ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށް، މުބާރާތުގެ ތަށި ދިވެހި ސިފައިންގެ ކުލަބުން ހޯދީ 3-2 ސެޓުންނެވެ.
ރޭ ކުޅުނު ވަރަށް ވާދަވެރި މި މެޗުގައި ފުރަތަމަ ސެޓް ސިފައިން 26-24 އިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ އަދި ތިންވަނަ ސެޓް އެޗްޑީސީން ކާމިޔާބުކުރިއެވެ. އެގޮތުން ދެވަނަ ސެޓް 25-23 އިންނާއި ތިންވަނަ ސެޓް 25-22 އިން އެޗްޑީސީން ކާމިޔާބުކުރިއެވެ.
އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ސިފައިން އަލުން އަނބުރާ ތެދުވެ، 25-20 އިން މި ސެޓް ކާމިޔާބުކޮށް މެޗު ފަސްވަނަ ސެޓަށް ގެންދިޔައެވެ. ފައިސަލާކުރަނިވި ފަސްވަނަ ސެޓުގައި ސިފައިންގެ ކުޅުންތެރިން ދެއްކި ފޯރިގަދަ ކުޅުމާއެކު 15-10 އިން މި ސެޓް ކާމިޔާބުކޮށް، މުޅި މެޗު ކާމިޔާބުކުރިއެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ލުއިޒްއެވެ. މިދިޔަ އަހަރުގެ ވީއޭއެމް ކަޕްގެ ރަނަރަޕް ޓީމު ކަމުގައިވާ ދިވެހި ސިފައިންގެ ކުލަބުން މިފަހަރު ވަނީ ޗެމްޕިއަންކަމުގެ ތަށި އުފުލާލުމުގައި ކާމިޔާބުވެފައެވެ.



