަގުވަޒަންކޮށް ކައުންސިލުގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ދީފައެވެ.

ދިއްފުށީ ކައުންސިލުން މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޝަނުން 3 ޓީމާއި ފިރިހެން ޑިވިޝަނުން 6 ޓީމެވެ. މި މުބާރާތުގެ ފުރަތަމަ ދުވަހު ދެ މެޗު ވަނީ ކުޅެފައެވެ.
ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ސަތޯރާ އަދި އެއިޓް ޓު ނައިން އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ވާނުވާ އެފްޓީ އަދި ސްޓެލްކޯ އެވެ.
މި މުބާރާތުގައި އަންހެނުންނާއި ފިރިހެނުންގެ ޑިވިޜަންތައް ހިމެނޭއިރު، ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމާއި، ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



