އެޕްލިކޭޝަންތައް ބޭނުންކުރާ ގޮތް ޓްރެކްކުރުމުގެ ފީޗަރއިން އަމިއްލައަށް ވަކިވި މިލިއަނުން ގިނަ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ނަގާލި މައްސަލައިގައި އެމެރިކާގެ ޖޫރީއަކުން ގޫގުލްއަށް 425 މިލިއަން ޑޮލަރު ޖޫރިމަނާއެއް ކަނޑައަޅައިފިއެވެ.
ސަން ފްރެންސިސްކޯގައި ބޭއްވުނު ޝަރީއަތުގައި މި ނިންމުން ނިންމީ، ބޭނުންކުރާ ފަރާތްތަކުން އެކައުންޓް ސެޓިންގްސް ބަދަލުކޮށް މި ފީޗަރ ބޭނުން ނުކުރަން ނިންމި ނަމަވެސް، ތިންވަނަ ފަރާތުގެ އެޕްލިކޭޝަންތަކުން މައުލޫމާތު އެއްކުރުން ގޫގުލްއިން ހުއްޓާނުލާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ގޫގުލްގެ ތަރުޖަމާނު ޖޯސް ކަސްޓަނޭޑާ ވިދާޅުވީ، ގޫގަލްއިން ޕްރައިވެސީ ޓޫލްތަކުން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޑޭޓާ ކޮންޓްރޯލްކުރުމުގެ ބާރު ދޭކަމަށާއި، އަދި އެމީހުން ޕަރސަނަލައިޒޭޝަން އޮފްކުރުމުން އެ ނިންމުމަށް އިހްތިރާމްކުރާ ކަމަށެވެ. އަދި ކޯޓުގެ ނިންމުމަކީ ގޫގުލްގެ ޕްރޮޑަކްޓްތައް މަސައްކަތްކުރާ ގޮތް އޮޅިގެން ނިންމި ނިންމުމެއް ކަމަށާއި، އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހު ހުށަހެޅި މި މައްސަލައިގައި ހިމެނެނީ 98 މިލިއަން ގޫގުލް ބޭނުންކުރާ ފަރާތްތަކެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނީ ގޫގުލްއިން ވެބް އެންޑް އެޕް އެކްޓިވިޓީ ސެޓިންގްސްގައި ދީފައިވާ ޕްރައިވެސީ ޔަގީންކަމާ ޚިލާފަށް މޮބައިލް އެޕް ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށް ވިއްކާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ގޫގުލްއާ ދެކޮޅަށް ޕްރައިވެސީއާ ގުޅޭ އެތައް މައްސަލައެއް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި މި އަހަރުގެ މޭ މަހު ޓެކްސާސް ސްޓޭޓަށް 1.375 ބިލިއަން ޑޮލަރު ދައްކަން ޖެހުނު މައްސަލައެއް ހިމެނެއެވެ. އެއީ އެކަށީގެންވާ ހުއްދައެއް ނެތި މީހުންގެ މޫނުގެ ސިފަތަކާއި އަޑުގެ ރެކޯޑިންގ އެއްކުރި ކަމަށާއި، ލޮކޭޝަން ޓްރެކިންގ އޮފްކުރި ފަރާތްތަކުގެ ވެސް ލޮކޭޝަން ޓްރެކްކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައެކެވެ.