ދިއްފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ 2024 ގެ ފުރަތަމަ މެޗު ސަތޯރާ އިން ކާމިޔާބުކޮށްފިއެވެ. އެ މެޗުގައި ސަތޯރާއިން ވަނީ އެއިޓް ޓު ނައިން އާ ދެކޮޅަށް ކުޅެ، 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗު ކުޅުނީ ރޭ ދިއްފުށީ ފުޓްސަލް ދަނޑުގައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ސަތޯރާގެ ކެޕްޓަން ފާލިލެވެ. އޭނާގެ ގޯލާއެކު ސަތޯރާ ކުރިއަށް ދިޔަ ނަމަވެސް، އެއިޓް ޓު ނައިންގެ މުހައްމަދު ރީހާން ޖެހި ގޯލާއެކު އެ ޓީމަށް ވަނީ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓުތަކާ ހަމައަށްވެސް ދެ ޓީމު އޮތީ އެއްވަރުވެފައެވެ.


އެހެންނަމަވެސް، މެޗު ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް، ސަތޯރާގެ ނަޖާހު ވަނީ ގޯލެއް ޖަހައި، އެ ޓީމަށް މޮޅެއް ހޯދައިދީފައެވެ. މި ގޯލާއެކު ސަތޯރާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. .
މި މެޗްގެ މެން އޮފް ދަ މެޗަކަށް ހޮވުނީ ސަތޯރާ ޓީމުގެ ޖާރޒީ ނަމްބަރު 21 މުހައްމަދު ފާލިލް އެވެ.




