އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރާ ގުޅޭގޮތުން އުފެދެމުންދާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، ޗެޓްޖީޕީޓީގައި ޕޭރެންޓަލް ކޮންޓްރޯލްސް ތަޢާރަފުކުރުމަށް އޯޕަން އޭއައި އިން ވަނީ ނިންމާފައެވެ.
އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ތަރައްޤީގެ މަރުހަލާތަކާ ގުޅޭގޮތުން އެކަށީގެންވާ ގައިޑްލައިންތަކެއް ކަނޑައެޅުމަށް އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ފީޗަރތައް ތަޢާރަފުކުރަން ނިންމާފައިވަނީއެވެ.
މި ބަދަލުތަކާއެކު، މައިންބަފައިންނަށް އެމީހުންގެ ޗެޓްޖީޕީޓީ އެކައުންޓްތައް ދަރިންގެ އެކައުންޓްތަކާ ގުޅުވުމާއި، މެމޮރީ އަދި ޗެޓް ހިސްޓްރީ ފަދަ ވަކި ފީޗަރތައް ބޭނުން ނުކުރެވޭގޮތް ހެދުމާއި، އުމުރާ ގުޅޭ މޮޑެލް ބިހޭވިއަރ ރޫލްސްތަކެއްގެ ތެރެއިން ޗެޓްބޮޓް ޖަވާބުދޭ ގޮތް ކޮންޓްރޯލް ކުރެވޭނެއެވެ.
މީގެ އިތުރުން، ޒުވާނުންގެ ކިބައިން ކަންބޮޑުވުމުގެ އަލާމާތްތައް ފެނިއްޖެ ހާލަތެއްގައި މައިންބަފައިންނަށް އެންގުމުގެ ނިޒާމެއްވެސް ތަޢާރަފުކުރެވޭނެ ކަމަށް އޯޕަން އޭއައި އިން ބުނެފައިވެއެވެ. މި ފީޗަރ ތަންފީޒުކުރުމުގައި މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ތަޖުރިބާކާރުންގެ ލަފާ ހޯދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ، 16 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވުމުގެ ހާދިސާއަކާ ގުޅިގެން ކެލިފޯނިއާގެ ދެ މަފިރިން އޯޕަން އޭއައި އާ ދެކޮޅަށް ދަޢުވާ އުފުލުމަށްފަހުގައެވެ. އެ ދެމަފިރިން ތުހުމަތުކުރާ ގޮތުގައި ޗެޓްޖީޕީޓީ އިން އެމީހުންގެ ދަރިފުޅުގެ ނޭދެވޭ އަދި އަމިއްލަ ނަފްސަށް ގެއްލުންދޭ ޚިޔާލުތަކަށް ބާރުދީފައިވެއެވެ.