އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްގެ ކިބައިން އެދިއްޖެއެވެ. ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގައި މުބާރާތްތައް ކުޅެ، ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބުމާ ގުޅިގެން އެ ގައުމުން ވަނީ އެހެން ގައުމުތަކުގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައެވެ.
އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށެވެ. އަދި ނޮވެމްބަރު 8 އިން 19 އަށް ރާއްޖޭގައި ތިބޭ މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ފަލަސްތީނާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ވާދަކުރާނީ އިންޑިއާ، އިރާން، ޗައިނީޒް ޓައިޕޭ އަދި ލުބުނާން ހިމެނޭ ގްރޫޕް ޑީގައެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 22 އިން 30 އަށެވެ.