އިންޑިއާގެ ޝިލޮންގްގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ދިވެހި ޤައުމީ ޓީމު މިއަދު ވަނީ އެ ގައުމަށް ފުރައިފައެވެ. މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމީ ޓީމުގެ ކޯޗު ސުޒެއިން ވިދާޅުވެފައިވަނީ ތަޖުރިބާކާރު ކުޅުންތެރިން ގިނައިން ހިމެނޭ މި ޓީމުން ރަނގަޅު ނަތީޖާއެއް ހޯދޭނެކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.
ފްލައިޓުގައި ޖާގަ ނުލިބުމުގެ ސަބަބުން ޤައުމީ ޓީމުގެ ދަތުރު ވަނީ ދެ ގްރޫޕަކަށް ބަހާލަން ޖެހިފައެވެ. މިގޮތުން ފުރަތަމަ ގްރޫޕް މިއަދު ހެނދުނު 9:30 ގައި ފުރާފައިވާއިރު، ދެވަނަ ގްރޫޕް މެންދުރު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ދެ ގްރޫޕްވެސް ޝިލޮންގަށް ދަތުރުކުރާނީ އެއްކޮށެވެ
.ޝިލޮންގްގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށްފަހު، ޤައުމީ ޓީމު ނުކުންނާނީ އޭޝިއަން ކަޕް ކޮލިފައިންގ މެޗެއްގައި ފިލިޕީންސްއާ ދެކޮޅަށެވެ. މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސްގައި ކުޅޭ މި މެޗަކީ ކޮލިފައިންގ ރައުންޑުގެ ފުރަތަމަ މެޗެވެ.
މި އަހަރަކީ ޤައުމީ ޓީމަށް ވަރަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އެކަނި ވެސް ޖުމުލަ ހަ މެޗެއް ކުޅެން ޖެހެއެވެ. މީގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރާއްޖެއިން ބޭރުގައެވެ.
ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، ޖޫން 10 ވަނަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށް ކުޅުމަށްފަހު، އޮކްޓޯބަރު 9 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭނެއެވެ .ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ އޮކްޓޯބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ނޮވެމްބަރު 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، އަންނަ އަހަރުގެ މާރިޗު 31 ވަނަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭނެއެވެ.
ޤައުމީ ޓީމުން އެންމެ ފަހުން ބައިނަލްއަޤްވާމީ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައެވެ.