ދިއްފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ 2024 ގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ.
މި މުބާރާތުގައި މިރޭ ޖުމްލަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވެނީ މުބާރާތުގައި ވާދަކުރާ އަންހެނުންގެ ޑިވިޝަންގެ ފުރަތަމަ މެޗެވެ. އަންހެނުންގެ ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވާނުވާ ކުއީންސް އާއި ވިކްޓަރީ ވައިޕަރސް އެވެ.



އޭގެ ފަހުން ކުޅޭ ފިރިހެނުންގެ ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސްޓެލްކޯއާއި ވާނުވާ ޖޫނިއަރސް ބައްދަލުކުރާނެއެވެ. މިއީ ސްޓެލްކޯގެ މި މުބާރާތުގެ ދެވަނަ މެޗެވެ. ރޭގައި ކުޅުނު މެޗުން ސްޓެލްކޯ ވަނީ ބަލިވެފައެވެ.
މިރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ އެއިޓް-ޓު-ނައިން އާއި ސެވަން ސްޓާރއެވެ.
މުބާރާތުގެ ފުރަތަމަ ރޭގައި ކުޅުނު ދެ މެޗުން މޮޅުވެފައިވަނީ ސަތޯރާ އަދި ވާނުވާ އެފްޓީއެވެ. މި ދެ މެޗުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވާނުވާ އެފްޓީގެ ޒައިން ޒަފަރު ހެދި ހެޓްރިކެވެ.
ދިއްފުށީ ކައުންސިލުން މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޝަނުން 3 ޓީމާއި ފިރިހެން ޑިވިޝަނުން 6 ޓީމެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމާއި، ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެ ރޭގައެވެ.
މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ މެޓަލް ސައިން’ސްއެވެ.



