ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި 6-1 ގެ ނަތީޖާއަކުން ވާނުވާ ކުއީން މޮޅުވެއްޖެ އެވެ. މި މެޗުގައި ވާނުވާ ކުއީން ކުޅެފައިވަނީ ވިކްޓްރީ ވައިޕާސް އާއި ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ވާނުވާ ކުއީންގެ ފަރާތުން ޖެހީ ވާނުވާ ކުއީންގެ ޖާރޒީ ނަމްބަރު 6 ފާތުމަތު ޝާލިޔާއެވެ. އަދި ދެވަނަ ލަނޑު ޖަހައިދީފައިވަނީ ހަމަ އެ ޓީމުގެ ޖާރޒީ ނަމްބަރު 9 މަރިޔަމް އަނީޒާއެވެ. މި ދެ ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފުުރަތަމަ ހާފްގައެވެ.


މެޗުގެ ފުރަތަމަ ހާފް ނިމެން ފަހު މިނެޓުގައި ވިކްޓްރީ ވައިޕާސްގެ ފުރަތަމަ ލަނޑު ޖަހައިދިނީއެ ޓީމުގެ ޖާރޒީ ނަމްބަރު 11 އައިޝަތު ލައިބާއެވެ.


މެޗުގެ ފަހު ހާފުގައި ވާނުވާ ކުއީންގެ ފަރާތުން ވަނީ ހޫނު ހަމަލާތަކެއް ފޮނުވާފައެވެ. އެގޮތުން އެ ޓީމުން ވަނީ ފަހު ހާފުގައި އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މީގެ ތެރެއިން ދެ ލަނޑު ޖެހީ ޝާލިޔާއެވެ. މި މެޗްގައި ޝާލިޔާ ވަނީ ތިން ލަނޑުޖަހާ ހެޓްރިކެއްވެސް ހަދާފައެވެ.
ފަހު ހާފުގައި ހަމަ އެ ޓީމުގެ ޖާރޒީ ނަމްބަރު 19 ފާތުމަތު ނަޒީހާ އާއި ޖާރޒީ ނަމްބަރު 17 ރަހްމާ ރުޝްދީ ޖަހައިދިން ދެ ލަނޑާއެކު ވާނުވާ ކްއީން ވަނީ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާއަކީ ޝާލިޔާއެވެ. އޭނާގެ މޮޅު ކުޅުމާއި ހެޓްރިކާ އެކު، މިވަގުތު އޭނާ ފާހަގަކޮށްލެވެނީ އަންހެން ޑިވިޝަންގައި އެންމެ މޮޅު ކުޅުންތެރިޔާ ގޮތުގައެވެ. އަދި މި މެޗުގެ “ކުއީން އޮފް ދަ މެޗް” ގެ މަޤާމު ވެސް ލިބިފައިވަނީ ޝާލިޔާއަށެވެ.




