“ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި މުބާރާތުގެ ފައިނަލް ދެމެޗް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ފައިނަލް މެޗުތަކުގައި ފުރަތަމަ މެޗުގައި މާލޭ ޓީމާއި އޭދަފުށީ ޓީމް ވާދަކުރިއިރު، ދެވަނަ މެޗުގައި ވާދަކުރީ ހުޅުދޫ ބޯއީސް އާއި އިންޑިއާ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ރަސްމިއްޔާތުގައި އަންހެން އަދި ފިރިހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސްގެ ވާދަވެރިންނަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރެވުނެވެ. އަދި ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސްގައި ބައިވެރިވި ހުރިހާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ކުޅުންތެރިންނަށް މެޑެއްޔާއި ޓްރޮފީ ދެވުނެވެ.
ސަރުކާރުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ހިމެނެއެވެ.