މިދިޔަ ހޯމަދުވަހު ތުރުކީއަށް ބާރުގަދަ ބިންހެލުންތަކެއް އައުމާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް 1.78 ބިލިއަން އެމެރިކާ ޑޮލަރު ތުރުކީއަށް ދިނުމަށް ނިންމާފައިވާކަން ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
އެގޮތުން ބުރާސްފަތި ދުވަހު ވޯލްޑްބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިފައިސާ މިވަގުތު ދިނުމުގެ އެންމެ ބޮޑު މަގުސަދަކީ ބިންހެލުމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެގައުމު ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމުގައެވެ.
އަދި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބޮޑުމިން ވަޒަންކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށް ހާއްސަ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބިންހެލުމުގައި ތުރުކީން 17 ހާހަށްވުރެ ގިނަ މީހުން މަރުވެ 45 ހާހެއްހާ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



