4 އަހަރަށް ފަހު ރާއްޖޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ފަށައިފިއެވެ.
ސާފްގެ ހަތް ގައުމުން ވާދަކުރާ މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.
މުބާރާތް ހުޅުވި މެޗުގައި ރާއްޖޭގެ އުންމީދީ ޒުވާން ޓީމުން ލަންކާއާއި ދެކޮޅަށް ކުޅުނު މެޗު ބައްލަވާލެއްވުމަށްޓަކައި ނައިބު ރައީސްގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެއްޓްރީ އާއި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ އަޙްމަދު ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭޝިއާ ފުޓްބޯޅައިގެ މުސްތަގުބަލުގައި ފެނިގެންދާނެ އެންމެ ހުނަރުވެރި ޖީލުގެ މެދުގައި ކުޅޭ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަކޮށްފައިވަނީ ސްރީލަންކާއާއެވެ. މިމެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ސްރީލަންކާޓީމެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާނާއި އެކު ގުރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. އޭޕްރީލް 03 ގެ ނިޔަލަށް މާލޭގައި އޮންނަ މި މުބާރާތުގައި ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރާއްޖެ ނިކުންނާނީ 25 ވަނަ ދުވަހުގެ ރޭ ބޫޓާނާއި ދެކޮށެވެ. ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ހަވީރު ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.



